English Edition
Dhivehi Edition

މި މަހުގެ 23 ގައި ފަށާ ޔޫރޯ ކޮލިފައިން މެޗުތަކަށް އިންގްލެންޑުން ނެގި ސްކޮޑުން ޗެލްސީގެ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރ ރަހީމް ސްޓާލިން އަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.

އިންގްލެންޑުން މިއަދު އިއުލާނުކުރި 25 ކުޅުންތެރިންގެ ސްކޮޑުގައި އުމުރުން 28 އަހަރުގެ ރަހީމް ސްޓާލިން ނުހިމެނުނު އެންމެ ބޮޑު ސަބަބަކީ ފެބްރުއަރީ މަހުގެ ކުރީކޮޅު އޭނާ އަށް ކުރިމަތިވި އަނިޔާގެ މައްސަލައިގެ ސަބަބުން އަދިވެސް މުޅިން ފިޓު ނުވުމެވެ.

ކޯޗު ސައުތް ގޭޓް ބުނީ ރަހީމް ސްޓާލިން އިންގްލެންޑް ސްކޮޑުގައި ނުހިމަނަން ނިންމީ އޭނާ އަދިވެސް މުޅިން ފިޓު ނުވާތީއެވެ. އޭނާ ފިޓު ނަމަ ސްކޮޑުގައި ހިމަނާނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ.

ކޯޗު ސައުތް ގޭޓް މިހެން ބުނި ނަމަވެސް ފެބްރުއަރީ މަހުގައި ލިބުނު އަނިޔާއިން ރަނގަޅުވެ ސްޓާލިން ވަނީ ކުޅުމުގެ ތެރެއަށް އެނބުރި އައިސްފައެވެ.

އޭގެ ފަހުން ސްޓާލިން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ޗެލްސީ މޮޅުވެ ކުއާޓާއިން ޖާގަ ހޯދި މެޗުގައި ކުޅެފައެވެ. އެ މެޗުގައި ސްޓާލިން ރަނގަޅު ކުޅުމެއްވެސް ދައްކާ މުހިންމު ގޯލެއް ވެސް ވަނީ ޖަހައިފަ އެވެ.

ނަމަވެސް ޔޫރޯ ކޮލިފައިންގައި އިންގްލެންޑުން އިޓަލީ އާއި ޔޫކްރޭނާ ދެކޮޅަށް ކުޅޭ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ސްޓާލިން އަށް ފުރުސަތު ނުދޭން ސައުތުގޭޓް ވަނީ ނިންމާފަ އެވެ.

ކޮލިފައިންގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗު އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އިޓަލީއާއި ދެކޮޅަށެވެ.