English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 3/2006) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފި އެވެ.

މިބިލަކީ 27 ފެބުރުއަރީ 2023ގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މިބިލްގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުން ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާއިން ޚާއްޞަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި، ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ.

މީގެ އިތުރުން، ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމާއި ތަންފީޛުކުރުމުގައި ހުރި ދަތިތައް ނައްތާލުމަށްޓަކައި ކަމާގުޅޭ ޚާއްޞަ އުސޫލުތަކެއް ޤާނޫނުގައި ހިމެނުމާއި، ޤާނޫނާ ޚިލާފުވާ ޙާލަތްތަކުގައި އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތައް އިޞްލާޙުކުރުމާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުންވެސް ހިމެނެ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ މިބިލްގައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދިނުން ވަކި މާއްދާއެއްގެ ގޮތުގައި ވަނީ އިތުރުކޮށްފަ އެވެ. އަދި ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާއަށް މައާފުދީ ނުވަތަ ލުއިދެވޭނެ ޙާލަތްތައް ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓް ކުރުމަށާއި، ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ބޭނުމަށްޓަކައި، ސޮވްރިން ޑިވެލޮޕްމަންޓްފަންޑުގެ ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ކަސްޓޯޑިއަން އެކަންޓެއް ޤާއިމްކޮށް ބަލަހައްޓަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ. އަދި ދައުލަތުގެ ފައިސާއާ ހިސާބާއި ހިސާބުގެ ލިޔެކިޔުމުގެ ނިޒާމު ބަލަހައްޓައި ހިންގުމަށްޓަކައި، އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނު ކުރެވޭނެ ގޮތާއި، އެމަޤާމުގެ ޝަރުޠުތަކާއި މަސްޢޫލިއްޔަތައްވެސް ވަނީ ބިލްގައި ބަޔާންކޮށްފަ އެވެ.

މިބިލްގައި، ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމެއް ޤާއިމްކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމުގެ މަސްޢޫލިއްޔަތުތައް ބަޔާންކޮށް، 7 މެމްބަރުންގެ މައްޗަށް އެކުލެވޭ އިންޓަރނަލް އޮޑިޓް ކޮމިޓީއެއް އުފެއްދުމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމްގެ ކަންކަން ކަނޑައެޅުމަށްޓަކައި މި ބިލުގައި ވަނީ، ވަކި ޗެޕްޓަރެއް ހިމަނާފަ އެވެ. އަދި ހުއްދަ ނޫން ޢަމަލެއް އެއްވެސް ފަރާތަކުން ކުރިކަމަށް ތުހުމަތު ކުރެވިއްޖެނަމަ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ދަށުން ޢަމަލުކުރަންޖެހޭނެ ގޮތްތައްވެސް މިބިލްގައި ވަނީ، ބަޔާންކޮށްފަ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 7 ވަނަ ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ނެވެ.