English Edition
Dhivehi Edition

އުމުރުން 41 އަހަރުގެ އޭސީ މިލާން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗަށް ސްވިޑެން ގައުމީ ސްކޮޑުން ޖާގަ ދީފިއެވެ.

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ކުޅެވޭ ކޮލިފައިން މެޗުތަކުގެ ކުޅުން މި މަހުގެ 23 ގައި ފެށޭއިރު، ސްވިޑެން ގައުމީ ސްކޮޑް މިހާރުވަނީ އެކުލަވާލާފައެވެ. ކޮލިފައިން މެޗުތަކަށް ނެގި ސްވިޑެން ސްކޮޑުން އިބްރަހިމޮވިޗަށް ފުރުސަތު ދިންއިރު، އޭނާއަށް ވަނީ އެންމެ ފަހުން ގަތަރުގައި އޮތް ވޯލްޑް ކަޕް ކޮލިފައިން ކުޅުމަށް ސްވިޑެންއިން ނެގި ސްކޮޑުން ވެސް ފުރުސަތު ދީފައެވެ.

11 މަސް ދުވަސްވަންދެން ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށް ފަހު އިބްރަހިމޮވިޗް ކުޅުމުގެ ތެރެއަށް އެނބުރި އައީ ނިމިގެން ދިޔަ މަސްތެރޭގައެވެ. އަނިޔާގެ ސަބަބުން އިބްރަހިމޮވިޗް އަށް މިސީޒަނުގެ ބޮޑުބައެއް ގެއްލިފައިވާއިރު، އޭނާ އަށް އޭސީ މިލާނާއި އެކު މިހާތަނަށް އަދި ކުޅެވުނީ އެންމެ ތިން މެޗެވެ.

މީގެ ކުރިން ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރުމަށް ފަހު އިބުރަހިމޮވިޗް ގައުމީ ސްކޮޑަށް އެނބުރި އައީ ފަސް އަހަރު ފަހުން، 2021 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭގެ ފަހުން ސްވިޑެންގެ ގައުމީ ސްކޮޑުން އޭނާއަށް ފުރުސަތުލިބެއެވެ.

އުމުރުން 41 އަހަރުގައި ސްދިޑެން ގައުމީ ސްކޮޑުން އިބްރަހިމޮވިޗަށް ފުރުސަތު ދިންއިރު، ސްވިޑެން ގައުމީ ކޯޗު ޖެން އެންޑަސަން ބުނީ އިބްރަހިމޮވިޗް އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރިނަމަވެސް މިހާރު އޭނާ ފިޓް ކަމަށާއި، އެގޮތުން އެންމެ ފަހުން އެނބުރި އައިސް މިލާނުގައި ދެއްކި ކުޅުމުން އެކަން އެނގޭކަމަށެވެ.

މީގެ އިތުރުން އެންޑަސަން ބުނީ އިބްރަހިމިވިޗަކީ ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައިވެސް ތަފާތު ދައްކާ ކުޅުންތެރިއެއް ކަމަށާއި އޭނާގެ މުހިންމުކަން ޓީމަށް ވަރަށް ބޮޑު ކަމަށެވެ. އެހެން ކަމުން ޔޫރޯ ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުން އިބްރަހިމޮވިޗް އަށް ފުރުސަތު ދިނީ ކަމަށް ވެސް ކޯޗު ބުންޏެވެ.

ޔޫރޯ ކޮލިފައިންގައި ސްވިޑެން ކުޅޭ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ބެލްޖިއަމްއާއި ދެކޮޅަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު ސްވިޑެން ނުކުންނާނީ އަޒަރަބައިޖާންއާއި ދެކޮޅަށެވެ.