English Edition
Dhivehi Edition
2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯމެޓަށް ބަދަލުތަކެއް ގެނެސްފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވޯލްޑް ކަޕް ފޯމެޓަށް ގެނައި މި ބަދަލާއި އެކު މީގެ ކުރިން ކުޅެވުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްތަކާއި ޚިލާފަށް 2026 ގައި ބާއްވާ މުބާރާތުގައި 48 ޓީމު ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ހަތަރު ޓީމެވެ. އެއީ 48 ޓީމު 16 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކަށް ތިން ޓީމު ހިމަނައިގެން ގުރޫޕް ސްޓޭޖު ކުޅޭގޮތަށެވެ.
މީގެ ކުރިން ވޯލްޑް ކަޕުގައި ބައިވެރިވަނީ 32 ޓީމެވެ. 32 ޓީމުން 84 މެޗު ކުޅެން ހަމަޖެހިފައިވީއިރު، ދެން މި ބަދަލާއި އެކު 48 ޓީމުން 104 މެޗު ކުޅޭނެއެވެ. 48 ޓީމު ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭގޮތަށް 12 ގުޜޫޕަށް ބަހާލައިގެން ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު، ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމުގެ އިތުރުން އެންމެ ރަނގަޅު ނަތީޖާގައި ތިން ވަނައިގައި ނިންމާލާ އަށް ޓީމަށް ވެސް ނޮކްއައުޓް ބުރުން ފުރުސަތު ލިބޭނެ އެވެ.
ގްރޫޕް ސްޓޭޖަށް ފަހު ދެން ކުޅޭނީ ގަދަ 32 ޓީމުގެ ނޮކްއައުޓް ބުރެކެވެ. އެއީ މީގެ ކުރިން ކުރިން މުބާރާތްތަކުގައި ކުޅެމުން އައި ގަދަ 16 ގެ ނޮކްއައުޓް ބުރުގެ ބަދަލުގައެވެ. އަދި މި ބަދަލާއި އެކު ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމުގެ މެދުގައި ކުޅެވެމުން އައި ހަތް މެޗުގެ ބަދަލު ދެން ކުޅޭނީ އަށް މެޗެވެ.
ވޯލްޑް ކަޕް ފޯމެޓަށް ގެނައި މި ބަދަލާއި އެކު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފޯމެޓަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއީ ކުލަބު ވޯލްޑް ކަޕުގައި ވެސް 32 ޓީމު ވާދަކުރާ ގޮތަށެވެ. އެހެން ކަމުން 2025 ވަނަ އހަރުން ފެށިގެން ކުލަބް ވޯލްޑް ކަޕް މުބާރާތް ކުޅޭނީ 32 ޓީމާއި އެކުގައެވެ.