English Edition
Dhivehi Edition

ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާއި، މީސްތަކުންނަށް ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢުކުރައްވާފައިވާ ބަޔާނެކެވެ.

މި ޚުޠުބާ ރަނގަޅަށް އަޑުއަހާ އެއިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑު ނާހައި، މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙިދީޘްކުރައްވަނީ “ހުކުރު ޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުންލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. “މި ބަސްފުޅުން އެނގެނީ ޚުޠުބާ އަޑުއެހުމުގެ ސަވާބުން އޭނާ މަޙްރޫމުވެއްޖެކަމެވެ.\

ކަން މިހެން އޮތް ނަމަވެސް މިއަދު އަޅުގަނޑުމެންގެ މި މުޖުތަމަޢުން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ހުކުރު ޚުޠުބާއަކީ މާ މުހިންމު އެއްޗެއް ކަމަށް ނުބެލެވެއެވެ. ގިނަ މީހުން ހުކުރަށް ދާން މިސްކިތަށް ދިއުމަށް ދަނީވެސް ޚުޠުބާ ނިމެން ގާތްކޮށްލާފައެވެ. އެހެންނީ އެ ޚުޠުބާގެ އެއްވެސް އަސަރެއް ނުކުރާ ގޮތަށެވެ. ބައެއް މީހުން ޚުޠުބާ ކިޔާގަޑިއަށް މިސްކިތަށް ދިޔަ ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. ހުކުރަށް ގޮސް ގިނަ އަދަދެއްގެ ބަޔަކު ތިބެނީ މިސްކިތުން ބޭރުގައެވެ. އެ ތިބޭ ވަގުތު ވެސް ޚުޠުބާ އަޑުއެހުމަށް ވުރެ އެމީހުންނަށް މޮޅު ކަމަށް ވަނީ މޯބައިލް ފޯނާއި ކުޅެ ވަގުތު ދުއްވާލުމެވެ.

ކަންތައް މިހާހިސާބަށް ގޮސްފައިވާއިރު، ހުކުރު ނަމާދާއި ހުކުރު ޚުޠުބާއަކީ ގިނަ ބަޔަކަށް މާ ބޮޑަށް މުހިންމުކަމެއް ދެވޭ އަދި ސަމާލުކަމެއް ދެވޭ ކަމަކަށް ނުވެއެވެ. ނަމަވެސް ވިސްނާލަން ޖެހޭ ހަޤީޤަތަކީ ހުކުރު ދުވަހަކީ ހަފްތާގެ ތެރެއިން އަހަރެމެންނާއި ކުރިވާ އެންމެ މާތް ދުވަހެވެ. އަދި ދުނިޔެ މައްޗަށް އިރުއެރި ދުވަސްތަކުގެ ތެރެއިން އެންމެ މާތްކަމެއް ދެވިފައިވާ އެއް ދުވަސްކަމެކެވެ. ދިނީ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ހުކުރު ނަމާދަކީ މުޅި ހަފްތާގައި ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެކެވެ. އެހެން ކަމުން މިއީ އަޅުގަނޑުމެން ފަރުވާ ކުޑަކޮށްލަން ޖެހޭ ވަރަށް ވުރެ މާތްކަން ބޮޑުވެގެންވާ ނަމާދެކެވެ.

ހުކުރު ދުވަހު މިސްކިތަށް ދިއުން އަވަސް ކުރުމާއި ހުކުރު ދުވަހުގައި ދޭ ޚުޠުބާ ކަނުލާ އަޑުއެހުމަށް ހަމަ ކޮންމެ މީހަކުވެސް ސަމާލުކަން ދޭން ޖެހެއެވެ.