English Edition
Dhivehi Edition

ހުކުރު ދުވަހަކީ އެދުވަހަކަށް އިރުއަރާނެ އެންމެ މާތް ދުވަސް ކަމުގައި މާތް ރަސޫލާ صلى الله عليه وسلم ސިފަކުރެއްވަވާފައިވާ ހަފްތާގެ އެންމެ މާތް ދުވަހެވެ. އަދި ހުކުރު ދުވަހު ކުރުން ސުންނަތްވެގެންވާ ގިނަ ކަންތައްތަކެއްވާއިރު އޭގެތެރެއިން ބައެއް ކަންކަން މިލިޔުމުގައި ފާހަގަ ކޮށްލެވިފައިވާނެއެވެ.

އެގޮތުން މިސްކިތައް ވަންނަ ތަރުތީބު ލިޔުއްވުމަށް ހުކުރު ދުވަހު މިސްކިތްތަކުގެ ކޮންމެ ދޮރުކޮޅެއްގައި މަލާއިކަތްބޭލަކު ލިޔުއްވުމަށް ހުންނަވާނެކަނެކަމަށް އިރުޝާދު ދެވިފައިވާތީ މިސްކިތައް ޙުތުބާގެ ކުރިން އަވަހަށް ދިއުމަކީވެސް ސުންނަތެކެވެ.

ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ކަހަފް ސޫރަތް ކިޔެވުމަކީ ދެ ހުކުރުގެ ދެމެދު ނޫރެއް ލެއްވޭނެކަމެއްކަމުގައިވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”

މިސްކިތައް ވަދެ ސުންނަތުގެ ދެރަކްއަތް ކޮށްލުމަކީވެސް އަދާކުރެވޭނެ ސުންނަތެކެވެ.އިމާމް މީހާ ޙުތުބާ ފެށުމަށްފަހު މިސްކިތައް ދެވުނުކަމުގައިވިނަމަވެސް ދެ ރަކްއަތުގެ ނަމާދެއް ކޮށްލަންވާނެއެވެ.

ރަސޫލާ صلى الله عليه وسلم ގިނަ ގިނައިން ސަލަވާތް ކިޔެވުމަކީ ބަރަކާތަށްޓަކައި އަދާކުރެވޭނެ ސުންނަތެކެވެ.

ހުކުރު ދުވަހަކީ ދުޢާ އިޖާބަކުރައްވާ ވަގުތުކޮޅެއް އޮންނާނެ ދުވަހެއް ގޮތުގައި ވާރިދުވެފައިވާތީ ގިނަ ގިނައިން ދުޢާ ކުރުންވެސް ސުންނަތުގެ ގޮތުގައި ހިމެނެއެވެ.

އަދި މިކަންކަމުގެ އިތުރުންވެސް ހުކުރު ދުވަހު އަދާކުރެވޭނެ ސުންނަތްތަކެއް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުގައި ވާރިދުވެފައިވެއެވެ. އަދި ވީވަރަކުން ސުންނަތްތައް އަދާކުރުމަށް އާދަކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ.