English Edition
Dhivehi Edition

“އަލްޓިމޭޓް ޑެސްޓިނޭޝަން” ގެ ގޮތުގައި އެމްއެމްޕީއާރުސީ އިން ރާއްޖޭގެ މައުލޫމާތު ހިއްސާކޮށްފި އެވެ.

މި މައުލޫމާތު ހިއްސާކޮށްފައިވަނީ ޖަރުމަނުގެ ބާލިންގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) 2023 އިވެންޓުގަ އެވެ.

ޓްރެވްމީޑިއާއިން އިންތިޒާމްކުރާ އައިއެމްއެމް އަކީ ޖަރުމަނުވިލާތް، އޮސްޓްރިއާ އަދި ސްވިޒަލޭންޑްގެ ނޫސްވެރިން، އެޑިޓަރުން، އިންފްލޫއެންސަރުން، އަދި ބްރޯޑްކާސްޓަރުންނާ ދަތުރުފަތުރުގެ ދާއިރާއާ ގުޅުވައިދޭ ގްލޯބަލް ނެޓްވޯކިންގ އިވެންޓެކެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މި ހަރަކާތުގައި ބައިވެރިވާ އެގްޒިބިޓަރުންނަށް މި މާކެޓުގެ ޓްރެވަލް ޓްރޭޑާއި މީޑިއާއާ ބައްދަލުކުރުމަށް ޚާއްސަ އިވެންޓް ޓޭބަލެއް ކަނޑައަޅާފައި ވެއެވެ. އަދި ޕްރީ-ޝެޑިއުލް ކޮށްފައިވާ 24 ވަން-އޮން-ވަން އެޕޮއިންޓްމަންޓް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބުނެވެ. މި އަހަރު އައިއެމްއެމް ޖާމަނީގައި 100-110 ކުންފުންޏަކާއި 180-200 މީޑިއާ ބައިވެރިވި އެވެ.

އެމްއެމްޕީއާރުސީއިން މި ފުރުސަތު ބޭނުންކޮށްގެން ރައްޖޭގެ ތަފާތު ތަޖުރިބާތަކާއި ޚަބަރުތަކާއި މަންޒިލާ ބެހޭ މައުލޫމާތު މި މާކެޓުގެ ފަތުރުވެރިންނާއި، ޓްރެވަލް ޓްރޭޑް އަދި މީޑިއާއާ ހިއްސާކުރި އެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމަށް ކޮލާބޮރޭޓިވް ފުރުސަތުތައް ފަހިކުރުރިއެވެ. ޕްރީ-ޝެޑިއުލްކޮށްފައިވާ ބައްދަލުވުންތަކުގެ އިތުރުން އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި މުހިއްމު ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި މީޑިއާއާ ބައްދަލުކޮށް، މަޝްވަރާތަކުރި އެވެ.

ޖަރުމަނު މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އެއް މާކެޓެވެ. 28 ފެބްރުއަރީ 2023 ގެ ނިޔަލަށް ޖަރުމަނަކީ ރާއްޖޭގެ 5 ވަނަ ޓޮޕް ސޯސް މާކެޓެވެ. މި މުއްދަތުގައި ޖަރުމަނު މާކެޓުން ރާއްޖެއަށް 22,995 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މާކެޓް ޝެއަރގެ %6.6 އެވެ. އެމްއެމްޕީއާރުސީއިން އަންނަނީ މި މާކެޓުގައި މަންޒިލް އިތުރަށް ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، ހިންގަމުންނެވެ. މިގޮތުން 2023 ވަނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރ އައިޓީބީ ބާލިން 2023 ގައި ބައިވެރިވުން، ޖަރުމަނުގައި މޯލްޑިވްސް ރޯޑްޝޯއެއް ބޭއްވުން، އަދި މީޑިއާ އާއި އިންފްލޫއެންސަރ ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ. މީގެ އިތުރުން، ސޯޝަލް މީޑިއާ އަދި ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކާއި ޑެސްޓިނޭޝަން އީ-ލާނިންގ ޕްރޮގްރާމް ހިންގުމާއި ހައި އެންޑް ޕްރިންޓް މީޑިއާގައި އިޝްތިހާރުކުރުން ހިމެނެއެވެ.