English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރު އައިފަހުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ބަނދަރު ހެދުމުގެ މަޝްރޫއުތައް ކުރިޔަށް ދާ ގޮތް ސާފު ކޮށްދެއްވަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ ރަށްރަށުގެ ބަނދަރާއި ލަފާ ފުރުމުގެ މައްސަލަތައް ހައްލު ކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް 29 ރަށެއްގެ ފަޅު ފުން ކުރުމާއި މެއިންޓޭނަންސް ޑްރެޖިންގެ މަސައްކަތް ނިންމާފައިވާ އިރު 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްގެން 34 ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. “ހަތް ރަށެއްގައި ޖެޓީ ހެދުމަށް ވަނީ ހަވާލުކުރެވިފައި، މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ 16 ރަށެއް ވެސް އެބައޮތް،” މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރާއި ޖެޓީ ހަދަން 1.4 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރުވެސް އެބަ ހިނގާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ގިނަ ރަށްތަކުގައި ބަނދަރުގެ މަސައްކަތް ކުރިޔަށް ދަނީ ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށާއި އަދި އަމަލީ ގޮތުން އެ މަސައްކަތް ފެންނަން ފެށުމުން ބައެއް ބަދަލު ގެނައުމަށް ރައްޔިތުން އެދޭ ކަމަށެވެ. އެހެންކަމުން ބަނދަރުތަކުގެ މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ އެ ފަރާތްތަކަށް ފަސޭހަވާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. “މި ސަރުކާރުން ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ވެސް ކުރިޔަށް މި ގެންދަނީ ވީހާވެސް އަވަހަށް ނިންމާލުމަށާއި އެ މަސައްކަތް ނިންމާއިރު ރައްޔިތުން އެދޭ ގޮތަށް އެ މަޝްރޫއުތައް ނިންމާލަން. އެގޮތުން ލަފާ ފުރުމުގެ މައްސަލަތައް ހައްލު ކުރުމަކީ މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަސައްކަތެއް،” މިނިސްޓަރު ވިދާޅުވި އެވެ. މިއަދު ސުވާލު ކުރަން ލިބިނު ފުރުސަތުގައި މެމްބަރުންގެ ދާރިރާތަކުގެ ރަށްރަށުގެ ބަނދަރުތަކާ ބެހޭ ގޮތުން މިނިސްޓަރުން ވަނީ ސުވާލު ކުރައްވާފަ އެވެ.