English Edition
Dhivehi Edition

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށް އައްޑޫސިޓީގައި މިއަދު ހަވީރު ބޭއްވި ބައިސްކަލް ބުރު ކާމިޔާބު ކަމަށް ދަމަނަވެށިން ވިދާޅުވެއްޖެއެވެ.

މަރަދޫފޭދޫގައި ހުންނަ ދަމަނަވެށި ހިންގެވުމާ ހަވާލުވެ އިންނެވި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިޔުޓީ މެނޭޖަރު ޚަދީޖާ ހަފްސާ ވިދާޅުވީ ބައިސްކަލް ބުރުގައި 150 އަށްވުރެ ގިނަމީހުން ބައިވެރިވި ކަމަށެވެ. “އެ އަދަދަށް މީހުން ބައިވެރިވުމަކީ ލިބުނު ކާމިޔާބެއް ކަމަށް އަޅުގަނޑުމެންދެކެނީ. މުސްތަގުބަލުގައިވެސް މިފަދަ ހަރަކާތްތަކަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ވަރަށްބޮޑަށް އުންމީދު ކުރެވޭ،” ހަފްސާ ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތް ފަށައިފައިވަނީ ދަމަނަވެށި ކުރިމަތިންނެވެ. އެތަނުން ފަށައިގެން ހިތަދުއާވީ ކޮޅަށްގޮސް މަރަދޫ ބޮޑުމަގަށް އަޅައިގެންގޮސް ފޭދޫ ކޮޅުން (ގަން ކޯޒުވޭދިމާ) ލިންކު ރޯޑަށް ނުކުމެގެން އައިސް ބުރު ނިންމައިލީ ދަމަނަފެށިއޮފީސް ކުރިމައްޗަށެވެ.

ހަކުރު ބަލީގެ ދުވަސް ފާހަގަކުރަން ބޭއްވި ބައިސްކަލްބުރަކީ ދަމަނަވެއްޓާއި، ފޭދޫ ސިއްހީ މަރުކަޒާއި، މަރަދޫ ސިއްހީ މަރުކަޒުން އިންތިޒާމް ކޮށްގެން ބޭއްވި ހަރަކާތެވެ. ހަކުރުބަކީގެ ދުވަހު ބައިސްކަލް ބުރެއް ބޭއްވީ ކަސްރަތުކުރުމުގެ މުހިންމު ކަމާއި އޭގެ ފައިދާ މީހުންނަށް އަންގައި ދިނުމަށެވެ.

މިބުރުގައި ވަނީ އަޑުގަދަކުރާ ބޭނުންކޮށްގެން ހަކުރު ބައްޔާބެހޭ ތަފާތު މެސެޖުތައް ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. މިހަރަކާތަކީ ވަރަށްގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ބާއްވައިފައިވާ ހަރަކާތެކެވެ. އެހެން ކަމުން އެހީތެރިވެދިން އެންމެހާ ފަރާތްތަކަށްވެސް ދަމަނަވެށިން ޝުކުރު އަދާކުރެއްވިއެވެ.

އޭގެ ތެރޭގައި ކޯމަސް މޫސާ ދީދި، ލީނިއާ ބުކުޝޮޕް އަގީލް، ލިލީ ސްޓޯރ، އެފްއެންސީ ފާއިޒް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނަން ފާހަގަކުރެއްވިއެވެ.