English Edition
Dhivehi Edition

މި އަހަރުގެ ފެބުރުއަރީ މަހުގެ ހަވަނަ ދުވަހުގެ ރޭ ތުރުކީއާއި ސީރިއާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ދެ ގައުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޕޯޗުގަލް އާއި އަލް ނަޞްރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޭހާއި ކާބޯތަކެތި ހިމެނޭހެން ގިނަ އަދަދެއްގެ އެހީގެ ސާމާނު ހަދިޔާ ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސީރިއާއާއި ތުރުކީގައި ހާލުޖެހިފައިވާ މީހުންނަށް އެހީވުމަށް ރޮނާލްޑޯ އެހީގެ ތަކެތި ފޮނުވީ އެކަމަށް ޚާއްސަ މަތިންދާ ބޯޓެއްގައެވެ. އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ ތެރޭގައި ތުއްތު ކުދިންނަށް ބޭނުންވާނެ ތަފާތު ވައްތަރުގެ ކާނާ އާއި ބޮޑެތި މީހުންނަށް ބޭނުންވާ ކާނާގެ ބާވަތްތަކާއި، ކިރުގެ ބާވަތްތަކާއި ބާލީހާއި ބެޑްޝީޓު، އަދި ބޭސް ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ޓެންޓުތަކާއި ނިދާ އެނދުވެސް ހިމެނޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރޮނާލްޑޯގެ ދީލަތި އެހީ ބިންހެލުމުގައި ހާލުގައި ޖެހުނު ސީރިއާ އާއި ތުރުކީގެ މީހުންނަށް މީގެ ކުރިން ވެސް ފޮނުވާފައިވާއިރު، އެންމެ ފުރަތަމަ ފޮނުވީ އަށް މިލިއަން ޑޮލަރުކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެންމެ ފަހުން މަތިންދާ ބޯޓެއް ބަރުކޮށް ފޮނުވި އެހީގެ ތަކެތީގެ އަގުވެސް 350،000 އެމެރިކާ ޑޮލަރަށް އަރާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެތައް ހާސް ބަޔަކު މަރުވެ އެތަކެއް އާއިލާތަކެއް ހާލުގައި ޖެހުނު މި ކާރިސާގައި ޖުމުލަ 4.1 މިލިއަން މީހުނަށް އިންސާނީ އެހީތެރިންކަން ފޯރުކޮށްދީފައިވާ ކަމަށް އިންސާނީ އެހީދޭ ޖަމާޢަތްތަކުން ވަނީ ބުނެފައެވެ.