English Edition
Dhivehi Edition

ސްޕެނިޝް ކަޕްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން ރެއާލް މެޑްރިޑް އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

މި ނަތީޖާއާއި އެކު މުބާރާތުގެ ފައިނަލަށް ދިއުމަށް ބާސާއަށް ބޮޑުތަނުން ފަސޭހަވެގެން ދިޔައިރު، އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާސާގެ އަމިއްލަ ދަނޑުގައި ކުޅޭ ސެމީގެ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ ،މެޗުގެ ފުރަތަމަ ހާފުގައެވެ. ބާސާއިން ރެއާލް ކޮޅަށް ޖެހި މި ލަނޑު އެޓީމުން ޖެހިއިރު، މިއީ ރެއާލްގެ ބްރެޒިލް ޑިފެންޑަރު، އެޑާ މިިލިޓާއޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ 26 ވަނަ މިނިޓްގައި ބާސެލޯނާގެ ފްރޭންކް ކެސިއޭ، އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ފައިގައި ޖެހިފައި، ގޯލަށް ވަނީ މިލިޓާއޯ ފައިގައި ޖެހިފަ އެވެ.

މި ނަތީޖާއާއި އެކު ކުރީގައި އޮވެގެން ބާސާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ރެއާލުން ވަނީ ދެވަނަ ހާފަށް ނުކުމެ ނަތީޖާ އަނބުރާލަން ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. ނަމަވެސް ރެއާލް އަށް ބާސެލޯނާގެ ޑިފެންސް ފޫއަޅުވާލާ އެތީމުގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ރެއާލް އަށް ދެވިފައެއް ނުވެއެވެ.

ރެއާލުން އެންމެ ރަނގަޅު ހަަމަލާއެއް ދެވަނަ ހާފުގައި އުފެއްދީ ބަދަލަކަށް ކުޅެން އެރި ރޮޑްރީގޯ އެވެ. އޭރިއާބޭރުން ރޮޑްރީގޯ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މި ހާފުގައި ބާސެލޯނާ އިން ވަނީ ލީޑުފުޅާކުރަން ރަނގަޅު ފުރުސަތެއް ހޯދައިފަ އެވެ. އެ ގޮތުން، މެޗުގެ 74 ވަނަ މިނިޓްގައި ރެއާލް އޭރިއާތެރެއިން ކެސިއޭ ޖެހި ބާރު ބޯޅަ ހުއްޓުނީ ބާސެލޯނާގެ ފޯވާޑް، އަންސޫ ފާޓީ ފައިގައި ޖެހިފަ އެވެ.

ސްޕެނިޝް ކަޕް ސެމީ ފައިނަލް އަނެއް މެޗުގައި އޮސަސޫނާ އާއި އެތުލެޓިކް ބިލްބާއޯ ރޭ ބައްދަލުކުރި އިރު، ފުރަތަަމަ ލެގުގައި އޮސަސޫނާ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބިލްބާއޯ ބަލިކޮށްފަ އެެވެ.