English Edition
Dhivehi Edition

ބަރަކާތްތެރި ރަމަޟާން މަސް ފެށެން ދުވަސްތައް ކުޑަތަން ވަމުން އަންނަނީއެވެ. އާދަކާދައިގެ މަތިން އެ މަހަށް ތައްޔާރު ވުމަށް ކުރަންޖެހޭ ކަންކަން ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން ގެންދަނީ ކުރަމުންނެވެ. މުސްލިމުންނަށް އަހަރަކު އެއްފަހަރު ބައްދަލު ކުރާ މި ބަރަކާތްތެރި މަހުގެ ސަވާބާއި ދަރުމަ ހޯދުމަށް އެންމެންވެސް ދުރާލާ ގިނަ ކަންތައް ތަކެއް ކުރެއެވެ.

ބައެއް މީހުން ގޭތެރެ ސާފު ކޮށް ޒީނަތްރި ކުރުމުގައެވެ. އެގޮތުން ގޭގައި ކުލަލައި ފަރުނީޗަރު ސާމާނު އައުކޮށް ހަދައެވެ. އަނެއްބަޔަކު ރޯދަމަހަށް ކާބޯތަކެތި ގެއަށް ވެއްދުމުގައި އަވަދިނެތިއެވެ. އަނެއް ބަޔަކު ރަމަޟާންމަހު ކައްކާނެ މެނޫއާއި ދަޢުވަތުދޭނެ މީހުން ކަނޑައެޅުމުގައި އަވަދިނެތިއެވެ.. ރަމަޟާން މަހަށް ތައްޔާރު ވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިތޯ ބަލާލާއިރު، އެއީ އެކަމަކުން ރަމަޟާންމަހުގެ ދަރުމަޢާއި ޘަވާބު ޙާޞިލުވާނޭ އެންމެހާ ކަންކަމެވެ.

އޭގެ ތެރޭގައި ތެދުވެރި ތައުބާއަކުން ތައުބާވުން ހިމެނެއެވެ. ރަމަޟާން މަސް އައުމުގެ ކުރިން މީހާ ރޫޙު ތާޒާކުރުމަށް ފާފަތަކުން ހަށިގަނޑު ޠާހިރުކުރަންވާނެއެވެ. މީގެ އިތުރުން ރަމަޟާން މަހަށް ހަށިގަނޑު ތައްޔާރު ކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ކުއްލިއަކަށް ކެޔުމަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި ދުރާލައި ރާވާލައިގެން ރަމަޟާން މަހަށް ތައްޔާރުވުމުން، ކުރިމަތިވާ އުނދަގޫތައް ކުޑަ ކުރެވިދާނެ އެވެ. އެގޮތުން ހަށިގަނޑު ތައްޔާރުކުރުމުގައި އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ކަމަކީ ސުންނަތް ރޯދަތައް ހިފުން އިތުރު ކުރުމެވެ. ރަމަޟާން މަހަށް ހަށިގަނޑު ތައްޔާރު ކުރުމަށްޓަކާއި ރަމަޟާން މަސް ކައިރިވުމުން ސުންނަތް ރޯދަ ހިފަން ފެށުމުން ރޯދައަށް ހުރުމަށް ހަށިގަނޑު ތައްޔާރުކޮށްދެ އެވެ.

ރަމަޟާންމަހަށް ތައްޔާރުވާނީ މިއީ ތިބާގެ އެންމެ ފަހު ރަމަޟާން މަސްކަމަށް ދެކިގެންނެވެ. ދެން އަންނަ އަހަރުގެ ރަމަޟާންމަހާ ބައްދަލުނުވެދާނެކަމަށް ހިތަށް ގެނެސްގެންނެވެ. މަރަކީ ޔަޤީން އެއްޗެކެވެ. ދެން އަންނަ ރަމަޟާންމަސް އަންނަންވާއިރު ދުނިޔޭގައި ހުންނާނެ ކަމުގެ ގެރެންޓީއެއް ނެތެވެ. ވީމާ، މި ރަމަޟާންމަހަކީ ތިބާގެ އެންމެ ފަހު ރަމަޟާންމަސްކަމަށް ދެކި މިމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް މަސައްކަތް ކުރާށެވެ. ވީ މިންވަރަކުން ހެޔޮ ޢަމަލުކުރާށެވެ.