English Edition
Dhivehi Edition

ދިވެހިރާއްޖެއިން ފަލަސްޠީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު، އަލްފާޟިލް މުޙައްމަދު ޚަލީލް، ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސްއަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އުރުދުންގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައެވެ.

ރަސްމިއްޔާތަށް ފަހު ބޭއްވުނު ބައްދަލުވުމުގައި ފަލަސްޠީނުގެ ރައީސް، މަޙުމޫދު ޢައްބާސް ވަނީ ސަފީރު ޚަލީލަށް މަރުޙަބާ ދަންނަވައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ. ސަފީރު ޚަލީލުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ރައީސް ޢައްބާސްއަށާއި ފަލަސްޠީނުގެ ރައްޔިތުންނަށާއި ސަރުކާރަށް ވެދުމާއި މުބާރިކުބާދީ އަރިސްކޮށް ޝުކުރު އަދާކުރައްވާފައެވެ.

ސަފީރު ޚަލީލުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންގެ ދިފާޢުގައި ރައީސް ޞާލިޙުގެ ސަރުކާރާއި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ފަލަސްޠީނުގެ ޙާލަތަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގައިވެސް ޚާއްޞަ ކަމެއް ދެވިފައިވާ ޙާލަތެއްކަން ފާހަގަކުރައްވައި، 1967ގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރަމުންދާ ސިޔާސަތު ސަފީރު ޚަލީލު ތަކުރާރުކުރެއްވިއެވެ.

ރައީސް ޢައްބާސްގެ ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ފަލަސްތީނާއި ދޭތެރޭ ބަހައްޓަވާ ޚާއްޞަ ގާތްގުޅުން ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވައި، ރައީސް ޞާލިޙަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިޙްތިރާމާއި އެކު ވެދުން އަރިސްކޮށްދެއްވުމަށް ސަފީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި، މިނިވަން ފަލަސްޠީނެއް ޤާއިމުކުރުމަށް ފަލަސްޠީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ކުރަމުންދާ ތާއީދަށާއި މެދުއިރުމަތީ ސަރަޙައްދުގެ އަމަންއަމާންކަން ޤާއިމުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ރައީސް ޢައްބާސް ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއިން ވަކާލާތު ކުރަމުންގެންދާކަމަށްޓަކައި ތަޢްރީފުކުރައްވާ، ދިވެހިސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު މުޙައްމަދު ޚަލީލު، ރައީސް މަޙުމޫދު ޢައްބާސްއަށް ފަތްކޮޅުއެރުވުމާއެކު މިއީ ދިވެހިރާއްޖޭގެ ފަރާތުން ސަފީރަކު ފަލަސްޠީނުގެ ރައީސަކަށް ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 4 އޭޕްރިލް 1982 ގައެވެ.

މިބައްދަލުވުމުގައި ސަފީރު ޚަލީލްއާއެކު ރިޔާދުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ތާޑް ސެކްރެޓަރީ މަރިޔަމް ޝަފްވާ ބައިވެރިވެވަޑައިގެންނެވިއެވެ.