English Edition
Dhivehi Edition

ޖިންނީންނަކީވެސް ﷲ ތަޢާލާ ދުނިޔޭގައި ލައްވާފައިވާ އެއިލާހުގެ މަޚްލޫޤުންތަކެކެވެ. އެއީ އިންސާނުންނަށް ޣައިބުގައިވާ މަޚްލޫޤެކެވެ. ޖިންނީންގެ ތެރޭގައިވެސް މުއުމިނު ޖިންނީންނާއި ކާފިރު ޖިންނީންވެއެވެ. ﷲ ތަޢާލާގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ މައްޗަށް ބާވައިލެއްވި ޝަރީޢަތަކީ އެންމެހާ އިންސާނުންނާއި ޖީންނީންގެ މައްޗަށް އާއްމުވެގެންވާ ޝަރީޢަތެކެވެ.

ޖިންނި ޝައިޠާނުން އިންސާނުންނަށް ގޯނާކުރާ ވާހަކައަކީ ވަރަށް ޢާއްމުވާހަކައެކެވެ. ޖިންނީން އިންސާނުންނާއި އަވަލުމަށް މެދުވެރިވާ ތަފާތު ސަބަބުތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ އާންމު ސަބަބަކީ ކޮންމެވެސް ސިޙުރުވެރިއެއްގެ ސިޙުރުގެ ސަބަބުން ޖިންނި އަވަލުމެވެ. ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ.

“وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا ” – الجن 6-

މާނައަކީ: ” އަދި ހަމަކަށަވަރުން އިންސީންގެ ތެރެއިން ބަޔަކު މީހުން ޖިންނީންކުރެ ބައެއްގެ ކިބައިން ރައްކާތެރިކަމަށް (އެހީއަށް) އެދޭކަމުގައި ވިއެވެ. ފަހެ އެކަމުގެ ސަބަބުން ޖިންނީން އިންސީންގެ މައްޗަށް ގަދަވެ، އެމީހުނަށް ބިރުދައްކައި ހެދުމުގައި އިތުރުވިއެވެ.”

މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހުގައި ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ސިހުރުވެރިޔާ އަކީ އިންސީންގެ ޝައިތާނުންގެ ތެރޭގައި ހިމެނޭ ޝައިތާނެކެވެ. ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހު، އޭނާގެ އެކުވެރި ޝައިތާނީ ޖިންނީންނާ ދޯޅުވުމަށްޓަކައި މާތް ﷲ ހުއްދަ ނުކުރައްވާ އަމަލުތައް ކޮށްގެންނެވެ. އަދި ޝައިތާނާގެ ކިބައިން ސިހުރު ދަސްކުރަން އެދޭ މީހަކަށް އެކަން ދަސްކޮށްދޭނީ އޭނާގެ ދީނާއި އަޤީދާ އެ ޝައިތާނާއަށް ގުރުބާން ކުރުމަށް ފަހުގައެވެ.

ސިހުރުވެރިންނަކީ އިންސާނުން ދެކެ ލޯބި ނުވާ، ހިތުގައި އިންސާނުންނަށް އެއްވެސް އޯގާތެރިކަމެއް އަދި ކުލުނުވެރިކަމެއް ނެތް ޝައިތާނުން ތަކެކެވެ. ސިހުރުވެރިންގެ މަގުސަދަކީ މީހުން ގިލަންވެރި ކުރުވުމާއި، މީސްތަކުންނަށް ގޯނާ ކުރުމާއި އޮޅުވާލައިގެން އަގީދާ ބަލިކަށީ މީހުންގެ ސިކުނޑިތަކާއި ކުޅެގެން އެމީހުންގެ ޖީބު ތަނަވަސް ކުރުމެވެ.

މި ޒަމާނުގައި މީސް މީޑިއާ އިން ސިހުރު ހާހުރާ އާއި ދީނުގައި ހުއްދަ ނޫން އެތައް ކަމެއް ދަސްކޮށްދެމުން ދެއެވެ. ސިހުރުވެރިންނާއި ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް ގަބޫލުކުރާ މީހުންނަކީ އީމާންކަމުގެ ދާއިރާއިން ބޭރުވެފައިވާ މީހުންނެވެ.

ރަސޫލާގެ ހަދީޘެއްގައި އިންސާނުން ހަލާކު ކުރަނިވި ހަތް ކަމެއްގެ ތެރޭގައި އެންމެ ފުރަތަމަ ބަޔާންކުރައްވާފައި ވަނީ ޝިރުކު ކުރުމާއި ސިހުރު ހެދުމެވެ. އެއަށްފަހު މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ހައްގަކާއި ނުލާ މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ޖިހާދުގެ މައިދާނުގައި ހަނގުރާމައިގެ ވަގުތުގައި ފުރަގަސްދީ ފިލުމާއި، އިއްފަތްތެރި ސޯލިހު މުއުމިނު އަންހެނުންނަށް ޤަޛްފު ކުރުމެވެ. މި ބަސްފުޅަށް ވިސްނާލާއިރު، ސިހުރުގެ ނުބައިކަން މީހުން މެރުމަށް ވުރެ ބޮޑުކަން އެނގެއެވެ،

އެއީ ސިހުރުގެ ސަބަބުން މުޖުތަމައު ރޫޅި، އެކުވެރިން ހަތުރުވެރިވެ، ނާމަންކަން ފެތުރި، ސިހުރުވެރިންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، އާއިލާތައް ރޫޅުމަށް މެދުވެރިވާތީއެވެ. އަދި ސިހުރުވެރިންގެ ސަބަބުން ދުޅަހެޔޮ އެތައް ބަޔަކު ބަލި މީހުންނަށްވެ، އެތައް ބާއްޖަވެރިންނެއް އަބާއްޖަވެރިވެގެން ދެއެވެ.

އިސްލާމީ މުޖަތަމުތަކުގައި ސިހުރު ހާހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުންގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ، ހިތްތައް ހަރުވެ، ހަސަދަވެރިކަމާއި ރުޅިވެރިކަން އިތުރުވެ އަގީދާ ބަލިކަށިވުމުގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން މީސްތަކުން ވަހްމާއި، ޝައްކުގެ ތެރެއަށް ގެނބި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވުމުންނެވެ. ގޭގައި ޤުރްއާން ކިޔެވުމާއި ޒިކުރު ކުރުން މަދުވެ، ޝައިތާނާގެ ކުޅިސަމާ ކުޅޭ ވެށްޓަކަށް ގެދޮރު ބަދަލުވުމުގެ ސަބަބުންނެވެ. ސިހުރު ހާހުރައިން ސަލާމަތް ވެވޭނީ ﷲގެ ހަޟްރަތަށް ރުޖޫއަވެ، ދުއާކޮށް ޒިކުރު ކުރުން ގިނަކޮށްގެންނެވެ.