English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، މުޙައްމަދު ނަޝީދުގެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާދީއްތަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދުގެ މަންދޫބުން ގާސިމާ ބައްދަލު ކުރައްވާ ފޮޓޯއެއް ހިއްސާ ކުރައްވަވާފައެވެ .

ފިރުޝާން ވިދާޅުވީ ފިކުރެއްގެ ދިރުން ޓީމުގެ ފަރާތުން ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި ގާސިމާ ބައްދަލު ކުރެއްވީ ގދ. ގެ ކުރީގެ މެންބަރު މުޙައްމަދު ރަޝާދު ހުސައިން އާއި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސް ނަޝީދުގެ މަންދޫބުން ގާސިމާ ބައްދަލު ކުރައްވާފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ފަރާތުން ވެސް ދެ މަންދޫބަކު ވަނީ ގާސިމާ ބައްދަލު ކުރައްވައިފައެވެ. އެގޮތުން، ރައީސްގެ ފަރާތްޕުޅުން ޤާސިމް އާއި މަޝްވަރާކުރެއްވުމަށް ވަޑައިގަތީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒްއެވެ.

އެ ބައްދަލުވުމަށްފަހު ނިޔާޒު ވިދާޅުވެފައިވަނީ ލީޑަރު ގާސިމް އިބްރާހިމާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ މިސްރާބް ހުރީ ކޯލިޝަނާއެކު އެމްޑީޕީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ މަގަށް ކަމަށެވެ.

ނަމަވެސް ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެފައިވަނީ ޕާޓީން ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމާނީ ގައުމީ މަޖިލީހުގެ ޖަލްސާއިން ކަމަށާއި އަދި މިހާތަނަށް ޖޭޕީން ރިޔާސީ އިންތިޚާބާ ބެހޭގޮތުން ރަސްމީ އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.

މިދިޔަ އަހަރު ޖޭޕީގެ ލީޑަރު ގާސިމް ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން 2023ގެ ރިޔާސީ އިންތިޚާބުގެ ރޭހަށް ކޯލިޝަނަކާއެކު ވާދަކުރުން ވަރަށް ގާތްކަމަށް ވެސްވވަނީ ވިދާޅުވެފައެވެ.