އައްޑޫ ސިޓީ ގަމުގައި 180 ކޮޓަރީގެ 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވެފައިވާ ކަމަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ޗެއަރމަން އަޒާން އަހުމަދް ޒުހެއިރު ވިދާޅުވެއްޖެއެވެ.
ޕީއެސްެއެމް އަށް ދެއްވެވި އިންޓަވިއު އެއްގައި އަޒާން ވިދާޅުވެފައިވަނީ އެކުންފުނީގެ އަމާޒަކީ ކުންފުންޏަށް އާމްދަނީ ލިބޭ ދާއިރާތައް އިތުރުކުރުން ކަމަށެވެ. އެގޮތުން، މިއަހަރު ގަމުގައި 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވަމުންދާ ކަމަށެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވެފައިވަނީ ގަމުގައި ހިންގަން ތައްޔާރުވަމުން އަންނަނީ ދޫގަސް ހޮޓެލް މަޝްރޫޢާއި ބުޓީކް ހޮޓެލް މަޝްރޫޢު ކަމަށެވެ. އެއީ ޖުމުލަ 180 ކޮޓަރީގެ މަޝްރޫއެއްކަމަށާއި ބުޓީކް ހޮޓަލް މަޝްރޫއުގައި 50 ކޮޓަރި ތައްޔާރުކުރާއިރު ދޫގަސް ހޮޓެލް ގައި ތައްޔާރުކުރަނީ 130 ކޮޓަރިއެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ޗެއަރމަން އަޒާން އަހުމަދް ޒުހެއިރު ވަނީ ގަމުގައި މިއަހަރު 2 ހޮޓާ ތަރައްޤީކުރުމުގެ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމާއިބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ކުންފުންޏަށް އާމްދަނީ ލިބޭ ދާއިރާތައް އިތުރުކުރުން ކަމަށެވެ. އެގޮތުން، މިއަހަރު ގަމުގައި 2 ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއެއް ހިންގަން ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މި 2 މަޝްރޫއުގެވެސް ޓެންޑަރިން މަސައްކަތްކަމަށާއި، އަންނަ މަހު 2 މަޝްރޫއުވެސް ކުންފުންޏަކާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
ދޫގަސް ހޮޓެލާއި ބުޓީކް ހޮޓެލް ތަރައްޤީކުރުމަކީ އެކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވެ، ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއްކަމަށް އެކުންފުނިން ހާމަކުރައްވައެވެ.