މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކުރާނެ ކަމަށާއި، ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް ޢިމާރާތެއް ނިންމާ، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާފައި ވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި އެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.
މި މޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން ނިންމާފައިވަނީ ކުރިން ދޭނެކަމަށް ދެންނެވި ޢަދަދަށްވުރެ މާލެ ސަރަޙައްދުން ދޭ ގޯތީގެ ޢަދަދު، އިތުރުކުރުމަށް ކަމުގައެވެ. އަދި، އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ލޯނުގެ އެޕްލިކޭޝަންގެ 55 އިންސައްތަ ލޯނު އެޕްރޫވްކޮށް 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. ހަމަ އެއާއެކު އަތޮޅުތެރޭގައި ޢިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމާނެކަމަށާއި، އިތުރު 2،200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ހިންގަމުންދާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރަޙައްދީ ޓާރޝަރީ ހޮސްޕިޓާތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ކޮމިއުނިޓީ ހެލްތް ވޯކަރުންނާއެކު އަލުން އަނބުރާ ޕްރައިމަރީ ހެލްތްކެއަރގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ފަށައިފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ސެންޓަރ ފޮރ މެންޓަލް ހެލްތް މި ސަރުކާރުން ޤާއިމް ކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުންކަމުގައި ފާހަގަކުރައްވައި، 3،000 އަށްވުރެ މަތީގައި އޮތް ވެއިޓްލިސްޓް މިއަދު ވަނީ 411 އަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެ ސެންޓަރުގެ އިންޕޭޝަންޓް ކެއަރ ޔުނިޓް ހަދައި މިހާރު ޚިދުމަތްދޭން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދެވޭ މަދަދުވެރިން މުޅިރާއްޖޭގައި ޙަރަކާތްތެރިވެވޭނެ އިންތިޒާމަށް ޢަމަލީ ސިފަ އަންނަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން، ވޭތުވެދިޔަ އަހަރު ރާއްޖޭގެ 7 އަތޮޅެއްގެ 62 ރަށަކާއި 2 ސިޓީއެއްގައި މިފަދަ 430 ފަރާތަކަށް ބޭނުންވާ އަސާސީ ތަމްރީނު ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ޒުވާނުން ބާކީވެ މަގުމަތިވެދާނެ ފުރުޞަތު ނައްތާލުމަށް ސަރުކާރުން އިސްކަން ދޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށާއި ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ދެވޭ ތަމްރީނު ޕްރޮގްރާމްތައް ގިނަކޮށް، ހުޅުމާލޭ ހާފްވޭ ހައުސްގައި އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ތަޢާރަފްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެށްޓެއް ހޯދައިދިނުމަށް އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް އެތަންތަނަށް ކުދިން ބަދަލުކޮށް، 19 އަތޮޅުގައިވާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރތަކަށް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައި އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މި ޙަފްތާ ތެރޭ ހުޅުމާލޭގައި ހުޅުވިގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
މިންތީގެ ހަމަހަމަކަން ނެތި އިޖްތިމާޢީ ޢަދާލަތު ހިފެހެއްޓުމަށް ދަތިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ޖެންޑަރ އީކުއެލީޓީ އެކްޝަން ޕްލޭން ތަންފީޒްކުރަން މިއަހަރު ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ޒުވާނުން ކުރިއަށް ދިއުމަށާއި، މުނިފޫހިފިލުވުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބޭނުންވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލަވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމި، ރަނގަޅު ފެންވަރުގެ ވޮލީ، ބެޑްމިންޓަން އަދި ހޭންޑް ބޯލް ކޯޓުތަކާއި، ސިންތެޓިކް ޓްރެކްތަކާއި، ޓީޓީ ސެންޓަރުތަކާއި، 50 އަށްވުރެ ގިނަ އައުޓްޑޯ ޖިމް ޤާއިމްކޮށް ވަނީ ނިމިފައިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި، މިހާރު މި ސަރުކާރުން ވަނީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީއާއި، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދާ، މީގެކުރިން ކުޅިވަރު ކުޅުމުން މަޙްރޫމްވެފައި ތިބި ނުކުޅެދިންތެރިކަން ހުންނަ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދެވިފައި ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބައްލަވާލައްވަމުން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ 130 ސަރަޙައްދެއް ޙިމާޔަތް ކުރެވޭނެކަމަށާއި، އޭގެތެރެއިން 82 ސަރަޙައްދު ޙިމާޔަތް ކުރެވޭނީ މި ހިނގާ 5 އަހަރުގެ ތެރޭގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ. އަދި، މި 5 އަހަރުގެ ތެރޭގައި ޖުމްލަ 42.6 މެގަވޮޓްގެ އަވިން ޙަކަތަ އުފައްދާ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކޮށް ނިމޭނެކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިންޓަރނެޓް އަގުހެޔޮކޮށް އޭގެ ސްޕީޑް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެމަނިކުފާނު ވަނީ މުޅި ރާއްޖެ ޑިޖިޓައިޒްވުމަށް ބޭނުންވާ ޑިޖިޓަލް އައިޑީ އާއި ވަން-ގަވް މި އަހަރުގެ މާރިޗު މަހު ތަޢާރަފް ކުރެވޭނެކަމުގެ އުފާވެރި ޚަބަރު ރައްޔިތުންނަށް ދެއްވާފައެވެ.