English Edition
Dhivehi Edition

ޓީޗަރުންނަކީ ގައުމު ބިނާކުރުގެ އެންމެ މުހިންމު އަސާސެވެ. ޓީޗަރުންނަކީ ގައުމުގެ މުސްތަޤްބަލް ކުރަހައި އޭގައި ކުލަ ޖައްސައިދިނުމުގެ މުހިއްމު މަސްއޫލިއްޔަތު އަދާކުރާ ފަރާތެވެ. ގައުމު ހިންގާނެ ދަރިން އުފައްދާ މީހުންނެވެ. ގައުމުގެ މަންމައިންނެވެ. އެ މައިން ދަރިންނަށް ދައްކައިދޭން ޖެހޭނީ ރިވެތި މިސާލެވެ. ރިވެތި ނަމޫނާއެވެ. ކުޑައިރުއްސުރެ ޕްރިންސިޕަލުން ވަރަށް ގިނައިން ކިޔާތީ އަޑުއަހަމެވެ. ޓީޗަރުންނަކީ ދަރިވަރުންގެ ދެވަނަ މަންމައެވެ. އަޅުގަނޑު އެއްބަހެވެ. ޓީޗަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ. އެކަން އެންމެންވެސް ގަބޫލު ކުރެއެވެ. އަދި ހަމަ އެހެންމެ ޓީޗަރުން ކުރާ މަސައްކަތާ އެއްވަރުގެ މުސާރައެއް ދިނަސް ޓީޗަރުން ކުރައްވާ މަސައްކަތުގެ އަގު އަދާނުކުރެވޭނެ ކަން ޔަޤީނެވެ. އެމީހުންގެ މަސްއޫލިއްޔަތާ ޒިންމާ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑުވާތީއެވެ.

ނަމަވެސް ހާލަތު ބަދަލުވެއްޖެއެވެ. ޒަމާން ބަދަލުވެއްޖެއެވެ. ކުރިން ޓީޗަރުންގެ ކުރިމަތީ ހުރިހާ ދަރިވަރުންނަކީ ވެސް އެއްފަންވަރެއްގެ ބައެކެވެ. ލޯތްބާއި އަޅާލުން އެއްވަރަކަށް ދެވުނަސް މިހާރު އެކަން މާޒީވެ ނިމިއްޖެއެވެ. މުސްކުޅިން ބުނެ އުޅޭ ހަރުބަހެއް އޮވެއެވެ. ފަސް އިނގިލި އެއްވަރެއް ނުވާނެވެ. ހަމަ އެފަދައިން ހުރިހާ ޓީޗަރުންވެސް އެއްގޮތެއް ނުވާނެވެ. މީހަމަ ޤަބޫލް ކުރަންޖެހޭ ހަޤީޤގަތެކެވެ. އަބަދުވެސް ސުކޫލް ކިޔަވާ ދަރިވަރުންނަށް ތަފާތު ކުރާވާހަކަ ނޫސްތަކުގެ ފަލަ ސުރުޙީ ތަކަށް އަރައެވެ. ނަމަވެސް މިއަދު ސުކޫލް ދަރިވަރުންގެ ވާހަކަތައް އެއްފަރާތް ކޮށްލާފަ ކޮލެޖްތަކުގެ ދަރިވަރުންނަށް އަލި އަޅުވާލާނަމެވެ.

ކިޔެވުމަކީ ވަކި އުމުރެއް އޮންނަ ކަމެއް ނޫނެވެ. ކަށްވަޅަށް ދާންދެންވެސް ކިޔަވަން ހުރި މީހަކަށް ކިޔެވޭނެވެ. ކޮންމެ ދަރިވަރަކީ ކިޔަވާދޭ ކޮންމެ މޮޑިޔުލް އަކުން އެޗް.ޑީ ނުވަތަ ޑީސްޓިންކްޝަން ހާސިލް ކުރެވޭނެ ދަރިވަރެއްވެސް ނޫނެވެ. ކޮންމެ ދަރިވަރަކީ މޮޅު ދަރިވަރަކަށް ނުވެ ހިނގާދާނެވެ. އެކި މީހުންނަށް ލިބިފައިވަނީ އެކި ހުނަރުކަން މީ ޓީޗަރުންވެސް ޤަބޫލް ކުރަންޖެހޭ ކަމަކެވެ.

ނަމަވެސް އަދުގެ ޖީލުގެ ލެކްޗަރާއިންނަށް މިކަން ނުވިސްނުމަކީ ދެރަވެ ހިތާމަކުރަންޖެހޭ ކަމަކެވެ. ކްލާސްއެއްގެ ތެރޭގައި ބަސްމަދު ކުދިންނާއި މާދަރީ ބަސް ނޫން ބަސްތަކުން ފަސޭހަކަމާއި އެކު ވާހަކަ ދައްކަން ނޭންގޭ ނުވަތަ ޖެހިލުންވާ ދަރިވަރުން ތަކެއް ތިބޭ ކަމީ އަބަދުވެސް އެންމެން ދަންނަ ހަޤީޤަތެކެވެ. އަދި އިނގިރޭސި ބަހުން ވާހަކަ ނުދައްކާ އެތައް ބަޔަކީ އިނގިރޭސި ބަހުން މޮޅެތި ލިޔުންތައް ލިޔާވެސް ބައެކެވެ. ނަމަވެސް ކްލާސްތެރޭގައި ވާހަކަ ނުދައްކާ ނުވަތަ އިންގިރޭސީ އަށް ދޫފަރިތަ ނޫން ދަރިވަރުންނަކީ، އެއްވެސް އަގެއް އޮތް ބައެއް ނޫންކަން ދެކި ތަފާތުކޮށް ޖަޖް ކުރެވުމަކީ ވަރަށް ދެރަކަމަކެވެ.

އާއެކެވެ. ޒަމާނަށް އައި ބަދަލުތަކާއި އެކު ޓެކްނޮލޮޖީއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ތަފާތު އެކި އެކި ޕްލެޓް ފޯމްތައްވެސް ތަޢާރަފްވެއްޖެއެވެ. ފައިސާއަށް އެސައިންމެންޓް ހަދާ މަތީ މާކްސް ހޯދުމަކީ ޢާއްމު ކަމަކަށްވެއްޖެއެވެ. ބޮޑެތި އަގުތައް ދީފައި ޕީއެޗްޑީ އާއި މާސްޓަސް ނުވަތަ ޑިގްރީ ހާސިލް ކުރުމަކީ މިހާރު ފެންފޮދެއް ދިރުވާލުން ކަހަލަ ކަމަކަށް ވެއްޖެއެވެ. މިކަން ކަމަށް ރިޢާޔަތްކޮށް ކޮލެޖްތަކުގެ ދަރިވަރުންނާއި މެދު ލެކްޗަރާއިންގެ ވިސްނުން ތަފާތުވުމަކީ އެކަށީގެންވާ ކަމަކެވެ.

ނަމަވެސް ހުރިހާ ކުދިންނަކީ މި ދެންނެވި ގޮތަށް ކަންތައް ކުރާނެ ދަރިވަރުންތަކެއް ނޫންކަން މިއަދު ގަބޫލްކުރަންޖެހެއެވެ. ހުރިހާ ދަރިވަރުންނަކީ ބޮޑެތި އަގުތައް ދީފައި އެސައިމެންޓްތައް ހެދޭނެ ދަރިވަރުން ތަކެއް ވެސް ނޫނެވެ. ހުރިހާ ދަރިވަރުންނަކީ ކިޔެވުމަށް މަކަރު ހަދައި އޮޅުވާލާ ދިރިއުޅުން ބައްޓަން ކުރާނެ ދަރިވަރުން ނޫންކަންވެސް މިއަދު ގަބޫލްކުރަންޖެހެއެވެ. ވީމާ، އެންމެ ދަރިވަރަކު ކުރާ ކުށަކަށް ދެންތިބި ހުރިހާ ދަރިވަރުންނަށް އަދަބު ލިބުމަކީ އިންސާފްވެރިކަމެއް ތޯއެވެ؟

އަދި މީގެ އިތުރުން ކިޔަވައިދޭ ލެކްޗަރާއިން ތެރޭގައި ވެސް ތަފާތު ވިސްނުމެއް ގެންގުޅޭ ލެކްޗަރާއިން އުޅޭކަން މިއަދު ކިޔަވާ ދަރިވަރުންނަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. އަޅުގަނޑާ ހިއްސާކުރި ކޮލެޖް ކިޔަވާކުއްޖަކު ބުނީ، އެ ލެކްޗަރާއަށްވުރެ މަތިން މާކްސް އެއް ދަރިވަރުންނަކަށް ލިބޭކަށް ބޭނުންނުވާ ލެކްޗަރާއިން ވެސް އުޅޭކަމެވެ. އެކަމުގެ ބޮޑު ހެއްކަކީ ކިތަންމެހާ މޮޅަށް އެސައިންމެންޓް އެއް ހަދާފައި ހުއްޓަސް ޕާސް މާކްސް އެއް ނޫން އިތުރު މާކްސް އެ މޮޑިޔުލް ކިޔަވާދޭ ލެކްޗަރާ ނުދޭކަމެވެ. އެ ލެކްޗަރާގެ ޝަކުވާ ހުށަހަޅާފިއްޔާ އެ ކުއްޖަކަށް ޒާތިވެއެވެ.

ކޮލެޖްތަކުގެ ދަރިވަރުންނަކީ ކުޑަކުދިންނެއް ނޫނެވެ. ގިނަ ދަރިވަރުންނަކީ ޒިންމާދާރު ވަޒީފާތަކެއް އަދާކުރާނެ ބައެކެވެ. ވީމާ، ކިޔަވަދޭ ލެކްޗަރާއިން ވެސް ކިޔަވާދޭއިރު އެ ދަރިވަރުންނަށްވެސް ރެސްޕެކްޓް އެއް އަދާ ކުރުން މުހިއްމެވެ. އެންމެން ކުރިމަތީގައި ތީ އިނގިރޭސި ދެބަސް ގުޅުވާލާކަށް ނޭންގޭ ދަރިވަރެކޭ ބުނުމަކީ އެ ދަރިވަރަކު ކިޔެވުމަށް ޑީމޯޓިވޭޓް ވެދާނެ ކަމަކެވެ.

އެހެންކަމުން، ހުރިހާ ލެކްޗަރާއިން ވެސް މިކަންކަމަށް ވިސްނާލުން މުހިއްމެވެ. ވީމާ، މި ސުވާލު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ. ލެކްޗަރާއިން ކުދިންނަށް ޒާތީވެދާނެހެއްޔެވެ؟