English Edition
Dhivehi Edition

މިމަހުގެ ހަތަރުވަނަދުވަހު ހަވީރު މަހަށް ނުކުމެ އުޅެނިކޮށް ޑިންގީއެއް ބަންޑުންވެ ފުލުހަކު ގެއްލިފައިވާ މައްސަލައިގެ ތަހުގީގަށް އެމީހުން ދަތުރުކުރި 17 ފޫޓުގެ ލޯންޗު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ސަދަން ޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ އެ ލޯންޗު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށެވެ. ކެރޭނެއްގެ އެހީގައި ލޯންޗު އެއްގަމަށް ނަގައި މިހާރުވަނީ ގަންޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ލޯންޗު ގެންދިޔައީ އެމައްސަލައާ ގުޅޭ ބައެއް ހެކި ހޯދުމަށް ފޮރެންސިކް ތަހުލީލެއް ކުރުމަށެވެ. ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެކަމާބެހޭ އިތުރު މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. ސުމައިދާއެކު ލޯންޗުން ދަތުރުކުރީ ސ. ފޭދޫ ހުސައިން ސައީދާއި، އަހުމަދު ނާފިއުއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ލޯންޗު ގެންދިޔަސް ނާފިއުއާއި ހަސަން ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދެއެވެ. އެހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ކޯޕްރަލް ސުމައިދު މުހައްމަދު (ސުމޭ) އެވެ. އޭނާއަކީ އައްޑޫ ހިތަދޫ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެއެވެ.