English Edition
Dhivehi Edition

މަޝްހޫރު ޅެންވެރިޔާ އަބްދުﷲ އަފީފާއި، ޑރ. މުހައްމަދު އަހުމަދަށް ޝަރަފްވެރި ކަމުގެ ގައުމީ އިނާމް މިރޭ ދެއްވައިފިއެވެ.

ގދ. ތިނަދޫ، އަލިދޯދި އަބްދުﷲ އަފީފަށް ޝަރަފުވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވީ ޅެންވެރިކަމުގެ ދާއިރާއިންނެވެ. ޑރ. މުހައްމަދު އަހުމަދަށް ޝަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވީ ސިއްހީ ދާއިރާއިންނެވެ. މި ދެބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ އިނާމް ހާސިލް ކުރައްވައިފައިވާ ބޭފުޅުންނެވެ.

މި ބޭފުޅުންނަށް ލިބިވަޑައިގެންނެވި ޝަރަފުގެ އައްޑަނައާއި، ހަނދާނީ ފިލައާއި، ޝަރަފުވެރިކަމުގެ ބެޖު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

އަބްދުﷲ އަފީފަކީ މޮޅު ޅެންތަކާއި، ލަވަތައް ހައްދަވައިފައިވާ މޮޅުޅެންވެރިއެކެވެ. އޭނާ ޅެން ނުހައްދަވާ ދާއިރާއެއްނެތެވެ. އުމުރުން އެންމެ 14 އަހަރުގައި ޅެން ހައްދަވަން ފެއްޓެވި އަފީފުގެ ޅެންތައް މިހާރުވެސް ޓީވީންނާއި، ރޭޑިއޯތަކުން އަޑުއިވެއެވެ.

ޑރ. މުހައްމަދު އަހުމަދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެއްޓެވި ދިވެހި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު ސަތާޅީސް އަހަރަށްވުރެ ގިނަ ވެއްޖެއެވެ. މުހައްމަދު އަހުމަދު މެޑިސިން ހެއްދެވީ ރަޝިއާއިންނެވެ. ފަހުން ޚާއްސަވެ ވަޑައިގެންނެވީ ހަމުގެ ބަލިތަކަށެވެ.

މި ދެބޭފުޅުންގެ އިތުރަށް 23 ބޭފުޅަކަށްވަނީ ހިތްވަރު ދިނުމުގެ އިނާމްވެސް ދެއްވައިފައެވެ.