English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އއ. މަތިވެރީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށްޓައިފި އެވެ.

މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

މި އިންވެސްޓްމަންޓާއެކު، މިވަގުތު އއ. އަތޮޅު ރަސްދޫގައި ބްރާންޗެއްގެ އިތުރުން ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށް ދަނީ ހިދުމަތްދެމުން ނެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ އަލަށް މި ހުޅުވުނު ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

“މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެންމެ ކައިރީ ބްރާންޗަށް ދަތުރުނުކޮށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެ. އެންމެ ބޮޑު ބޭންކިންގ ވިއުގަ އާއެކު މިހާރު މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ 140 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭކަމަކީ އަޅުގަނޑުމެން ފަހަރުވެރިވާ ކަމެއް.” އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 83 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކ ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.