ރާއްޖެ އާއި ސްރީލަންކާ އަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި އެ ގުޅުމަށް ބުރޫއެރުވުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާ އާއި ރާއްޖެ އާއި ދެމެދު އޮތީ ވަރަށް ދުވަސްވީ ގާތް ގުޅުމެއް ކަމަށާއި ލަންކާއަކީ އިތުބާރު ހިފޭ ގައުމެއްކަމަށެވެ. މައުމޫން މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުދަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި އެހީތެރިވެ، އެކަމުގެ އަޑީގައި އޮތީ ލަންކާގެ ސަރުކާރު ކަމުގައި ވިދާޅުވުމާ ގުޅިގެންނެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަން ވައްޓާލަން ދިވެހިން ލަންކާއާ ގުޅިގެން މަސައްކަތް ކުރިކަން ތާރީހުން އެނގޭ ކަމަށް ވިދާޅުވެ ރިޔާޒް ލަންކާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާއިރު މިކަމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ލަންކާ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ.