English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮ ކުރުމުގެ ވައުދު ވެރިކަމުގެ 90 ދުވަހުގެ ތެރޭގައި ފުއްދާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ ރައްޔިތުން ބޭނުންވާ ސްޕީޑްގައި ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ދަރަނި ނަގަންޖެހޭ ކަަމަށާއި ދަރަނި ނަގާނެކަމަށެވެ. އެ ދަރަނި މި ނަގަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ ފައިދާ އާއި މަންފާ އާއި ކުރިއެރުމަށްޓަކައި ކަން ފާހަގަކުރަމުން ފައްޔާޒް ވަނީ މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދެމުން އަންނަ ތަރައްޤީ އާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

މި ގޮތުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮ ކުރުމުގެ ވައުދު ވެރިކަމުގެ 90 ދުވަހުގެ ތެރޭގައި ފުއްދާފައިވާކަމަށެވެ. އެހެންނަމަވެސް މި އަގުތައް ކުޑަކުރިކަން މިއަދު ހަނދާންވެސް ނެތް ކަމަށާއި، ކުޑަ ނުކުރާ ކަމަށް ބުނެ ވާދަވެެރިން އެ ވާހަަކަ ދައްކަމުން ދާކަމަށެވެ. މިހާރު ޓިކެޓްގެ އަގު ބޮޑުވެގެން އުޅެނީ ރަޝިޔާ ޔޫކްރޭން ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން އެއްޗެހީގެ އަގު ބޮޑުވެގެންކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ އަބަދުވެސް ބާޒާރަށް އަންނަ ބަދަލުތަކެއް އަންނާނެކަމަށެވެ.

އިންޓަނޭޓްގެ އަގު ބޮޑުވުމާއި މަހުގެ މެދަށް ދާއިރުގައި މީޓަރު ހުއްޓުމުގެ ވާހަކަތައް މިހާރު ނުދައްކާކަން ފާހަގަކުރަމުން ފައްޔާޒް ވިދާޅުވީ ‘އަންނަމުން އަންނަމުން އައިސް،’ އެކަން ވެސްވެފައިވާކަމަށެވެ. އަދި މިހާރު ކަރަންޓްގެ އަގު މާލެ އާއި އަތޮޅުތެރެއާ އެއްވަރުކޮށް، އަގުހެޔޮ ކޮށްފައިވާކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މިކަންތައްތަކުގެ ސަބަބުން އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށްވެސް އެތައް ފައިދާއެއްވެފައިވާކަމަށެވެ.