English Edition
Dhivehi Edition

ބައެއް އިންޓަނެޓް ޕެކޭޖްތަކުގެ އަގު ހެޔޮކޮށްފައިވީ ނަމަވެސް އެއީ އެދެވޭ ބަދަލެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ބައިވެރިވުން އޮވެގެން އައިސްފައިވާ ބަދަލެއް ނޫން ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިންޓަނެޓްގެ އަގަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށް ފައްޔާޒް މިއަދު ޓްވީޓް ކޮށްފައި މިވަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު މިހާރު ފުއްދިފައިވާ ކަމަށާއި އިންޓަނެޓްގެ އަގު ހެޔޮ ކުރެވިފައިވާ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރ ފައްޔާޒުގެ ޓްވީޓް ގައި އިތުރަށް ވިދާޅުވެފައި ވަނީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކުރިއަށް އޮތްތާ ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތައް ދުވަހެއް ފާއިތުވެގެން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒު ވެފައެވެ.

ރޭ “ރާއްޖެ ޓީވީ” އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ އިންޓަނެޓްގެ އަގު މިހާރު ހުރީ ރައްޔިތުންގެ އަތްފޯރާފަށުގައި ކަމަށެވެ.

“އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިންޓަނެޓްގެ އަގުވެސް ރައްޔިތުންގެ އަތްފޯރާފަށަށް މިއަދު ވަނީ ތިރިކުރެވިފައިވޭ. އަޅުގަނޑު މިހެން ދަންނަވާލަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުރި،” އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް މިހެން ވިދާޅުވި ނަމަވެސް ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގު ހެޔޮ ކުރެވޭނެ ކަަމަށެވެ. އެހެންނަަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އޭނާ އެ ދުވަހު ނުދެއްވައެވެ.

“އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،” މަބްރޫކު ވިދާޅުވިއެވެ.