English Edition
Dhivehi Edition

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ރައީސް ނަޝީދު ކެމްޕޭނަށް ހުވަދު އަތޮޅަށް ފުރާވަޑައިގެންފިއެވެ.

މިއީ އެމްޑީޕީގެ ޕްރައިމަރީ ގައި ވާދަ ކުރައްވާތީ، ތާއީދު ހޯއްދަވާ، ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ ދަތުރުކެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ބުނެފައިވަނީ މިއީ ގއ އަދި ގދ ގައި ކެމްޕޭން ކުރިއަށް ގެންދަން ތިން ދުވަހަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އަމްރު މިއަދު ވަނީ ނަޝީދާ އެކު ހުވަދު އަށް ވަޑައިގެންފައިވާއިރު، އަމްރުއަކީ ސިޔާސީ ދާއިރާގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

އެމްޑީޕީ ރާއްޖޭގެ ވެރިކަން އެންމެފުރަތަމަ ކުރި އިރު، އެމްޓީސީސީގެ ސީއީއޯކަން ވެސް ކުރެއްވި އަމްރު އަކީ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާ ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2014 ގައި ތިނަދޫ ދާއިރާ އަށް ވެސް ވާދަ ކުރެއްވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 28 ގަ އެވެ. ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާ މި ޕްރައިމަރީއަށް ދެ ރައީސުންގެ ފެކްޝަނުން ވެސް އަންނަނީ ފޯރިގަދަ ކެމްޕޭނެއް ކުރަމުންނެވެ.