English Edition
Dhivehi Edition

ސްޓެލްކޯއިން ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

މި ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި ޚިދުމަތާއި އެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

އެގޮތުން ހޮޓްލައިނަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ޚިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޚިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ކުންފުނީގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައި ކަމަށް ވެސް ބުނެއެވެ.

މީގެ އިތުރުން އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ބޭންޑް A އަށް ދިހަ ރުފިޔާ، ބޭންޑް B އަށް ބާރަ ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް ތޭރަ ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން ބުނީ އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ޚިދުމަތް މިވަގުތު މިކުންފުނިން ދެމުން މިގެންދަނީ ގުޅީގެ އިތުރުން، އދ. މަހިބަދޫ އާއި ކ. ގާފަރުގައި ކަމަށެވެ. އަދި އެ ކުންފުނިން ފެނުގެ ޚިދުމަތްދޭ އެހެން ރަށްތަކުގައި ވެސް މި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެ ކުންފުނިން ވަމުންދާ ކަމަށް ބުންޏެވެ.

ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެވެ. ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުން ވެސް މި ޚިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށް ވެސް މި ޚިދުމަތް އެ ރަށުން ފޯރުކޮށްދޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ޓެގު