English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރ. އަލިފުށީގައެވެ.

މިބައްދަލުވުމުގައި ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ރ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުމާއި، ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް 3 ރަށެއް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރަންޖެހިފައިވާކަމަށާއި، ތާރީޚީ ރަށެއްގެ ގޮތުގައި ރ. ކަނދޮޅުދޫ ތަރައްޤީކުރުމަށް، ރ. ކަނދޮޅުދޫ އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވުމަށް، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރ. އަތޮޅު ކައުންސިލާއި ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީވެސް އަތޮޅުގައި މިހާރު ހިންގޭ މަޝްރޫޢުތަކާއި އަދި ރޭވިފައިވާ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުން ކަމަށެވެ. އަދި، މިބައްދަލުވުމުގައި ކައުންސިލަރުން ފާޅުކުރެއްވި ޚިޔާލާއި ދެއްވި މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރ. އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އެކަމާގުޅިގެން މިހާރު ނުނިމި އޮތް ކަމަކީ، އެއަރޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށެވެ. އަދި، ދެން އެންމެ އަވަހަށް އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށިގެން ދާނެ ސަރަޙައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރ. އުފުލަންދޫ ސަރުކާރަށް ނަގާފައިވާ ކަމަށާއި އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އެރަށް އަލުން ދޫކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މީގެ އިތުރުންވެސް އަތޮޅު ކައުންސިލް މެމްބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

މިއަދު މެންދުރު ފަހު ރ. އަތޮޅު ކައުންސިލް މެމްބަރުންނާއި އެކު ބޭއްވެވި މިބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނަބަލުން ވަނީ، މިސަރުކާރުން އަލިފުށީ ސްކޫލުގައި އިމާރާތްކޮށްދެއްވި މަލްޓިޕަރޕަސް ހޯލު ހުޅުއްވައި ދެއްވައި އެ ޢިމާރާތް ބައްލަވައި ލައްވާފަ އެވެ.