English Edition
Dhivehi Edition

ސުމީނާ ގެޔަށް ވަން އިރު ހުރީ ވަރުބަލިވެފައި ކަން އެނގުނެވެ. އޭނާ ލައިގެން ހުރީ ކަޅު ޓޮޕެއް ނަމަވެސް ދާހިއްލާފައިވާ ކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެހެންނަމަވެސް އިސްތަށިގަނޑު ހޭވިފައިވާ ކަމުގެ ނިޝާނެއް މާބޮޑަކަށް ފެންނާކަށް ނެތެވެ. އޭނާގެ އިންފިނިޓީ ބައްޓަމުގެ ފުލެއް ލާފައިވާ ރިހިފަށް ފެންނަނީ އޭނާގެ މާދިގު ނޫން ކަނދުރާގެ ދެފަރާތުން ހިފައި އެލިގެންފައި އޮތް ހެންނެވެ. ތުންފަތުގައި ހުރި މެރޫންކުލައިގެ ލިޕްސްޓިކް ހަމަ ތާޒާކޮށް ހުއްޓެވެ.

ދޮރު އެތެރޭން ތަޅުލައި ނުނިމެނީސް ފޯނެއް އަތުވެއްޖެއެވެ. އެއީ އޭނާގެ މަންމައެވެ. “މަންމާ. އަހަރެން އައިސް ގެޔަށް މިވަނީ. މިއައީ މިއަދުވެސް އިންޓަރވިއުއަށް ގޮސްފަ. ބޭންކުގެ ޖޮބެއް ވީމަ ވަރަށް ގިނަ ކުދީން މިއަދުވެސް ކިޔޫގައި ތިބި. މާދަމާ އަނެއްކާވެސް ދާނީ.”

އޭނާގެ މަންމަގެ އަޑު ފަނޑުކޮށް އިވުނެވެ.”މަ ބުނެފީމެއްނު ތިޔަ ވަޒީފާއަކަށް ދާނެ ކަމެއް ނެތޭ. މިހާރުވެސް ސައިފު އެހެރީ ކަލެއާ އިންނަން ތައްޔާރަށޭ. އޭނާގެ ބޮޑު ފިހާރައެއް އެހެރީ. ކަލޭ އޭނަޔާ އިނދެގެން ވިޔަފާރީގައި އޭނާއާ ބައިވެރިވެގެން އުޅުނީމަ ތިޔަ ސަކަރާތެއް ގަންނާކަށް ނުޖެހޭނެއެއްނު. ހިތްފުރޭވަރަށް ފައިސާއާ މުދާ ލިބޭނެއެއްނު؟”

ސުމީނާގެ މޫނުމަތި ނުރުހުމުގެ ސިފަތައް ހަމަ ކުއްލިއަކަށް ފާޅުވެގެން ދިޔައެވެ. “މަންމާ، އަހަރެން ބުނީމެއްނު އެމީހާއަކާ އިންނާކަށް ބޭނުމެއް ނޫނޭ. އަހަރެން އެއްގޮތަކަށްވެސް ލައިކުވާ މީހެއް ނޫނޭ އެއީ. ލޯބި ނުވެ ކިހިނެއް މީހަކާ އިންނާނީވެސް”

މަންމަގެ އަޑު މިފަހަރު ގަދަވިއެވެ. “ލޯބި ވެގެން އިނީމާ ވަކި މޮޅެއްވޭތަ؟ ކަލޭގެ ދައްތަ ޝުކުރީއާ އިނީ ލޯބި ވެެގެންތަ؟ ނިކަން ބަލާބަލަ އެމީހުން އެއުޅޭ…” “…އުފާވެރިކަން.”

އެޖުމުލަ ފުރިހަމަކޮށްދިނީ ސުމީނާއެވެ.”އަހަރެން އެކަހަލަ އުފަލެއްގައި އުޅެން ވެސް ބޭނުމެއް ނޫން. އަދި މިބަހުސް އަބަދު ކުރާކަށް ވެސް ބޭނުމެއް ނޫން. އަހަރެން މީހަކާ އިންނަންވީމާ މަންމަ ގާތު ބުނާނަން. އަހަރެން މިދަނީ ހެދުން ބަދަލު ކުރަން. އަހަރެން މިހިރީ ވަރަށް ވަރުބަލިވެފަ. މިހާރު ދެން ބާއްވާލާނަން. “ ސުމީނާ އަވަސް އަރުވާލާފައި ފޯންކަނޑާލާފައި ސިޓިންގ ރޫމްގެ ބޮކިތައް ނިއްވާލުމަށް ފަހު ކޮޓަރިއަށް ވަދެއްޖެއެވެ.

ސުމީނާ ހެދުން ބަދަލުކޮށް ނިމުނުތަނާހެން ދޮރުމައްޗަށް އެއްޗެއް ވެއްޓުނު ކަހަލަ އަޑެއް އިވިއްޖެއެވެ. އޭނާ ހައިރާންވިއެވެ. މިތަނަށް ހަމަ ގައިމުވެސް މީހަކަށް ނުވަދެވޭނެއެވެ. ވަނަސް ގޭޓް ކުރިމަތީގައި ހުރި ސެކިއުރިޓީ ކެމެރާއަށް އަރާނެއެވެ. އެކަމަކުވެސް އެއަޑު އިވުމުން ސިހިގެން ދިޔައެވެ. އޭނާ މަޑުމަޑުން ދޮރާދިމާއަށް ދިޔައެވެ. ވަރަށް ބިރުން ހުރެ “ ކާކުތަ؟ ކިހިނެއްތަ މިތަނަށް ވަނީ އަހާލިއެވެ.”

އޭނާ ކޮޓަރިން ނުކުމެގެން އައިސް ސިޓިންގ ރޫމުގެ ބޮކި ދިއްލަން ސުވިޗާ ދިމާއަށް އައެވެ. އެވަގުތު ހަމަ ކުއްލިއަކަށް ބޮކިތައް ދިއްލިގެން ދިޔައެވެ. އެކަމަކު އެއްވެސް މީހަކު އެތާކު ނެތެވެ. އޭރު ދޮރުމަތީގައި ބިންމަތީގައި އޮތް ޓިއުލިޕްމަލާއި ހުސްނުހީނާ މާބޮނޑި އޭނައަށް ފެނުނެވެ. އެއީ ސައިފު އަބަދުވެސް އޭނާއަށް ފޮނުވާ ކަހަލަ މާބޮނޑިއެކެވެ. މި މާބޮނޑި މިތާ އެތެރެއަށް ވެއްޓުނީ ކިހިނެއްހެއްޔެވެ؟ އޭނާ އެތަނުގައި އެއްވެސް ކަހަލަ އާނގައެއް ހުރިތޯ ބަލާލިއެވެ. އޭނާ އެމާބޮނޑި ނަގާކަށް ނޫޅެއެވެ. އެއަށް ވުރެން އޭނާ ގެންފައި ހުރި ބިރު ބޮޑެވެ. އޭނާގެ ފުރަގަހުގައި މީހަކު ހުރިހެން ހީވެގެން އެނބުރި ބަލާލިއެވެ. އެކަމަކުވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާއަށް ހީވި ގޮތެއް ކަމަށް ހީކޮށް އެމާބޮނޑި ނަގާފައި ތަނެއްގައި ބާއްވާލުމަށް ފަހު ދޮރު ތަޅުލެވިފައި ހުރިކަން ޔަގީންކޮށްލިއެވެ. އެއަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގެންފިއެވެ. އެއާއެކު އަނެއްކާވެސް ސިޓިންގްރޫމުގެ ބޮކިތައް ނިވިގެން ދިޔައެވެ.
އެވަގުތު އައިނައި ދިމާއެއް ވެސް ނޭނގި މީހަކު އޭނާގެ ފުރަގަހުން އައިސް އަނގަމަތީ އަތް އަޅާލިއެވެ. “އެއްގޮތަކަށް ވެސް ހަޅޭލަވައި އަޑުގަދަ ނުކުރޭ.” އޭނާ ހިފަހަށްޓާފައި ހުރި ބާރުކަމުން ސުމީނާއަށް ނޭވައެއްވެސް ނުލެވުނެވެ. އެހެންވެ އޭނާ ގަދަހެދުން ހުއްޓާލިއެވެ. “

“މާ ގަދަހަދަން ފަށައިފިއްޔާ ގެއްލުމެއް ވެސް ވެދާނެ. ދެންވެސް އަޑުއަހާ، އަހަރެން މިއައީ އެއްގޮތަކަށް ވެސް ކަލެއަށް ގެއްލުމެއް ދޭކަށެއް ނޫން.” މިހެން ބުނަމުން އޭނާގެ އަތް މަޑުމަޑުން ސުމީނާގެ އަނގަމަތިން ދުރަށްލިއެވެ.

“ގެއްލުމެއް ދޭން ނޫންނަމަ ކަލޭ ތިއައީ ކީއްކުރަން. މިތަނުން ދޭ. ނޫނީ އަހަރެން މިގުޅަނީ ޕޮލިސްއަށް.” އެއީ ޒުވާނެކެވެ. ހަށިގަނޑު ވަރުގަދައެވެ. ބަލާ ބެލުމަށް ފިސާރި ފިރިހެން ވަންތަވެސް މީހެކެވެ. މިނޫންގޮތަކަށް ދިމާވި ނަމަ އޭނަގެ ކިބާގައިވަނީ ކޮންމެ އަންހެނަކުވެސް ރުހޭނެ ފަދަ ހުރިހާ ސިފަތަކެކެވެ.

“ޕޮލިސްއަށް ގުޅާ ތީ ރަނގަޅު ޚިޔާލެއް. ނަމްބަރު ދެންތަ؟ އެމީހުން އަޔަކަސް އަހަންނެއް ނުފެންނާނެ.”

“ކަލޭ ފިލައިގެން ދިޔަޔަކަސް ސަލާމަތެއް ނުވާނެ.” ސުމީނާ އޭނާއަށް ބިރުދެއްކިއެވެ. “އޯކޭ. އެހެންވީ އިރު އަހަރެން މިބުނާ އެއްޗެއް ވެސް އަޑުއަހާ.” އެމީހާ ވަރަށް ހަމަ ޖެހިލާފައި ބުންޏެވެ. “އަހަރެން މިއައީ ކަލެއަށް ވަރަށް ބޮޑު ހަދިޔާއެއް ދިނުމަށް. މިއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫން. ކަލޭގެ ނަސީބު ވަރަށް ގަދަ. މިހެން މި ދިމާވީ ކަލޭގެ ކިބާގައި ހުރި ކޮންމެވެސް ރަނގަޅު ސިފައަކާހެދި.”

ސުމީނާގެ ރުޅި އަދިވެސް މައިތިރިއެއް ނުވެއެވެ. މާ ބޭކާރުވާހަކަ ނުދައްކާ ދެންވެސް މިތަނުން ދޭ. “ ސުމީނާ އޭނާގެ ފޯން އަތަށް ނެގިއެވެ. “އެމީހާ ދެންވެސް ފެށީ ހޭނށެވެ. “ސުމީނާ މައިތިރިވެ ބަލަ. މާދަމާ ތިޔައުޅެނީ ބޭންކުގެ އިންޓަވިއުއަށް ދާކަށެއްނު؟ މިއޮތީ ފުރަތަމަ ޓޯކެން ނަމްބަރު. މާދަމައަކުވެސް ޓޯކެނެއް ސުމީނާއަކަށް ނުލިބޭނެ. މިހާރުން ފެށިގެން އެތައް ބަޔަކު އެބަތިބި ކިޔޫގަ.”

ސުމީނާ ހައިރާންވިއެވެ. “ކިހިނެއް މަގޭނަން ކަލެއަށް އެނގުނީ. އަދި މާދަމާ މަ ބޭންކަށް ދާން އުޅޭކަން އެނގުނީ. “ ސުމީނާ ބަލާލިއިރު އެއީ ހަމަ އަސްލުގައިވެސް ބޭންކުގެ ޓޯކެން ނަމްބަރެކެވެ. އޭގައި އޮތީވެސް މާދަމާގެ ތާރީޚެވެ.

“ކީއްވެ ހައިރާން ވަނީ؟” އެމީހާ ގޮސް ސޯފާގައި އިށީންނަމުން ބުންޏެވެ. “އަހަރެން މީ އާދައިގެ އިންސާނެއް ނޫން. ނިކަން ބަލާބަލަ އަހަރެން މީ ޖިންނިއެއް. އަހަންނަށް ހުރިހާ ކަމެއް ވެސް ކުރެވޭނެ. ކަލޭ ހިތް އެދޭ ކަންތައްވެސް އެނގޭނެ.” މިހެން ބުނެފަ އޭނާގެ އަތް ހޫރުވާލުމާއެކު ހުރިހާ ބޮކިތައް ދިއްލިއްޖެއެވެ.

އެހެން ގޮތަކަށް އޭނާ އަތް ހޫރާލާއިރަށް މިއުޒިކް ކުޅެން ފަށައިފިއެވެ. އަދި ކުޅެން ފެށީވެސް އޭނާއަށް އެންމެ ރީތި ރާގުތަކެވެ. “އެހެން ވިޔަސް ހެޔޮ. ޖިންނި މިތަނުން ދާން އުޅޭ.”

“އަހަރެން ދިޔައިމަ ކަލެއަކަށް ޗިކަން އެން ޗިޕްސް ގެނެސްދޭނީ ކާކު؟ އެއެއްނު ކަލޭ މިރޭ އެންމެ ކާހިތްވާ އެއްޗަކީ؟” ސުމީނާ ބުނާނެއެއްޗެއްވެސް ނޭނގި ހައިރާން ވެފައި ހުއްޓެވެ. އޭނާ މިރޭ އޯޑަރު ކުރާނީ އެއަށްކަން އެނގޭނީ ޒިމާނާއަށެވެ. އެއީ އެވާހަކަ އޭނާ ގާތު ބުނެވިފައި އޮތީމެވެ. “ކަލޭ ހަމަ އަސްލުގައިވެސް ތީ ޖިންނިއެއް. އެހެންވީ އިރު ކަލޭ އަހަރެން ކައިނުލާ ތިޔަ ހުރީ ކީއްވެ؟”

ޖިންނި ހީނގެންފިއެވެ. “ކަލޭ ހީކުރަނީ ޖިންނިއެއް ވިއްޔާ ދިމާވާހާ މީހަކު ކައިލާނެ ކަމަށްތަ؟ ޖިންނިއަށް އެއަށް ވުރެން މާ ބޭނުންތެރި ކަންތައް ކުރެވޭނެ. “

ސުމީނާގެ ތެޅެމުން ދިޔަހިތް މައިތިރިވެ ބިރުކެނޑިއްޖެއެވެ. މިހާރު އޭނާއަށް މިކަން މަޖަލަކަށް ވާން ފަށައިފިއެވެ. “ ކަލެއަށް އަހަރެން ބޭނުންހާ ކަމެއް ކުރެވޭނެ ނަމަ ނިކަން އަހަރެންގެ އެކައުންޓަށް 1 ލައްކަ ރުފިޔާ ލައިދީބަލާށެވެ.”

ޖިންނި އޭނާގެ މޫނަށް ހައިރާން ވެފައި ބަލާލިއެވެ. “އެއް ލައްކަ ރުފިޔާ؟” ޖިންނި އަހާލިއެވެ.

“އާނ ޖިންނިއަކަށް އެޔަކީ އެއްވެސް ކަމެއް ނޫނެއްނު؟”

ސުމީނާ ބިރުކަނޑާލާފައި އައިސް ސޯފާގެ ކުރިމަތީގައި ހުރި ގޮޑީގައި އިށީނެވެ. “އެވަރު ކޮށް ނުދެވޭނަމަ ޖިންނިއެއްގެ ބޭނުމެއް ނެތެއްނު؟” އޭނާ ބިރުގެ ކަންފުޅެއްވެސް ނެތި މިހާރު ކުރަން ފެށީ ސަމާސާއެވެ. “މަށަށް އެނގޭ ނުވާނެ ކަން. ތީ ފޭކު ޖިންނިއެއް. ދެން ވެސް އަވަހަށް ދާން އުޅެންވީނު؟”

“އަހަރެން ހިނގައިދާނަން. އެކަމަކު އަހަރެން ދިޔައިމަ ސުމީނާ ދެރަވާނެ.”

“އެއީ ކީއްވެ؟”

“އެއީ ސުމީނާ ބޭނުންވާހާ ކަންތަކެއް ނުކުރެވިދާނެތީ.”

“އަދިވެސް އަހަރެން ބުނިކަންތަކެއް ނުކުރެވެއެއްނު؟ ކޮބާ އަހަރެންގެ އެކައުންޓަށް ޖަމާ ކުރި ފައިސާތައް؟”

“އެންމެ ލައްކައެއް ވީމާ. ޖިންނިއެއް ކުރެން އެހާ ކުޑަ ކަމަކު ކީމާ. “

“އެހެންވީ އިރު އެއް މިލިއަން ލާބަލަ.”

“ތިވަރުވެސް މަދު އެކަމަކު ތިން ފަހަރަށް ވުރެ ގިނައިން އެއްކަމަކަށް ނޭދެވޭނެ ކަން ވިސްނާތި.”

“އެހެންވީ އިރު 10 މިލިއަން ލާބަލަ.” ސުމީނާ މިފަހަރު މިހެން ބުނީ ހަމަ ރަނގަޅަށް ވެސް ހެމުންނެވެ.

ޖިންނި ވައިގެ ތެރޭގައި އަތް ހޫރާލާފައި ބުންޏެވެ. “ކަލޭ ބުނިވަރު އަދިވެސް މަދީ. އެކަމަކު ދެނެއް ބަދަލެއް ނުކުރެވޭނެ. ނިކަން ކަލޭގެ އެކައުންޓް ޗެކްކޮށްބަލަ! “

ސުމީނާ އެކައުންޓް ޗެކްކުރީއަކީ އެއްވެސް ޔަގީންކަމެއް އޮވެގެންނެއް ނޫނެވެ. އޭނާ އެތައް އިރަކު ފޯނަށް ބަލަހަށްޓައިގެން އިނެވެ. އޭނާ ލޯ ފޮހެލާފައި އަނެއްކާވެސް ބަލާލިއެވެ. “އަހަރެންގެ އަތުގައި ވިކާލަބަލަ” ސުމީނާ ޖިންނިއާ ދިމާއަށް އަތް ދިއްކުރިއެވެ.

ޖިންނި ހެމުން ހެމުން ސުމީނާގެ އަތުގައި ތަދުވާ ވަރަށް ވިކާލިއެވެ. “ ސުމީނާއަކަށް ފޯނު ނޫން އެހެން ދިމާއަކަށް ނުބެލެއެވެ. “މީހަމަ ރަނގަޅަށް ވެސް ޖަމާވެފައި ހުރި އަދަދެއްތަ؟ “ ސުމީނާ މިހާރު ހަމަ ރަނގަޅަށް ވެސް އުފާވެއްޖެއެވެ. ތެދުވެ ޖިންނިގައިގަ ބައްދާލަން ވެސް ބޭނުން ވިއެވެ. އޭނައަށް ނަށައިގަނެވުނެވެ.

ދެންވެސް ސުމީނާއަށް ގަބޫލު ނުކުރެވިގެން އަނެއްކާވެސް ފޯނު އަލުން ރިސެޓްކޮށްފައި ބޭންކް އެކައުންޓް ބަލާލިއެވެ. އަދިވެސް ހަމަ އެއަދަދަށް ފައިސާ ހުރިތަން ފެނުމުން ސުމީނާ ގޮސް ޖިންނިގެ ކައިރީ ޖެހިގެން އިށީނދެ އޭނާގެ ގައިގައި ބައްދާލިއެވެ.

އެވަގުތު ޖިންނި އޭނާ ސޯފާގެ ދަށުން ޕެކެޓެއް ނަގާފައި ދިއްކޮށްލިއެވެ. “މިހިރީ ތާޒާ ޗިކަން އެންޗިޕްސް ޕާސަލެއް. ނިކަން ބަލާބަލަ. މިހާރުވެސް މިއިން އެބަ ދުން އަރައެއްނު؟”

ދެން ވެސް ލަސްނުކޮށް ކާން އުޅޭ. އަހަރެން ވަރަށް އަވަހަށް ދާން ވެސް ޖެހޭ.”

“ނޫން ނޫން އަދި މަޑުކޮށްލާ. އަހަންނާއެކު ކަލޭވެސް މި ކާންވީނު؟ އެހެން ނޫނަސް ދެން މިރޭ ދާން އޮންނާނީ ވެސް ކޮންތާކަށް؟ މިގޭގައި މިރޭ އޮވެލާފައި ހެނދުނު ސައިބޮއިގެން ދެވިދާނެއެވެ.”

“ނޫން. އަހަންނަކަށް ތިއިން އެއްޗެއް ނުކެވޭނެ. ޖިންނިއަކީ ކައިބޮއިހަދާ އެއްޗެއް ނޫން.”

ސުމީނާ އެ ޕާރސަލްގައި ހުރި ކާއެއްޗެހި ކެއެވެ. އެއީ އޭނާ ދުވަހަކުވެސް ކެއި އެންމެ މީރު ކާނާކަމަށް ހީވިއެވެ. ކައި ނިމިގެން ކޮޓަރިއަށް ވަންނަމުން ޖިންނިއަށް ވެސް އައުމަށް ދައުވަތު ދިނެވެ. ސުމީނާ އެނދުގައި އޮށޯންނަމުން ޖިންނި އަށްވެސް ތަން ދެއްކިއެވެ.

ޖިންނިވެސް ވަރުބަލި ކަމާއެކު މޯޅިއަކަށް ދެމިލިއެވެ. އޭނާ ސުމީނާގެ ފުޅާ އެނދުގެ ތަންކޮޅެއްގައި ކައްޗަކަށް އޮށޯވެ ލައިފިއެވެ. ސުމީނާ ނިދާ ބޮކި ދިއްލާލިއެވެ.

ހެނދުނު ސުމީނާ ހޭލިއިރުވަނީ ވަރަށް ވަރުބަލި ވެފައެވެ. މުޅި އެނދު ވަނީ އެފުށްމިފުށަށް ޖެހިފައިހެން ހީވެއެވެ. މުޅިމީހާ ވަނީ އިންދިރާސްވެފައެވެ. ރޭގައި ހިނގި ކަންތަކަކީ އޭނާ އެއްވެސް މަޖްބޫރު ކަމެއް ނެތި ކުރި ކަންތަކެވެ. އޭގައި ޖިންނި ބަދުނާމު ކުރާނެ ތަނެއް ނެތެވެ. އޭނައަށް އެހާވަރުގެ ތަނަވަސްކަމެއް ދިނީތީ އޭނާވެސް ހިތުން ރުހުމުން އުފަލާއެކު ދިން ކުޑަ ހަދިޔާއެކެވެ. އޭނާއަށް ވެސް ވަނީ ދުވަހަކު ލިބިފައި ނުވާވަރުގެ އުފާތަކެއް ލިބިފައިމެއެވެ.

ސުމީނާ ވިސްނަމުން ދިޔައެވެ. އޭނާ މިއަދު އިންޓަރވިއުއަށް ދާންވީހެއްޔެވެ؟ ނޫނީ ކޮންމެވެސް އަގުބޮޑު ފުލެޓެއް ގަނެލަން ވީހެއްޔެވެ؟ އެއަކީ މިހާރަކު އޭނައަކަށް ބޮޑު ކަމެއް ނޫނެވެ. އަމިއްލަ ވިޔަފާރިއެއް ފަށަންވީއެވެ. ބޭރު ގައުމަކަށް ދަތުރަކު ދާންވީ ހެއްޔެވެ؟ ދާންވީ ލަންޑަނަށް ހެއްޔެވެ. ޑުބާއީއަށް ހެއްޔެވެ؟ ނޫނީ ދާންވީ ޕެރިހަށް ހެއްޔެވެ؟ ގެ ގަންނަންވީ ރާއްޖޭން ހެއްޔެވެ؟ ސިންގަޕޯރއިން ހެއްޔެވެ؟ އޭނާ ދާންވީ އެކަނި ހެއްޔެވެ؟ ނޫނީ ސައިފްއާ ގުޅިގެން އޭނާ ގޮވައިގެން ދާންވީ ހެއްޔެވެ.

ސައިފް އަކީ ސުމީނާއާ ހެދި މޮޔަވާވަރަށް ހިތާވެފައި ހުންނަ މީހެކެވެ. އޭނާ ކިތަންމެ ވަރަކަށް ވެސް ސުމީނާއަށް އާދޭސް ކުރިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ސުމީނާ އޭނައަށް ދެނީ ފުރަގަހެވެ. ކުރަނީ ނަފްރަތެވެ.

ސުމީނާ މިޚިޔާލުގައި ހުރެގެން އޭނާ މިއަދު އިންޓަރވިއުއަށް ނުދާނެވާހަކަ މަންމަ ގާތުގައި ބުނަން ހިތަށް އެރިއެވެ. އެއްވެސް ވަޒީފާއަކަށް މިހާރު ދިއުމުގެ އޮތީ ކޮން ބޭނުމެއްހެއްޔެވެ؟ އެހެން ނަމަވެސް އޭނާގެ އެކައުންޓުގައި އެހާ ގިނަ ފައިސާ ހުރިވާހަކަ މަންމަގާތު ނުބަން ވެސް ގަސްތު ކުރިއެވެ. ކޮންމެވެސް ބަހަނާއަކުން މަންމަ ހައްލާލެވިދާނެއެވެ.

އޭނާ ފޯނު ނަގާފައި ފުރަތަމަވެސް އޭނާގެ އެކައުންޓް ޗެކްކޮށްލަން ހިތަށް އެރިއެވެ. އަސްތާއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ބޭންކުގައި އޭނާގެ އެކައުންޓްގައި އެއްހާސް ރުފިޔާވަރު ވެސް ނެތެވެ. އޭނާ ހުރިތަނަކަށް އަނބުރައިގެން ނުވެއްޓުނީ ކިރިޔާއެވެ. އޭނާގެ އަލަމާރިތެރޭގައި އޮތް ފައިސާލާ ދަބަސް ހުޅުވާލިއެވެ. އެއަކު އެންމެ ލޯލާރިއެއްވެސް ނެތެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. އެއާއެކު އޭނާ ބިންމައްޗަށް ވެއްޓިއްޖެއެވެ.

ސައިފްއާއި ޖުނައިދު އިއްލޫ ރެސްޓޯރެންޓްގައި ސައިބޯންތިއްބެވެ. އެދެމީހުން ތިބެގެން ހަމަ ހެނީއެވެ. “ކޮބާ ފޮނިވެގެން އުޅޭ މީހުންނަށް ރަނގަޅަށް ފޮނި ބޮވިއްޖެއެއްނު؟ “ސައިފް ޖުނައިދުއާ އަތާ އަތާ ޖަހާލިއެވެ. “ އެކަމަކު ކިހިނެއްތަ އޭނާގެ އެކައުންޓް އެހާ ފަސޭހައިން ބަދަލު ކޮށްލެވުނީ؟”

“އެއަކީ ދެން މިޒަމާނަކު އެހާ ބޮޑުކަމެއް ނޫނެއްނު، އެކަހަލަ އެޕްތައް ހުންނާނެ ދޯ؟” ކޮޓަރީގެ ތަޅުދަނޑި ލިބިފައި އޮތީމަ އެކަން އެހާ ފަސޭހައިން ކުރެވުނީ. އޭނާގެ ހުރިހާ ހަރަކާތަކާއި ފޯނުގައި ލިޔާ ހުރިހާ އެއްޗަކާއި ޕާސްވޯޑްތައް ބަލާލެވޭނެ ދޯ؟ ކޮޓަރީގައި އެތައް ދިމާއަކުން ކެމެރާ ހަރުކޮށްފައި ހުންނައިރު އެއަށް ނާރާނެއެއްޗެއް ހުންނާނެތަ؟ “ ޖުނައިދު މާނަވީ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ؟

“ އަހަރެންވެސް ފޮނިކޮޅު ބޯލާ ހިތުން ހުރި މަލެއް އެއީ. އެކަމަކު އޭނާއާ ހެދި ސައިފް އެހާ ވަރަކުން އުޅޭތަން ފެނުނީމަ ދުރުގައި ހުރީ. އެހެންނަމަވެސް އޭނާ ސައިފާމެދު އެހާ އިހާނާތްތެރިކޮށް ކަންތައް ކުރީމާ އަހަރެން ވެސް ފުރުސަތުގެ ބޭނުން ކޮށްލީ. އެއީ ހަމައެކަނި ސައިފްއަށް ކޮށްދިން ފޭވާ އެއް ނޫން. އަސްލުގައި މިއަދު ސައިފްއަށް ސައިދޭން ޖެހޭނީވެސް އަހަރެން؟”

“ އާނ. މަށަކަށް އެ ފޮނިކޮޅު ބޯލާކަށްވެސް ނުލިބުނިއްޔާދޯ؟” ސައިފްވެސް ހެމުން ހެމުން ބުނެލިއެވެ. “އެކަމަކު އަހަންނަކަށްވެސް މުޅިއަކުން އެފުރުސަތު އަދިއެއް ނުގެއްލޭތާ” ސައިފް ކާމިޔާބުގެ ރާގެއްގައި ބުނެލިއެވެ. “ބަލަން ހުންނާތި ސުމީނާ ގިނަ އިރެއްނުވެ އަހަންނާ ގުޅާނެ. އޭނާއަށް މިވަގުތު އެހީއެއް ވެދޭނެ އެހެން މީހަކު އަހަރެން ނޫނީ ނުހުންނާނެކަން އޭނާއަށް އެނގޭނެ.”

މިވާހަކައިގައި ސައިފްއާއި ޖުނައިދު އުފާފާޅު ކުރަން ތިއްބާ ސައިފްގެ ފޯން ރިންގް ވެއްޖެއެވެ.

“އިރުތަކެއްވިތަ؟” ސައިފް ހީނގެންފައި ޖުނައިދުގެ ކޮނޑުގައި ޖަހާލިއެވެ.

“ސުމީނާ!”

“ސައިފް، ޕްލީސް ހެލްޕް މީ!”