English Edition
Dhivehi Edition
ހުޅުމީދޫ ބަހާއުއްދީން މަގުގެ މަސައްކަތް ކުރިއަށް ދިޔައި

އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން ބަލަމުން ދިޔަ ހިތަށް އެރިއެވެ. މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގައި ހާދަގިނަ ތަރައްޤީގެ މަޝްރޫއުތައް ހިންގައިފިތާއެވެ؟ ރައީސް ފަރިތަކަމާއެކު މި މަޝްރޫއުތަކުގެ ތަފްސީލް ހާމަކުރައްވަމުން ދިޔައިރު ދެން ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލާކީ މި ސަރުކާރުން ވައުދު ނުފުއްދާކަމަށް ބުނެ ރައްޔިތުންނާއި ހުދު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން މި ދައްކަނީ ހާދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ތާއެވެ.

ކޮންމެއަކަސް މި ސަރުކާރުގެ ފަސް ވަނަ އަހަރު ފެށިގެން ކުރިއަށްދާއިރު ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ތަފްސީލުތައްވެސް އެ މަނިކުފާނުވަނީ ހާމަކުރައްވާފައެވެ.

ރާއްޖެ އިޤްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ވާހަކައަކީ މިހާރު އެންމެ އަޑުހަރުކޮށް އިވޭ ވާހަކައެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ މި ގައުމުގެ ރައްޔިތުން ބަނޑަށްޖެހިދާނެކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް ރައީސް ދެއްކެވީ މި ވާހަކަތަކާއި މުޅިން ތަފާތު ވާހަކަފުޅެކެވެ، ސަރުކާރުގެ ހަރުދަނާ އިޤުތިޞާދީ ފިޔަވަޅުތަކާ އެކު ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑަށް ފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ 10 އިޤުތިޞާދުގެ ތެރޭގައި ރާއްޖޭގެ އިޤުތިޞާދު ހިމެނޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ވެސް އެންމެ ބޮޑު އިޤުތިޞާދީ ކުރިއެރުމެއް ލިބިފައިވާ ފަސް ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕުލާސްޓިކުގެ ބާވަތްތައް މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާކަމަށެވެ، ރާއްޖެއަށް އެތެރެކުރެވޭ ޕުލާސްޓިކު ކޮތަޅުގެ އަދަދު އެއް އަހަރު ދުވަހުގެ ތެރޭގައި ދެބައިކުޅައެއްބައި މަދުކުރެވިފައިވާކަމުގެ އުފާވެރި ހަބަރު ރައީސް ދެއްވީ ޕްރެސް ކޮންފަރެންސްގައެވެ.

މަރައިލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ ޚިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ މި ސަރުކާރުގެ އެއް ވައުދެވެ، އެ ވައުދު ފުއްދުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މަރައިލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން އެ މަނިކުފާނަށް ތިން ރިޕޯޓެއް ހިއްސާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ، މީގެ އިތުރުން އެމް.އެމް.ޕީ.އާރް.ސީ.ގެ ޚިޔާނާތާއި ގުޅޭ ފަސް ފަރާތެއްގެ މައްޗަށް ޖުމުލަ 43 ދަޢުވާއެއް ކޯޓުގައި ސާބިތުވެފައިވާކަންވެސް ރައީސް ވަނީ ވިދާޅުވެފައެވެ.އަދި އެ ޚިޔާނާތާ ގުޅޭ 53 މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ)އިން މިހާރު ވެސް ތަޙުޤީޤު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ،

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތަކުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ދުވެލީގައިކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ، މި ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފުބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 141 މަޝްރޫޢެއް ކުރިއަށްދެއެވެ، ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމަށް 144 ރަށެއްގައި 313 ޖަނަރޭޓަރު ސެޓު ބެހެއްޓިފައިވާއިރު 76 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދެއެވެ.

ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 47 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އިތުރު 36 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާއިރު 31 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ. 7 ރަށެއްގެ ބިން އިތުރު ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 8 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދެއެވެ.

ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން 31 މަޝްރޫޢެއްގެ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ،ރަށްރަށުގައި ހުރި ޓަރޝަރީ ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިތުރުން ޞިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީ ކުރުމަށް ތަފާތު 40 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދެއެވެ.

ދަތުރުފަތުރު ކުރުމަށް އޮތް ގޮންޖެހުންތައް ހައްލު ކުރުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ދަތުރުފަތުރުގެ ވިއުގައިން މުޅި ރާއްޖެ ގުޅައިލުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ވަނީ ފަށާފައެވެ، މާލެ ސިޓީގެ އިތުރުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީއާއި، އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ތަޢާރުފުކޮށް، އެ ސަރަޙައްދުތަކުގެ ރައްޔިތުން އެ ޚިދުމަތް ދަނީ މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ އިރު މާލެ ސަރަޙައްދުގައި ބިނާކުރަމުންދާ 8,700 ފުލެޓާއި، އަތޮޅުތަކުގައި ބިނާކުރަމުންދާ ފުލެޓުތަކުގެ އިތުރުން، މި ސަރުކާރުގެ ގެދޮރުވެރިޔާ ލޯނު ސްކީމްގެ ދަށުން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ދަނީ ކުރަމުންނެވެ، އަދި، މާލެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5,000 ގޯއްޗަށް އެދި 15,164 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ބޯހިޔާވަހިކަމުގެ މަޝްރޫއަކީ 16,000 ޢާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓާގެޓްކޮށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢު އަކީ ހިލޭ ޑިގްރީ ޕުރޮގުރާމެވެ، ހިލޭ ޑިގްރީ ޕުރޮގުރާމުގައި މިހާތަނަށް 16,000 އަށްވުރެ ގިނަ މީހުން ވަނ މަތީ ތަޢުލީމު ހާސިލުކޮށްފައެވެ.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ޤާނޫނީ ގޮތުން ކަށަވަރު ކޮށްދެވިފައިވާއިރު ޢުލީމީ ދާއިރާގައި މަސައްކަތް ކުރާ 10,000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްދީފައެވެ،

މި ސަރުކާރުން ލާމަރުކަޒީ ބޮޑެތި ބަދަލުތަކެއް ގެންނަވައި، ކުރިން މާލެއަށް ޖަމާކޮށްފައި އޮތް ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައްވާފައިވާ މި ސަރުކާރަށް ‘އޭ ސްޓާ’ އެއް ދޭ ވަރު ނުވޭ ހެއްޔެވެ؟ ރައީސް ވިދާޅުވި ފަދައިން ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވެ، ތަރައްޤީގެ މަޝްރޫއުތައް ކުރައަށް ގޮސް، ސަރުކާރުން ވައުދުތައް ފުއްދަމުންދާ ނަމަ މި ސަރުކާރަށް ‘އޭ ސްޓާ’ އެއް ދޭންޖެހެއެވެ.