English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބްރެންޓްފޯޑް އާއި ޓޮޓެންހަން ހޮޓްސްޕަރ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.

މިއީ ގަތަރުގައި ނިމިގެން ދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް މެދު ކަނޑާލުމަށް ފަހު ލީގުގެ ކުޅުން މިއަދު އަލުން ފަށައިގެން ކުޅުނު ފުރަތަމަ މެޗެވެ.

ބްރެންޓްފޯޑް ގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ފުޅާކުރީ ބްރެންޓްފޯޑުންނެވެ. ޓޮޓެންހަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ކުޅުން ފެށިގެން ރަނގަޅަށް ކުޅެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބްރެންޓްފޯޑުންވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ލަނޑު ޖަހާ ލިޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ވައިޓާލީ ޔަނެލްޓްއެވެ. މި ލަނޑުގެ އިތުރުން ފުރަތަމަ ހާފުގައި ބްރެންޓްފޯޑްގެ އައިވާން ޓޯނޭ ގޯލެއް ޖެހިއެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ މިއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ބްރެންޓްފޯޑުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ފަހު ހާފުގެ 54 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އައިވާން ޓޯނޭއެވެ. މިއީ ކްރިސްޓިއަން ނޯގާޑް ދިން ބޯޅަ އަކުން ޓޯނޭ ޖެހި ލަނޑެކެވެ.

ޓޮޓެންހަމް އިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 65 ވަނަ މިނެޓުގައި ހެރީ ކޭން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ކްލެމެންޓް ލޯންގްލޭ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯލަ ކޭން ވަނީ ބޮލުން ގޯލުގެ ދުރު ކަނަށް ވައްދާލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރި ގޯލު ޖެހީ ޕިއޭ އެމީލް ހޮއިބިއާ އެވެ. މިއީ އޭރިއާތެރެއިން ޑޭޖާން ކުލުސެވްސްކީ ނެގި ބޯޅައެއް ބްރެންޓްފޯޑް ކުޅުންތެރއަކު ފައިގައި ޖެހިފައި ރިބައުންސް ވެގެން އައި ބޯޅައެއް ލިބުމުން، ހޮއިބިއާ ޖެހި ގޯލެކެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޓޮޓެންހަމް ތާވަލްގެ ހަތަރުވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 30 ޕޮއިންޓާއި އެކުގައެވެ. މިރޭ ލިބުނު ޕޮއިންޓާ އެކު ބްރެންޓްފޯޑް ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލާފައެވެ. އެތީމު ނުވަވަނައަށް ޖެހިލީ ކުޅުނު 16 މެޗުން 20 ޕޮއިންޓް ލިބިގެންނެވެ.