އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އައްބާސް އާދިލް ރިޒާގެ މައްޗަށް ، އަމަން އަމާންކަމާއި ސުލްހަ މަސްލަޙަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް ހިޔާލުފާޅު ކުރި ކަމުގެ ތުހުމަތު ކުރެއްވޭ ކަމަށް ބުނެ ފުލުހުން ކުރެއްވި ޓުވީޓުގައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރުކޮށްފައިކަން ހާމަ ކުރައްވާފައެވެ.
އައްބާސް އާދިލް ރިޒާގެ ނަމުގައި އޮންނަ އެކައުންޓަކުން މިދިޔަ ހުކުރު ދުވަހު ކުރި ޓްވީޓްގައި ބުނެފައިވަނީ ފެބްރުއަރީ 8 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށްކަމަށެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފިފައި ނުވާތީ އެކަން އިންޑިއާ އެމްބަސީން ފަށަން ފެންނަކަމަށެވެ. އަދި މި ޓްވީޓްގައި އޭނާ ވަނީ އޭރުގެ ފޮޓޯތައްވެސް ހިމަނާފައެވެ.
އައްބާސްގެ މި ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާގުޅޭ އިދާރާތަކުން އަޅާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މި މައްސަލަ އާ ގުޅިގެން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޓެރެރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގޮވައިލާ އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ވެސް ޙަމީދު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.
އައްބާސް ވަނީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ޑރ ވަހީދު ވެރިކަމުގައި އައްބާސް އަދާކުރެއްވި އެވެ. އޭގެ އިތުރުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމުވެސް އޭނާ އަދާކުރައްވާފައިވެއެވެ.