English Edition
Dhivehi Edition
އިބްރާހީމް ރަޝީދު މޫސާ

ޖަޕާނުގައި (ނުވަތަ އިރުގެ ރާއްޖޭގައި) ރަމަޟާން މަސް އޮންނަނީ ކިހިނެއްބާވައެވެ! ޖަޕާނުގެ މުސްލިމުން މި މަސް ހޭދަކުރަނީ ކިހިނެއް ހެއްޔެވެ؟
ޖަޕާނަށް ބަލާ އިރު އެއީ މުސްލިމުން ވަރަށް މަދު ޤައުމެކެވެ. އެ ޤައުމުގައި މުސްލިމުން ދިރިއުޅެނީ އެއް ރަށެއްގައެއް ނޫނެވެ. އެކަމަކު އެކި ހިސާބުހިސާބުގައެވެ. އެކި ރަށްރަށުގައެވެ.

އިސްލާމްދީނާ ބެހޭ ގޮތުން ޖަޕާނު މީހުންނަށް މަޢުލޫމާތު ލިބިފައިވަނީ ޗައިނާ މަގުންނެވެ. 1891ވަނަ އަހަރު ތުރުކީގެ މަނަވަރެއް ރަޙުމަތްތެރިކަމުގެ ދަތުރެއްގައި ޖަޕާނަށް ދިޔައެވެ. މި ދަތުރު ނިމިގެން މި މަނަވަރު ޤައުމަށް އަނބުރައި ދިޔަ މަގުމަތީގައި ޖަޕާނުގެ ރަށެއްގެ ފަރަކަށް އަރައިގެން މި މަނަވަރުގެ ވަރަށް ގިނަ ބަޔަކު މަރުވިއެވެ. މީގެ ތެރެއިން ސަލާމަތްވި ބަޔަކަށް އިސްތަންބޯލަށް ދެވުނީ ޖަޕާނު ސަރުކާރުގެ އެހީގައެވެ. މިއީ ޖަޕާނާ އިސްލާމީ ޤައުމަކާ ދެމެދުގައި ގުޅުމެއް ބަދަލު ކުރެވުނު ފުރަތަމަ ފަހަރެވެ. މި ހާދިސާއަށް ފަހު ފުރަތަމަ ބޮޑު ހަނގުރާމައާ ވިދިގެން ޖަޕަނުން ތުރްކީގެ އިސްތަންބޯލުގައި ރަސްމީކޮށް ކޮންސުލޭޓް އޮފީހެއް ހުޅުވިއެވެ. މި އޮފީސް މެދުވެރިކޮށް ޖަޕާނުން ޚާއްޞަ މަންދޫބަކު ޖިއްދާއަށް ފޮނުވިއެވެ. ޖަޕާނުގައި 1908ވަނަ އަހަރު ދީންތަކާ ބެހޭ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި އިސްލާމީ ބައެއް ޤައުމުތައް ބައިވެރިވުމާ ވިދިގެން ޖަޕާނު މީހުންނަށް އިސްލާމް ދީނުގެ އަޑު އިވިގެން ދިޔައެވެ.

ޖަޕާނާ ރަޝާއާ ދެމެދުގައި ހަނގުރާމައެއް ހިނގުމުން ޖަޕާނުން އިސްލާމީ ބައެއް ޤައުމުތަކުގެ އެހީ ހޯދިއެވެ. މި ހަނގުރާމައިގެ ތެރޭގައްޔާއި ފަހުގައި އެތައް މުސްލިމުންނެއް ޖަޕާނަށް ދިޔައެވެ. އޭގެ ތެރޭގައި ޢަބްދުއްރަޝީދު އިބްރާހީމު ނަމަކަށް ކިޔާ ޢިލްމުވެރިއަކު ހުންނެވިއެވެ. އިސްލާމީ ތަތާރީ ޙަރަކާތް ދިރުއްވަން މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ތުހްމަތުކޮށް ރަޝާއިން ވަނީ އޭނާ ބޭރުކޮށްލައިފައެވެ. އޭނާއަކީ ޖަޕާނުގެ ޖެނެރަލެއް ކަމުގައިވާ ޖެނެރަލް އަކާޝީގެ ރަޙްމަތްތެރިކެވެ. ޢަބްދުއްރަޝީދުގެ އަތްޕުޅު މައްޗަށް ޖަޕާނުގެ އެތައް ބަޔަކު އިސްލާމްވިއެވެ. ރަޝާގެ ކޮމިޔުނިސްޓް އިންޤިލާބާ ވިދިގެން ތުރްކިސްތާނުން މުސްލިމުންތަކެއް ޖަޕާނަށް ހިޖްރަކުރިއެވެ. އޭގެ ތެރޭގައި މުޙައްމަދު ޢަދުލްޙައްޔި ޤުރްބާން ނަމަކަށް ކިޔާ ބޭފުޅަކު ހުންނެވިއެވެ. އޭނާ 1938ގައި ޖަޕާނުގައި ފުރަތަމަ ފަހަރަށް މިސްކިތެއް ބިނާކުރެއްވިއެވެ. މި މިސްކިތުގައި ޤުރްއާން ކިޔަވާދިނުމަށްޓަކައި އޭނާ މަދްރަސާއެއް ހެއްދެވިއެވެ. ދެވަނަ ބޮޑުހަނގުރާމައިގައި ރޫސީން ޖަޕާނުގެ ބައެއް ރަށްރަށް ހިފުމުގެ ތެރޭގައި ޤުރްބާން ހައްޔަރުކޮށް ސައިބީރިއާއަށް އަރުވައިލިއެވެ. އޭނާ އަވަހާރަވީ ސައިބީރިޔާގައި އުޅުއްވަނިކޮށްނެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނު ސިފައިން ދެކުނު އިރުމަތީ އޭޝިޔާއަށް އަރައި ބައެއް ރަށްރަށް ހިފުމުގެ ސަބަބުން ޖަޕާނު ސިފައިންގެ ތެރެއިން ބަޔަކު އިސްލާމްވިއެވެ.

ޖަޕާނުގެ ޤާނޫނު އަސާސީ ގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޢަޤީދާގެ މަތީގައި ދެމި ހުރުމުގެ މިނިވަންކަން ދީފައިވާތީ ، ޖަޕާނުގެ މުސްލިމުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުންނެވެ. މިއަދު ޖަޕާނުގައި 80ވަރަކަށް ހާސް މުސްލިމުން އުޅޭކަމަށް ބުނެވެއެވެ.ޖަޕާނުގެ ގިނަ މީހުންނަކީ ބުޑިސްޓުން ކަމުން އިސްލާމްދީނަށް ވަނުމުގެ ފުރްޞަތު އޮތީ ވަރަށް ބޮޑަށް ތަނަވަސްވެފައެވެ.

ޖަޕާނުގައި ބިނާކުރެވުނު އެންމެ ފުރަތަމަ މިސްކިތް ބިނާކުރެވިފައިވަނީ ވެރިރަށް ޓޮކިޔޯގައެވެ. މި މިސްކިތް ބިނާކޮށްފައިވަނީ ތުރްކީންގެ މޭސްތިރިކަމާ އެއްގޮތަށެވެ. މިއަދު މި މިސްކިތަކީ ތުރްކީ އެމްބެސީގެ މިލްކެކެވެ. 1977ވަނަ އަހަރު އޮޒާކާގައި މިސްކިތެއް ބިނާކުރެވުނެވެ. ނަގޯޔާ ސަހަރުގައި ހުރި ޒަމާންވި މި މިސްކިތް މިހަރު ވަނީ އެކުވެރި އަރަބި އިމާރާތުގެ ޚަރަދުގައި މަރާމަތު ކުރެވިފައެވެ.

1921ވަނަ އަހަރު ޖަޕާނު ބަހަށް ކީރިތި ޤުރްއާން ތަރްޖަމާ ކުރެވުނެވެ. ދެވަނަ ފަހަރަށް ތަރްޖަމާ ކުރެވުނީ 1973ވަނަ އަހަރުއެވެ. މި ތަރްޖަމާ ފުރަތަމަ ތަރްޖަމާއަށް ރަނގަޅުކަން ފާހަގަ ކުރެވެއެވެ. މިހާރު ޖަޕާނުގައި ކީރިތި ޤުރްއާނުގެ ފަސް ތަރްޖަމާއެއް ގެންގުޅެއެވެ.

ޖަޕާނުގައި އިސްލާމީ ތަޢުލީމުދޭނެ ޚާއްޞަ މަދްރަސާތަކެއް އަދިއެއް ނެތެވެ. މުސްލިމުންގެ ދަރިންނަށް ބޭނުންވާ ދީނީ ތަޢުލީމު ދެވެނީ މިސްކިތްތަކުގައި ހުންނަ މަދްރަސާތަކުގައެވެ. އެކަމަކު ޖަޕާނުގެ މުސްލިމުންގެ ބައެއް ދަރީން މިޞްރަށާއި ސަޢޫދީ ޢަރަބިއްޔާއަށާއި ކުވައިތު ފަދަ ޢަރަބި ޤާއުމުތަކަށް ފޮނުވައިގެން ދީން ކިޔަވާދެމުންދާ ކަން ފާހަގަ ކުރެވެއެވެ. ސަޢުދީ ޢަރަބިއްޔާގެ ޔުނިވަރސިޓީއެއްކަމުގައި ޖާމިޢަތު މުޙައްމަދު ބުނު ސުޢޫދުގެ ބެލުމުގެ ދަށުން ޚާއްޞަ މަޢުހަދެއް ހުޅުވައިގެން ޢަރަބިބަސް ކިޔަވާދިނުމުގެ ކޯސްތައް ހިންގަމުންދާކަން ފާހަގަ ކުރެވެއެވެ. މި މަޢުހަދުގައި ކުޑަކުދިންނަށް ޚާއްޞަ ޕްރީ ސްކޫލެއް ވެސް ހިންގެއެވެ.
ޖަޕާނު ބަހުގައި ރޯދައަށް ކިޔަނީ 断食 (ޑަންޖިކީ) އެވެ. މި ބަހުގެ މާނައަކީ ހަމައެކަނި ރޯދައެއް ނޫނެވެ. ހަށިގަނޑު ހިއްކުމަށްޓަކައި ނުކައި ނުބޮއި ހުރުމަށް ވެސް މި ބަސް ބޭނުން ކުރެވެއެވެ. ޖަޕާނު މީހުން ރަމަޟާން މަހަށް ކިޔަނީ ރަމަޑާން ラマダン月 އެވެ. ޖަޕާނު މީހަކަށް މި ކަލިމަ ހަމަ އަޑު އިވޭ އިރަށް އެއީ މުސްލިމުން ނުކައި ނުބޮއި ތިބޭ މަސްކަން މިއަދު އެނގޭނެއެވެ.

ރަމަޟާން މަސް ފެށުން އިޢުލާން ކުރާނީ ޓޮކިޔޯގައި ހުންނަ އިސްލާމީ މަރްކަޒުންނެވެ. ޖަޕާނަށް ހަނދު ނުފެނިއްޖެ ނަމަ އެމީހުން ބަލާނީ އެންމެ ކައިރީގައި އޮންނަ މެލޭޝިޔާއަށެވެ. މި އިސްލާމީ މަރްކަޒުން ރަމަޟާން މަހާ ބެހޭ އިމްސާކިއްޔާ ތައްޔާރުކޮށް ޗާޕުކޮށް މުސްލިމުންނަށް ފޯރުކޮށްދޭނެއެވެ. މިމަރްކަޒުގެ ވެބް ސައިޓްގައި ޖަޕާނުގެ ތަފާތު ރަށްރަށަށް އިރުއޮއްސޭ ވަގުތާއި ނަމާދު ވަގުތުތައް އިޢުލާން ކުރާނެއެވެ.

ރަމަޟާން މަހު ރޯދަވީއްލުމަށްޓަކައި މުސްލިމުންގެ ގޭގޭގައި ތަފާތު ޖާފަތްތައް ބާއްވައެވެ. މި ޖާފަތްތަކަށް އަވަށްޓެރިންނަށް ދަޢުވަތު ދެވެއެވެ.

ހޫނު މޫސުމުގައި ޖަޕާނުގެ މުސްލިމުންނަށް 15ވަރަކަށް ގަޑިއިރު ރޯދައަށް ތިބެން ޖެހެއެވެ. މި ފަހަރުގެ ރަމަޟާން މަސް މި ދިމާވަނީ ހޫނު މޫސުމާއެވެ. ރަމަޟާން މަހެކޭ ކިޔާފައި ޖަޕާނުގައި މަސައްކަތް ކުރަން ޖެހޭ ވަގުތަކަށް ބަދަލެއް ނާންނާނެއެވެ. ޖަޕާނަކީ ވަރަށް މަސައްކަތްތެރި މުޖްތަމަޢަކަށް ވާތީ ގަޑިއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ރޯދައަށް ހުރުމަކީ މަސައްކަތަށް ފަރުވާ ކުޑަކުރުމަށް ލިބިގެންވާ ޢުޛްރެއް ކަމަކަށް އެމީހުން ނުބަލާނެއެވެ. މިއީ ޖަޕާނުގެ މުސްލިމުން ވަރަށް ރަނގަޅަށް ދަންނަ ކަމެކެވެ.

ޖަޕާނުގައި ރަމަޟާން މަހުގައި އެންމެ ފާހަގަ ކުރެވޭ ކަމަކީ ރޯދަ ވީއްލުމުގެ ޖަމާޢީ ޖާފަތްތަކެވެ. މިއީ މުސްލިމުންގެ މެދުގައި އުޚުއްވަތްތެރިކަން ވަރުގަދަކުރުމަށާއި ދެމެހެއްޓުމަށްޓަކައި އިންތިޒާމު ކުރެވޭ ކަމެކެވެ. މި ފަދަ ޖާފަތްތަކުގެ ދަޢުވަތު އޮންނަނީ ހުޅުވައިލައިފައެވެ. މިއީ ރަމަޟާން މަހު ދަތުރުވަރުގައި ޖަޕާނަށް އަންނަ މުސްލިމުންނަށް ވަރަށް ފައިދާކުރަނިވި ޢަމަލެކެވެ. ޖަޕާނުގެ ޢާއްމު ހޮޓާތަކުންނާއި ރެސްޓޯރެންޓްތަކުން ޙަލާލު ކާއެއްޗެހި ހޯދުމަކީ ވަރަށް އުދަނގޫ ކަމެކެވެ.

ޖަޕާނުގައި ހުންނަ އިސްލާމީ ބައެއް ޤައުމުތަކުގެ އެމްބެސީތަކުން ވެސް މި ފަދަ ޖަމާޢީ ރޯދަވީއްލުންތައް އިންތިޒާމު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މި ކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ ސަޢޫދީ އެމްބެސީންނެވެ.

ޖަޕާނުގެ މުސްލިމުން ތަރާވީޙު ނަމާދަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. މަޝްހޫރު ޤާރީންގެ ތެރެއިން ޢަބްދުލް ބާސިޠު ޢަބަދުއްޞަމަދާއި މުޙައްމަދު ޞިއްދީޤުލް މިންޝާވީއަކީ ޖަޕާނުގެ މުސްލިމުންގެ ގާތުގައި ވަރަށް މަޝްހޫރު ދެ ޤާރީންނެވެ.

ޢިދު ނަމާދަށް ތައްޔާރުވުމުގެ މަސައްކަތްތައް ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ކުރަން ފަށައެވެ. ފަހަކަށް އައިސް ޢީދު ނަމާދު ޤާއިމު ކުރެވެނީ ޕާކުތަކާއި ކުޅިވަރު ސްޓޭޑިއަމްތަކުގައެވެ. މި ކަމުގެ ސަބަބުން ޖަޕާނު މީހުންނަށް އިސްލާމްދީން ވަރަށް ބޮޑަށް ތަޢާރުފު ވެގެންދެއެވެ. މިއީ ޖަޕާނުގައި ދީނީ ޝިޢާރު ފާޅު ކުރުމުގެ މިނިވަންކަން ލިބިފައިވާ މިންވަރުވެސް ހާމަކޮށްދޭ ކަމެކެވެ.

* މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ.