English Edition
Dhivehi Edition

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، ރާޖްނަކުލް އިންސްޓިޓިއުޓުގައި ހިލޭ ތަމްރީން ކުރުމުގެ ފުރުޞަތު ފަހިވެއްޖެ އެވެ.

މި ފުރުސަތު ފަހިވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިއްޔެ ތައިލެންޑްގެ ޑިޕާރޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ނެވެ.

މިގޮތުން، އަންނަ ޖަނަވަރީ މަހު ފެށޭ ‘މެންޓަލް ހެލްތް ކެއަރ އިން ޗިލްރެން އެންޑް އެޑޮލެސެންޓްސް’ ޓްރެއިނިންގް ކޯހުގައި ތިން ދިވެހިން ބައިވެރި ކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ރާޖްނަކުލް އިންސްޓިޓިއުޓަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޤަދަރުވެރި ދިރިއުޅުމެއް އުޅުމަށް އެކި ހުނަރުތައް ދަސްކޮށްދީ ޚިދްމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ.

މި ރޮނގުން ދިރާސާތައްކޮށް މި މަސައްކަތް ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ރާޖްނަކުލް އިންސްޓިޓިއުޓްގައި އަންނަނީ ހިންގަމުން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު ތައިލެންޑަށް ކުރައްވާ ދަތުރުފުޅަކީ ތައިލެންޑްގައި ކުރިއަށްދާ ތައި ސިލްކް ފެޝަން ވީކްގެ އޯގަނައިޒިން ކޮމިޓީން އެރުވި ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.