ކޮންމެ މަސައްކަތަކީވެސް އެ މަސައްކަތެއް ގަޔާވެގެން ކުރާ ހިތުން ކުރާނަމަ އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ މަސައްކަތެކެވެ.އަދި އެ މަސައްތެއް ފުރިހަމަކަމާއެކު ކުރެވެމުން ލިބޭ ހިތްހަމަޖެހުމާއި އެކު ރަނގަޅު އާމްދަނީ އެއްވެސް ލިބިގެން ދާނެ މަސައްކަތެކެވެ. ކޮންމެ ކަމެއްވެސް ކުރުމަށް ބޭނުންވަނީ މުރާލިކަމާއި ހިތްވަރެވެ.
ސ.މީދޫ ނިރު ފާތިމަތު ނިހާން (ނިއްޓޯ)އަކީ އަބަދުވެސް ކުރާ ކޮންމެ މަސައްކަތެއް ވަރަށް ފުރިހަމައަށް ކުރަން ބޭނުންވާ ކަނބަލެކެވެ. އެންމެ ކުޑައިރުއްސުރެ ނިއްޓޯގެ ޝައުގުވެރިކަން އަތުލި، ކޭކު އެޅުމުގެ މަސައްކަތުގައި އޭނާ މިއަދު ވަނީ ގިނަ ހަރުފަތްތަކެއް ގިރާކޮށްފައެވެ. “ކުޑައިރުއްސުރެވެސް ވަރަށް ކޭކު އަޅާ ހިތްވޭ. ދެން އޭރު ކޭކު ޑެކަރޭޓްކުރަން މާ ބޮޑަށް ނޭގުނަސް ހަމަ މިހެން އުޅެލާފަ ކޭކެއް އަޅާލަން.” ނިއްޓޯ ބުންޏެވެ.
އޭރު ކޭކު އަޅަން ކިތަންމެ ބޭނުންވިޔަސް ރަށުގައި ދިރިއުޅެމުން، އެ މަސައްކަތްކުރުމުގެ މާ ބޮޑު ތަޖުރިބާއެއް ހޯދުމުގެ ފުރުސަތެއް ނިއްޓޯއަކަށް ނުލިބުނެވެ. އޭރު، ނިއްޓޯގެ ކޭކުތައް ކިތަންމެ މީރު ނަމަވެސް އޭގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔައީ އާއިލާ މީހުންނަށް އެކަންޏެވެ. އެ މަސައްކަތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައި ނެތުމުން އެ މަސައްކަތް ވިޔަފާރި އެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަކީ ވާނެކަމެއްކަމުގައި، އުއްމީދެއްވެސް ނުކުރެއެވެ. “ރަށުގައި ހުރެގެން ކޭކު ކޯސް ހެދުމުގެ ފުރުސަތެއް ނުލިބުނު. އެހެންވެ އުއްމީދެއް ނުކުރަން މިއީ ދުވަހަކުވެސް ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ކަމެއްކަމަށް” ނިއްޓޯ ބުންޏެވެ.
އެހެންނަމަވެސް ނިއްޓޯ އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް އެ މަސައްކަތުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޭނާއަށް ލިބިގެން ދިޔައެވެ. ކައިވެނިކޮށްގެން މާލެ ބަދަލުވި ހިސާބުން އޭނާގެ ނަސީބު އަތުގައި ހިފިއެވެ. “ކައިވެނިކޮށްގެން މާލެއަށް ބަދަލުވީ. ދެން އަބަދު ގޭގައި ހުންނަންޖެހުނީމަ ވަރަށް ފޫހިވޭ. އެހެންވެ ހިތަށް އެރީ މިއީ ކޭކު ކޯސް ހަދާލަން ރަގަޅު ފުރުސަތަކޭ، އެންމެ ފުރަތަމަ ބޭސިކް ކޭކު ކޯހެއް ހެދީ 2008 ވަނަ އަހަރު. އެ ކޯސް ނިންމާލާފަ ޝުގާ ފްލާވާ ކޯހެއް ހެދުމުގެ ފުރުސަތުވެސް ލިބިގެން ދިޔަ.” ނިއްޓޯ ބުންޏެވެ. “އެކަމަކު ކޭކު ކޯސް ނިމުނުތަނާ, ކުއްލިއަކަށް ރަށަށް ބަދަލުވާންޖެހުނީ.” ކޯހުން ދަސްވި ހުނަރުތަކާއެކު ދެން ފެށިގެން ދިޔައީ ނިއްޓޯގެ ހަގީގީ މަސައްކަތެވެ، “އެހެން އުޅެލާފަ ވަޒީފާ އަށްވެސް ދަން. އެކަމަކު ބޮޑަށް ބޭނުންވީ ގޭގައި، އާމްދަނީ ލިބޭނެ ފަދަ މަސައްކަތެއް ކުރަން. ވަޒީފާއަށް ދިޔައިރުވެސް ލިބޭ އޯޑަރުތަކަށް ކޭކު އަޅަން. އެކަމަކު ހަމައެކަނި އެ މަސައްކަތަށް ހުސްވެ ހުންނަން ބޮޑަށް ވިސްނީ” ނިއްޓޯ ބުންޏެވެ.
އަބަދުވެސް އެންމެ ކުރާ ހިތްވާ މަސައްކަތުގައި އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް ހާއްސަ އިސްކަމެއް ދިން ނިއްޓޯވަނީ ރަށުގައި ހުރެގެން އެޑްވާންސް ކޭކު ކޯސްވެސް ފުރިހަމަކޮށްފައެވެ. އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބޭއްވި އެ ކޯސް ވެގެންދިޔައީ ނިއްޓޯއަށް ވަރަށް ގިނަ އާ އެއްޗެހި ދަސްވެގެން ދިޔަ ކޯހަކަށެވެ. “އެޑްވާންސް ކޯހާއި އެކު ކުރިން ނޭގޭ ވަރަށް ގިނަ އެއްޗެހި ދަސްވެގެން ދިޔަ، މިހާރު އެގޭނެ އައިސިންގ ބޭނުންކޮށްގެން ކިތަންމެ އުނދަގޫ ކޭކެއް އަޅަންވެސް. ކުރިން ހިތަށް ނުވެސް ގެނެވޭ އައިސިންގ އިން އެއްޗެހި ހަދާނެ ގޮތްތައް. އެކަމަކު މިހާރު މިއީ އެއްވެސް ކަމެއް ނޫން” ނިއްޓޯ ބުންޏެވެ.
މިހާރު ފިރިމީހާގެ ރަށް ގދ.ވާދޫގައި ދިރިއުޅެމުން ގެންދާ ނިއްޓޯ ބުނީ އައްޑޫ ސިޓީގައިވެސް، ކޭކު އެޅުމުގެ މަސައްކަތްކުރި ގޮތަށް މިހާރުވެސް އެ މަސައްކަތްކުރިއަށް ގެންދާކަމަށާއި އެ ރަށުންވެސް މިކަމަށް ލިބޭ ތަރުހީބު ރަނގަޅުކަމަށެވެ. “ކިތަންމެ ބިޒީކޮށް އުޅުނަސް މި ކަމަށް ވަގުތު ހޯދަން. އެންމެ ބޮޑު އިސްކަމެއް ދެނީ ބުނާ ގަޑިއަށް ދޭ ޑިޒައިނަށް ކޭކު ނިންމުމަށް.” ނިއްޓޯ ބުންޏެވެ. ފެރީ ދަތުރު އޮންނަ ގޮތުން އަތޮޅުގެ އެހެން ރަށްރަށުން ލިބޭ އޯޑަރުތައް ނެގުމަކީ އުދަނގޫކަމެއްކަން ފާހަގަކޮށް ނިއްޓޯ ބުނީ އެ ފަދަ އޯޑަރުތައް ދޫކޮށްލަންޖެހޭކަމަށެވެ.
ކޭކު އެޅުމުގައި މަސައްކަތުގައި 14 އަހަރުވެގެން ދިޔައިރު ޗޮކްލެޓް ކޭކާއި ބަޓަރު ކޭކުގެ އިތުރުން ކަނަމަދު ކޭކަކީ ނިއްޓޯގެ އެފަދަ ދެވަނަ އެއް ނެތްފަދަ ރަހަ މީރު ކޭކުތަކެވެ. ކޭކު ޑިޒައިންތައް ރީތިވުމުގެ އިތުރުން އެއީ އަނގައަށް މީރު، ދެވަނަ ފަހަރަށްވެސް އެ ފަދަ ކޭކެއް ކާލަން ބޭނުންވާ ފަދަ ކޭކުތަކެވެ. ނިއްޓޯ ބުނީ މި މަސައްކަތުގައި އެންމެ އުދަގޫކަމަކީ މަސައްކަތަށް ބޭނުންވާ ސާމާންތައް ހޯދަންކަމުގައެވެ. “ބައެއް އެއްޗެހި ހުންނަނީ ރާއްޖެއިން ބޭރުން ގެނެސްފަ. އެކަމަކު ކުއްލިއަކަށް ހޯދަން ބޭނުންވާ އެއްޗެއް ވެއްޖެއްޔާ ގިނަ ފަހަރަށް ނުލިބޭ. ދެން އެހެން ރަށްރަށުން ގެންނަން މިޖެހެނީ.އެހެންވެ މިހާރު ބޭރުން އެއްޗެހި ގެނެސްފަ މި ބަހައްޓަނީ”ނިއްޓޯ ބުންޏެވެ. ނިއްޓޯ ބުނީ މި ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށާއި މިއީ އެހެން ވަޒީފާއަކަށް ނުގޮސް ގޭގައި ހުރެގެންވެސް ކުރަން ރަނގަޅު މަސައްކަތެއް ކަމަށެވެ. އަދި ކޮންމެ މަސައްކަތެއްވެސް ރަގަޅަށް ކުރިއަށް ގެންދިއުމަށް ކަސްޓަމަރުންގެ އިތުބާރަކީ މުހިއްމު އެއްޗެއް ކަން ނިއްޓޯ ބުންޏެވެ،
ކޭކު އެޅުމުގެ އިތުރުން ނިއްޓޯއަކީ ކުޅިވަރުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ. ބަށި، ވޮލީ ގެ އިތުރުން ނެޓްބޯޅަވެސް ކުޅޭ ނިއްޓޯ އަކީ މީދޫގައި ދިރިއުޅުނު އިރުވެސް ކުޅިވަރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ނަމޫނާއެކެވެ. މިހާރު ވާދޫ އަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް، އެ ރަށުގައި ކުޅޭ ކުޅިވަރު މުބާރާތްތަކުގައިވެސް ނިއްޓޯ އަންނަނީ ބައިވެރިވެ ކާމިޔާބީތައް ހޯދަމުންނެވެ. ނިއްޓޯގެ މި ކާމިޔާބީގައި އޭނާގެ ފިރިމީހާ އާއި އާއިލާގެ ހިއްސާ ވަރަށް ބޮޑެވެ. އަބަދުވެސް ކުރާ ކޮންމެ މަސައްކަތެއްގައި އެމީހުންގެ ފަރާތުން ލިބެމުން އަންނަ ހިތްވަރާއި އެއްބާރުލުން ނިއްޓޯ ފާހަގަކުރަނީ އުފަލާއެކުގައެވެ. ” ފިރިމީހާ އާއި އާއިލާގެ އިތުރުން ހިތްވަރާއި އެއްބާރުލުން ދޭ ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ”
‘އޭއޯ ނިއުސް’ އިން އެދެނީ ނިއްޓޯގެ މަސައްކަތުގައި އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ.