English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުން ޕޮލަންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ރޭ ކުޅުނު ދެވަނަ ބުރުގެ މެޗު ފްރާންސްއިން ކާމިޔާބު ކުރީ 1-3 އިން ޕޮލަންޑް ބަލިކޮށްގެންނެވެ.

މެޗު ފެށިގެން ފުރަތަމަ ހާފުގެ ބޮޑުބައެއް ރަނގަޅަށް ކުޅުނީ ޕޮލަންޑުންނެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، ފުރަތަމަ ހާފުގައި ޕޮލަންޑަށް ވަނީ ލީޑު ނަގަން ހުސް ފުރުސަތެއް ލިބިފައެވެ. އެގޮތުން ފްރާންސްގެ ގޯލު ކުރިމަތީ ހުސްކޮށް ހުރެ ބެރެޒެންސްކީ ފޮނުވާލި ބާރު ހަމަލާ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް މަތަކުރިއިރު، ރިބައުންސް ވެގެން އައި ބޯޅަ ދެ ވަނަ ފަހަރަށް ފޮނުވާލުމުން ވެސް ވީ ނާކާމިޔާބެވެ.

ފުރަތަމަ ހާފުނިމުމަކަށް ދިޔައިރު، ފްރާންސުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލާ ޕޮލަންޑުގެ ފަހަތަށް ބާރު ބޮޑުކޮށް ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. އެ ގޮތުން ފްރާންސްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑް ނަގާފައެވެ. އެމްބާޕޭ އޭރިޔާގެ ތެރެއަށް ނަގައިދިން ހުރަހަކުން މި ލަނޑު ޖެހީ އޮލިވާ ޖިރޫ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ލަނޑެވެ. މިއާއެކު ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފުވެސް ލިބިފައި ވަނި އޭނާއަށެވެ.

ދެ ވަނަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެކެވެ. ގޮތުން މެޗުގެ 74 ވަނަ މިނިޓުގައި ދެވަނަ ލަނޑެއް ޖަހާ އެޓީމުން ލީޑު ފުޅާކުރިއެވެ. މި ލަނޑު ޖަހައިދިނީ އެމްބާޕޭއެވެ. މެޗުގެ އިތުރު ވަގުތުގައި އެމްޕާބޭ އިތުރު ލަނޑެއް ޖަހާ ނަތީޖާ 0-3 އަށް ބަދަލުކޮށްލިއެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 5 ވަނަ ލަނޑެވެ.

ޕޮލެންޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ، މެޗުގެ އެންމެ ފަހު މިނިޓުގައި ފްރާންސްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ބޯޅައަށް ރެފްރީ ދިން ޕެނަލްޓީއަކުން ލެވަންޑޯސްކީ ޖެހި ލަނޑެކެވެ.

މި މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ފްރާންސްއިން ދަތުރުކުރިއިރު، އެޓީމު ކުއާޓާގައި ބައްދަލުކުރަން ޖެހުނީ ރޭ ސެނެގާލް ބަލިކުރި އިންގްލެންޑާއެވެ.