English Edition
Dhivehi Edition

ސިނގިރޭޓް ބުއިން ނުވަތަ ދުންފަތު އިސްތިއުމާލް ކުރުމަކީ ސިއްޙަތަށް ބޮޑެތި ގެއްލުން ލިބޭކަމެކެވެ. ސިގްރޭޓް ބޯ މީހުން ކޮންމެވެސް ވަރަކަށް މަދުވެފައި ވީނަމަވެސް އެއިގެ ބަދުލުގައި އީ- ސިނގިރޭޓް ބޭނުންކުރާ މީހުން ގިނަވަމުން ދާކަން ފާހަގަ ކުރެވެއެވެ. އީ- ސިނގިރެޓް ނުވަތަ ވެޕަރ ސިނގިރޭޓަކީ އެއިން އެއްވެސް ގެއްލުމެއް ނުލިބޭ އެއްޗެއްކަމަށް ގިނަ ޒުވާނުންނަށް ހީވެފައި އޮވެއެވެ. އެހެންނަމަވެސް ހަޤީގަތަކީ އެއެއް ނޫނެވެ. އީ- ސިނގިރޭޓަކީވެސް ސިއްޙީ ގޮތުން ރަގަޅު އެއްޗަކަށް ނުވާއިރު އެއިން ކެންސަރ ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ހިތާ ފުއްޕާމޭގެ ބަލިތަކާއި، ސިކުނޑިއަށް ވެސް ގެއްލުން ދޭ އެއްޗެކެވެ. އަދި ޙާއްސަކޮށް މާބަޑު މީހުންނަށް މީގެން ކުރާ އަސަރު ބޮޑެވެ. މިފަދަ ސިނގިރޭޓްތަކަކީ އާދައިގެ ސިނގިރޭޓް އާއި ތަފާތުކޮށް ބެޓެރި ބޭނުންކުރެވޭ އެއްޗަކަށް ވީނަމަވެސް ކުރެވެނީ ހަމަ އެއް ބޭނުމެކެވެ. ދުންފަތް އެންދުމުގެ ބަދަލުގައި އީ-ސިނގިރޭޓްގައި ހުންނަނީ ނިކޮޓިން އާއި ތަފާތު ކެމިކަލްތައް އަޅާފައި ހުންނަ ކާރޓްރިޖެކެވެ. އެހެންކަމުން މިސިނގިރޭޓް ބޭނުންކުރުމުން އޭގައި ހުންނަ ތެތް ކެމިކަލްތައް ވެޕާރ ނުވަތަ ސްޓީމް އަށް ބަދަލުކޮށްލައެވެ. އަދި އެތަކެތި ހަށިގަނޑުގެ ތެރެއަށް ދިޔުމަށްފަހު ދުމުގެ ގޮތުގައި ބޭރުކޮށްލައެވެ. މި ސިނގިރޭޓްގައި ގިނަ އަދަދަކަށް ނިކޮޓިން އެކުލެވިފައި ހުރުމުގެ ސަބަބުން ދެވިހިފުމަށް މަގުފަހިވެއެވެ. އަދި އީ-ސިނގިރޭޓްގައި ހުންނަ ނިކޮޓިންގެ ސަބަބުން މަސްތުވާތަކެއްޗަށާއި، ތަފާތު ރަލަށް ދެވި ހިފުމަށްވެސް މަގުފަހިވެއެވެ. އީ-ސިނގިރޭޓަކީވެސް އެއިގައި ތަފާތު އެކި ކަހަލަ ނުރައްކާތެރި މާއްދާތައް އެކުލެވޭ އެއްޗެކެވެ. އެހެންނަމަވެސް އެކި ބްރޭންޑްގައި ހުންނަ ނިކޮޓިން އާއި ކެމިކަލްތައް ތަފާތުވެއެވެ. އެހެންކަމުން ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވާ މީހަކަށް އީ-ސިނގިރޭޓް އަކީ އެންމެ ރަނގަޅު އެއްޗެއް ނޫނެވެ. އާދައިގެ ސިނގިރޭޓް ބުއިމެކޭ އެއްގޮތަށް އީ-ސިނގިރޭޓް ވެސް އާއްމުތަންނާގައި ބުއިމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ.