English Edition
Dhivehi Edition

ނޯޓް: މިއީ އައިޖީއެމްއެޗްގެ ރޭޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ ފާތިމަތު މުފްލިޙާގެ ލިޔުއްވުމެކެވެ.

އުރަމަތީގެ ކެންސަރަކީ ކޮބާ؟

އުރަމަތީގެ ކެންސަރ، އުފެދެން ދިމާވަނީ އުރަމަތީގައި ހިމެނޭ ބައިތަކުގެ އެތެރެ ފަށަލައިގެ ސެލްތައް، ހިފެހެއްޓުމެއް ނެތްގޮތަކަށް ބޮޑުވާން ފެށުމުންނެވެ. މިގޮތުން ކުޑަމުއްދަތެއްގެ ތެރޭގައި އިތުރުވެގަނެއެވެ. އާންމުކޮށް އުރަމަތީގެ ކެންސަރ ފަށާނީ، ކިރުދައުރުކުރާ ޑަކްޓު ގައެވެ. މިވައްތަރުގެ ކެންސަރަށް ކިޔާނީ ޑަކްޓަލް ކާސިނޯމާއެވެ. އަދި ކިރުއުފައްދައިދޭ ގްލޭންޑްގަނަމަ، ލޮބިއުލަރ ކާސިނޯމާ އެވެ. މަދުފަހަރެއްގައި އުރަމަތީގެ އެހެނިހެން ޓިޝޫތަކުންވެސް ކެންސަރު އުފެދޭކަން ފާހަގަ ކުރެވިފައިވެއެވެ.

ސްކްރީން ކުރުން

ސްކްރީން ކުރުމުގެ އަމާޒަކީ ބައްޔެއްގެ އަލާމާތްތައް ފެނުމުގެކުރިން ބަލީގެ އެންމެ ކުރީކޮޅު އެބައްޔެއް، ހާއްސަ ވަސީލަތްތަކެއް ބޭނުންކޮށްގެން ދެނެގަތުމެވެ.

އެވަރެޖް ރިސްކް ގްރޫޕް:

މިފަދަ އަންހެނުންނަކީ، ކުރިން އުރަމަތީގެ ކެންސަރ ޖެހިފައި ނުވާ، އާއިލާގައި މަންމަ، ބޮޑުދައިތަ، ދައްތަ ފަދަ މީހެއް އުރަމަތީގެ ކެންސަރ އަށް ފަރުވާކޮށްފައި ނުވާމީހެންނެވެ. އަދި އެނގޭ އެއްވެސް ވާރުތަކުރާ ފަދަ “ޖީން” އެއް މިސާލަކަށް ބީ.އާރް.ސީއޭ ޖީން ފަދަ ޖީންއެއް ނުވާ އެހެންމެ އުމުރުން 30 އަހަރުގެ ކުރިން މޭގެ އެއްވެސް ހިސާބަކަށް ރޭޑިއޭޝަން ލިބިފައި ނުވާ މީހުންނެވެ.

40-44 ދެމެދުގެ އުމުރުފުރައިގެ އަންހެނުން: އަހަރަކު އެއްފަހަރު މެމޯގްރާމް އެއް ހެދުމުގެ އިހްތިޔާރުވެއެވެ.

45-54 ދެމެދުގެ އުމުރު ފުރައިގެ އަންހެނުން: މެމޯގްރާމް އަހަރަކު އެއްފަހަރު ހަދަން ބާރުއަޅައެވެ.

އުމުރުން 55 އަހަރާއި، އެއަށްވުރެ ދޮށީ އުމުރުގެ އަންހެނުން: މެމޯގްރާމްއެއް ބޭނުން ކޮށްގެން ސްކްރީން ކުރުން ދެއަހަރުން އެއްއަހަރު ނޫނީ އަހަރަކު އެއްފަހަރު ހެދުންވެސް އެންމެ ރަނގަޅެވެ.

އުމުރުން ދުވަސްވީކަމުގައި ވިޔަސް އާންމު ސިއްހަތު ރަނގަޅުނަމަ، މިފަދައިން (މެމޯގްރާމްގެ އެހީގައި) ސްކްރީން ކުރަންވާނެއެވެ.

ހައި ރިސްކް ގްރޫޕް:

މިގްރޫޕްގައި ހިމެނޭ އަންހެނުން އަހަރަކު އެއްފަހަރު އެމް.އާރް.އައި. އަދި މެމޯގްރާމްގެ އެހީގައި އުރަމަތި ޗެކްކުރަން ވާނެއެވެ. ސްކްރީން ކުރަން ފައްޓަން ވާނީ އުމުރުން 30 އަހަރުން ފަށައިގެންނެވެ.

މިގްރޫޕްގައި ހިމެނެނީ ރިސްކް ބަލާ ވަސީލަތެއްގެ އެހީގައި، އުރަމަތީގެ ކެންސަރ ޖެހުމުގެ ރިސްކް %25 އަށް ވުރެ އިތުރުވާ މީހުންނެވެ.

މެމޯގްރާމް އަކީ ކޮބާ؟

މިއީ މިކަމަށް ޚާއްސަ ކުރެވިފައިވާ އެކްސްރޭ މެޝިނެއްގެ އެހީގައި ނެގޭ އުރަމަތީގެ އެކްސްރޭ އެކެވެ. ދެވައްތަރެއްގެ މެމޯގްރާމްގެ ޚިދުމަތް މިހާރު ދިވެހިރާއްޖޭގައި ލިބެން ހުރެއެވެ. އެއީ 2ޑީ އަދި 3ޑީ(ޑިޖިޓަލް ޓޯމޯސިންތެސިސް) އެވެ.

  1. 2ޑީ: ދެ ޕްލޭޓެއް ދެމެދު ،މާ ތަދުނުވާ ގޮތަކަށް އުރަމަތި ފިއްތާލުމަށްފަހު ދެ އަރިއަކަށް ނެގޭ އެކްސްރޭ އެކެވެ. ފިއްތާލުމުގެ ބޭނުމަކީ އުރަމަތި ފަތުރާލުމުން، އުރަމަތީގެ ހުރިހާ ބައެއް ބަލާލެވި އެއްވެސް ނުރަގަނޅު ކަމެއްވާނަމަ އެކަމެއް ފެނުމުގެ ފުރުސްތު ބޮޑުކޮށްލުމެވެ.
  2. 3ޑީ: ކުރިން ދެންނެވުނު ގޮތަށް އެކްސްރޭ ނެގުމަށް ތައްޔާރު ކުރުމަށް ފަހު، އެކްސްރޭ އުރަމަތީގެ ވަށާ ނެގެއެވެ. މިގޮތަށް އެކްސްރޭނެގި 3ޑީކޮށް އުރަމަތީގެ ހުރިހާ ބައެއް ބަލާލެވި ، ބަލީގެ ކުރީކޮޅު އިމޭޖިންގެ އަލީގައި ފެންނާނެ އަލާމަތްތައް ފެނުމުގެ ފުރުސަތު ބޮޑުކޮށްލަދެއެވެ.

މެމޯގްރާމް ހަދަން އެންމެ ރަނގަޅީ ދަރިމައިވާ އުމުރުގަނަމަ، މައްސަރުގެ10 ވަނަ ދުވަހުގެ ފަހުންނެވެ. މިއީ މައްސަރުގެ ދުވަސް ތަކުގެ ތެރޭގައި ހޯމޯނާގުޅި އުރަމައްޗަށް އަންނަ ބަދަލުތަކުން ބަލީގެ އިމޭޖިން އަލާމާތްތައް ފެނުމަށް ބުރޫއަރާނެތީވެއެވެ.

އުރަމަތީގެ އެމް.އާރ.އައި

މިއީ, މެގްނެޓިކް ފީލްޑެއް އަދި ރޭޑިއޯ ފްރީކުއަންސީ ބޭނުން ކޮށްގެން ހެދޭ އުރަމަތީގެ ސްކޭން އެކެވެ. މިއީ އުރަމަތީގެ ފައިބްރޯގްލޭންޑިއުލާ ޓިޝޫ ބޯނަމަ، މެމޯގްރާމްގައި އިމޭޖިންއިން ފެންނަ އަލާމާތްތައްފެނުމުގެ ފުރުސަތު ކުޑަވުމުން އިތުރުން (ސަޕްލިމްންޓްރީކޮށް) ކުރެވޭ ސްކޭން އެކެވެ. ނޫނީ އިތުރުން އިމޭޖިންގެ އަލީގައި ސިފަކުރަން ޖެހިދާނެ ޚާލަތް ތަކުގައި ބޭނުން ކުރެވިގެންދާ ވަސީލަތެކެވެ.

އުރަމަތީގެ އަލްޓްރަސައުންޑް:

މިއީ, އަލްޓްރާ ސައުންޑު ބޭނުން ކޮށްގެން ހެދޭ އުރަމަތީގެ ސްކޭން އެކެވެ. މިއީ އުރަމަތީގެ ފައިބްރޯގްލޭންޑިއުލާ ޓިޝޫ ބޯނަމަ، މެމޯގްރާމްގައި އިމޭޖިންއިން ފެންނަ އަލާމާތްތައް ފެނުމުގެ ފުރުސަތު ކުޑަވުމުން އިތުރުން (ސަޕްލިމްންޓްރީކޮށް) ކުރެވޭ ސްކޭން އެކެވެ. ނޫނީ އިތުރުން އިމޭޖިންގެ އަލީގައި ސިފަކުރަން ޖެހިދާނެ ހާލަތް ތަކުގައި ބޭނުން ކުރެވިގެންދާ ވަސީލަތެކެވެ. މިވަސީލަތަކީ 40 އަހަރުން ދަށުގެ މީހުންނަށް އަދި ބަނޑުބޮޑު ދުވަސް ވަރު އުރަމަތިން ފެންނަ ދުޅަ އެއް ނޫނީ އުރަމަތީގެ އެހެން އަލާމަތެއް ފެނިއްޖެ ހާލަތްތަކުގައި ބޭނުން ކުރެވޭ ވަސީލަތެކެވެ.

ފާހަގަކުރައްވަންވީ އެންމެ މުހިންމުކަމަކީ އުރަމަތީގައިލާ ކޮންމެ ގަނޑުކޮޅަކީ އުރަމަތީގެ ކެންސަރަށް ނުވެދާނެކަމެވެ. އަދި ގިނަވައްތަރުތަކަކީ ކެންސަރ އަށް ބަދަލުވާ ވައްތަރުތަކެއްވެސް ނޫންކަމެވެ. ބަލީގެ ކުރީކޮޅު ބަލި ދެނެގަނަވިއްޖެނަމަ ޝިފާ ލިބިގެންދާ މިބަލިން ތިމާ އަދި ތިމާގެ ލޯބިވާ އުޚުތުންނަށް ސަލާމަތްތެރިކަން ހޯއްދަވާދެއްވުމަށް މިއަދުން ފެށިގެން އަޒުމުކަނޑަ އަޅުއްވަމާތޯއެވެ؟