English Edition
Dhivehi Edition

ބެލްޖިއަމްގެ ކޯޗުކަމުން ރޮބާޓޯ މާޓިނޭޒް ބެލްޖިއަމްގެ ކޯޗުގެ މަޤާމުން އިސްތިއުފާ ދީފި އެވެ.

ބެލްޖިއަމްގެ ކޯޗުކަމުން މާޓިނޭޒް އިސްތިއުފާ ދީފައި މިވަނީ ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕުން ބެލްޖިއަމް ކެޓުމާއި ގުޅިގެންނެވެ. ބެލްޖިއަމް މުބާރާތުން ކެޓީ މިރޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކްރޮއޭޝިއާއާއި ދެކޮޅަށް ކުޅެ އެއްވަރުވުމުންނެވެ.

ވޯލްޑް ކަޕަށްފަހު މާޓިނޭޒް ބެލްޖިއަމްގެ ގައުމީ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު މިރޭގެ މެޗަށްފަހު ވާހަކަދައްކަމުން މާޓިނޭޒް ބުނީ މި މެޗަކީ ބެލްޖިއަމްގެ ގައުމީ ޓީމަށް އޭނާ ކޯޗުކޮށްދޭނެ ފަހު މެޗު ކަމަށެވެ. އަދި މާ ކުރިން ވެސް މި ނިންމުން ނިންމާ ބެލްޖިއަމް ފުޓްބޯޅަ ފެޑެރޭޗަނަށް މިކަން އަންގާފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބެލްޖިއަމްގެ ކޯޗުކަމާ މާޓިނޭޒް ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ބެލްޖިއަމުން ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފަ އެވެ.

މިރޭ ކްރޮއޭޝިއާއާއި ދެކޮޅަށް ކުޅުނު މެޗު ކާމޔާބު ކޮށްގެން ދެވަނަ ބުރަށް ބެލްޖިއަމް އަށް ދެވެން އޮތް ނަމަވެސް އެޓީމަށް ވަނި މެޗުން މޮޅު ނުވެވިފައެވެ. މެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުން ނުހިފި މެޗު ނިންމާލަން ޖެހުނީ މޮޅެއް ނުހޯދިއެވެ.