English Edition
Dhivehi Edition

ގަތަރުގައި މިހާރު ފެށިގެން ކުރިޔަށް ދާ ދުނިޔޭގެ ތައްޓަށް ކުޅޭވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ “ފީފާ ވޯލްޑް ކަޕް 2022” ގެ ކުޅުން ފެށުނީ މި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު މުބާރާތް ބޭއްވޭ ގައުމު ކަމުގައިވާ ގަތަރާއި އިކުއެޑޯ ބައްދަލުކުރި މެޗުންނެވެ.

32 ޓީމާއި އެކު މި ފަހަރުގެ މުބާރާތް ފެށިގެން މިހާތަނަށް އައިއިރު، ވަނީ ކޮންމެ ގުރޫޕަކުން ވެސް ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައެވެ. ޖުމުލަ 32 މެޗު މިހާތަނަށް ކުޅެފައިވާއިރު، ދެން ކުޅެން ޖެހޭނީ ގުރޫޕް ސްޓޭޖުގައި ކޮންމެ ތީމަކުން ވެސް ކުޅެން ޖެހޭނެ އެންމެ ފަހު މެޗެވެ. ފަހު މެޗުތަކުގެ ކުޅުން މިރޭ ރާއްޖޭ ގަޑިން 20:00 ގައި ފެށޭނެއެވެ.

ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، މިހާތަނަށް އައި އިރު، މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވެފައި އޮތީ ތިން ޓީމަށެވެ. އެއީ ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި މިހާތަނަށް ވޯލްޑް ކަޕް ތަށި އެންމެ ގިނައިން ހޯދާފައިވާ ބްރެޒިލް އާއި ޕޯޗުގަލް އެވެ. މުބާރާތުގެ މިހާތަނަށް އައިއިރު، ގުރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެމެޗުން ވެސް ބަލިވެ ދެ ޓީމެއް ވަނީ މުބާރާތުން ކަޓާފައެވެ. މުބާރާތުން ކެޓި ދެ ޓީމަކީ މުބާރާތް ބާއްވާ ގައުމު ގަތަރާއި ކެނެޑާއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ކުޅުން މިރޭ ފަށާއިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭ ގަނޑު 8:00 ގައާއި ދަންވަރު 12:00 ގައެވެ.

މިރޭ ގުރޫޕް އޭގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ބަލާއިރު،

20:00 : ނެދަލެންޑްސް – ގަތަރު (ގުރޫޕް އޭ)

20:00 : ސެނެގާލް – އިކުއެޑޯ ( ގުރޫޕް އޭ)

މިރޭގެ މެޗުތަކުން މޮޅުވެގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު، ސެނެގާލް އާއި ނެދަލެންޑްސް އަދި އިކުއެޑޯއަށް އެބަ އޮތެވެ. ފުރުސަތު ނެތީ ހަމަ އެކަނި ގަތަރަށެވެ. އެޓީމު ވަނި ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.

ގުރޫޕް އޭގެ ޓީމުތަކުގެ ހާލަތާއި މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާތައް

ނެދަލެންޑްސް : މިހާތަނަށް ދެމެޗު ކުޅެފައިވާއިރު، އެއް މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން މިރޭ ތަރަު އަތުން ބަލިވުން ނޫން ކޮންމެ ނަތިޖާއެއް ނުކުތައް ނެދަލެންޑްސްއަށް ދެވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސެނެގާލް : މިރޭގެ މެޗާއި ކުރިމަތިލާއިރު، ސެނެގާލް ވެސް މިހާތަނަށް ދެ މެޗެއް ވަނީ ކުޅެފައެވެ. އެއް މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ. އެހެން ކަމުން ދެ މެޗުން ތިން ޕޮއިންޓާއި އެކު ގުރޫޕުގެ ތިން ވަނާގައި މިވަގުތު އޮތް ސެނެގާލް އަށް މިރޭ އިކުއެޑޯއަތުން މޮޅެއް ހޯދުން ނޫން ގޮތެއް ނެތެވެ. ދެވަނަ ބުރުން ޖާގައެއް ބެނުން ނަމަ ސެނެގާލް ޖެހޭނީ އިކުއެޑޯ ބަލިކުރާށެވެ.

އިކުއެޑޯ: އިކުއެޑޯއިން ވެސް މިހާތަނަށް ދެ މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން އެޓީމަށް ކުޅުނު ދެ މެޗުން މިހާރު ހަތަރު ޕޮއިންޓް ލިބި ފައިދާ ދެ ގޯލް އާއި އެކު ގުރޫޕުގެ ދެވަނާގައި އޮތް އިކުއެޑޯއަށް މިއަދުގެ މެޗުން ބަލިނޫން ކޮންމެ ނަތިޖާއަކުން ވެސް ފުއްދާލެވެން އޮންނާނެއެވެ. މެޗު އެއްވަރު ވިޔަސް އަދި މޮޅުވިޔަސް އިކުއެޑޯއަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.

ގަތަރު: ގަތަރަކީ ފުރަތަމަ ކުޅުނު ދެމެޗުން ވެސް ބަލިވެ މުބާރާތުން ކެޓި ފުރަތަމަ ގައުމެވެ. އެޓީމަށް މިއަދުގެ މެޗުން މޮޅުވިޔަސް ބަލިވިޔަސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

ތަޖުރިބާ ކާރުން ލަފާ ކުރާ ގޮތުގައި މި ގުރުޕުން ދެވަނަ ބުރުގެ ފުރުސަތު ހޯދާނީ ނެދަލެންޑްސް އަދި އިކުއެޑޯއެވެ.