English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގުރުޕް އެޗްގައި މިރޭ ކުޅުނު މެޗުގައި ކޮރެއާ ރިޕަބްލިކް ބަލިކޮށް ދެވަނަ ބުރުގެ ފުރުސަތު ގާނާއިން ބޮޑުކޮށްފިއެވެ..

ދޯހާގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމުގައި ކުރިޔަށް ދިޔަ މި މެޗުން ކޮރެއާގެ މައްޗަށް ގާނާއިން ކުރި ހޯދީ 3-2 ގެ ނަތިޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފު ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދީ ދެކުނު ކޮރެއާ އިންނެވެ. އެ ގޮތުން ކޮރެއާއިން ހަމަލާތައް އުފެއްދި ނަމަވެސް އެއްވެސް ހަމަލާއެއް ކާމިޔާބެއް ނުވިއެވެ. ކޮރެއާއލން ރަނގަޅަށް ކުޅެމުން ދަނިކޮށް ފުރަތަމަ ލަނޑު ޖަހާ ލިޑު ނެގީ ގާނާއިންނެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން. މި ލަނޑު ގާނާއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލީސޫއެވެ. ގާނާ އިން ދެ ވަނަ ލަނޑު 34 ވަނަ މިނެޓުގައި ޖެހިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ކުޑޫސް އެވެ.

ދެވަނަ ހާފު ފަށައިގެން ދެކުނު ކޮޮރެއާ އިން ނަތީޖާ ހަމަހަމަ ކުރީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ގާތްގާތުގައި ދެ ލަނޑު ޖަހައިގެންނެވެ.. ކޮރެއާއަށް މި ދެ ލަނޑު ވެސް ޖަހައިދިނީ ޗޯ ގޫ ސުން އެވެ. ފުރަތަމަ ލަނޑު އޭނާ ޖެހީ ލީ ކަން އިން ނަގައިދިން ހުރަހުން ބޮލުންޖަހައެވެ. އަދި، ދެ ވަނަ ލަނޑު ވެސް އޭނާ ޖެހީ ކިމް ޖިން ސޫ ނަގައިދިން ހުރަހަކުން ބޮލުން ޖަހައެވެ.

ދެކުނު ކޮރެއާ އިން ދެ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ގާނާ އިން ވަނީ އިތުރު ލަނޑެއް ޖަަހައި އަނެއްކާވެސް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑުވެސް ގާނާއަށް ޖަހައިދިނީ ދެ ވަނަ ލަނޑު ޖަހައިދިން ކުޑޫސް އެވެ.

މި މޮޅާއި އެކު ގާނާއިން ވަނީ ތިން ޕޮއިންޓާއި އެކު ގުރޫޕު އެޗްގެ ދެ ވަނައަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވި ކޮރެއާއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.

ގާނާ ފަހު މެޗުގައި ނުކުންނާނީ އުރުގުއޭ އާ ދެކޮޅަށެވެ. ކޮރެއާ ފަހު މެޗުގައި ނުކުންނާނީ ޕޯޗުގަލް އާ ދެކޮޅަށެވެ.