English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީ ގައި މިރޭ ސައޫދީ އަރަބިއާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ދެވަނަ ބުރުގެ އުންމީދު ޕޯލަންޑުން ބޮޑުކޮށްފިއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ޕޯލަންޑުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ސައޫދީ އަރަބިއާ އިންނެވެ. ގިނަ ފުރުސަތުތަކެއް ވެސް އެޓީމުން ތަނަވަސްކުރިއެވެ. ނަމަވަވެސް އެ ފުރުސަތުތައް ސައޫދީ އަށް ބޭނުން ނުހިފުނެވެ. ނަތީޖާއެއްގެ ގޮތުން ޕޮލަންޑުން މެޗުގެ 40 ވަނަ މިނެޓުގައި ޕޮލަންޑުން އުފެއްދި ކައުންޓައެތޭކެއްގައި އެޓީމުން ލަނޑު ޖަހާ ލީޑު ނެގިއެވެ. ލެވަންޑޯސްކީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޕޮލެންޑަށް ކާމިޔާބުކޮށްދިނީ ޒިއެލިންސްކީއެވެ.

ޕޮލަންޑުގެ މި ލަނޑަށް ފަހުވެސް ސައޫދީ އަރަބިއާއިން ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 45 ވަނަ މިނެޓުގައި ސައޫދީއަށް ނަތީޖާ ހަމަހަމަކޮށްލަން ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް އަލް ދައުސަރީ ފޮނުވާލި ޕެނަލްޓީ ޕޮލެންޑްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. މި ޕެނަލްޓީ އަކީ އަލް-ޝެހްރީއަށް ބިއަލެކް ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ދައޫދީއަށް ދިން ޕެނަލްޓީއެކެވެ.

ދެ ވަނަ ހާފުގައި ވެސް ސައޫދީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޕޮލަންޑުގެ ހާފުގެ ތެރޭގައި ކުޅެ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތައް ގޯލާ އަމާޒު ނުވިއެވެ. އަދި ގޯލާ އަމާޒުވި ހަމަލާތައް ޕޮލެންޑްގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން މި ހާފުގައި ޕޮލެންޑުން ކައުންޓަރ އެޓޭކްގައި ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދިއިރު، މި ދެ ހަމަލާވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޕޮލަންޑުން މެޗުގެ ދެވަނަ ލަނޑު ޖަހަ ލީޑު ފުޅާކުރީ 82 ވަނަ މިނެޓުގައި ސައޫދީގެ ޑިފެންޑަރު މާލްކީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލެވަންޑޯސްކީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު އެ ޓީމަށް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިގެން އެ ޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައި އޮތީ ތިން ޕޮއިންޓާއި އެކު އޮތް ސައުދީ އަރަބިއާއެވެ.