English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

އެކަށީގެންވާ އަދަދަކަށް، އައްޑޫ ސިޓީ ހިތަދޫ ޕޯޓު އަދި ކުޅުދުއްފުށްޓައް މުދާ ގެންނަ ނަމަ، ޝެޑިއުލް ދަތުރުތައް ރާވާނެކަމަށް އިންޑިއާގެ ޓޮޓިކޮރިންގެ ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސަލް އޯނާސް އެސޯސިއޭޝަން (ސީއެމްއެސްވީއޯއޭ)އިން ބުނެފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ސީއެމްއެސްވީއޯއޭ ގެ ވަފުދަކުން އައްޑޫ ސިޓީ އަދި ކުޅުދުއްފުށްޓައް ޒިޔާރަތްކޮށްފައިވާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު ޢަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް ޢަބްދުالله އާއި އެމްޕީއެލް މެނޭޖްމެންޓްގެ ޓީމެއްވެސް ވަނީ މި ދަތުރުގައި ބައިވެރިވެ ވަޑައިގެންފައެވެ. އައްޑޫ އަދި ކުޅުދުއްފުޓަށް ޒިޔާރަތް ކުރި އެ ވަފުދުގައި ޓުޓިކޮރިން އިން ރާއްޖެއަށް އާންމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުގެ ވެރިން ހިމެނެއެވެ.

މި ވަފުދުން އަންގާރަ ދުވަހު ކުޅުދުއްފުށްޓަކައި ޒިޔާރަތްކޮށް އެ ރަށުގެ ކައުންސިލާއި ވިޔަފާރިވެރިންނާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ، އަދި ބުދަ ދުވަހު މި ވަފުދު އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް، އައްޑޫ ސިޓީ ކައުންސިލާއި ވިޔަފާރިވެރިންނާ ބައްދަލުކޮށްފައިވެއެވެ.

މި ދަތުރާއި ގުޅިގެން އެމްޕީއެލް އިން ނެރުނު ބަޔާނުގައި ވަނީ ކުޅުދުއްފުށި އަދި އައްޑޫގައި ބޭއްވި ބައްދަލުވުންތަކުގައި، އެ ދެ ސިޓީގެ ޕޯޓަށް އިންޑިއާގެ ޓޮޓިކޮރިން އިން ޕެރިޝަބަލް އަދި އެހެން މުދާ ފޯރުކޮށްދޭ އުޅަނދުތައް އޮޕަރޭޓްކޮށްދިނުމަށް އެ ޖަމްއިއްޔާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި އެކަށީގެންވާ އަދަދަށް މުދާ ގެނެވޭނަމަ، އެ ދެ ސަރަހައްދަށް ވެސް ޝެޑިއުލް ދަތުރުތަކެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް އެމްޕީއެލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.