English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް 2022 ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އެޗުގައި ހިމެނޭ ގާނާއާއި ޕޯޗުގަލް ބައްދަލުކުރި މެޗު ޕޯޗުގަލް އިން ކާމިޔާބު ކޮށްފިއެވެ.

ގާނާއާއި ދެކޮޅަށް ކުޅުނު މި މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރި 3-2 ގެ ނަތިޖާއިންނެވެ.

ގާނާ އަދި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ކުޅުން ފެށިގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލް އިންނެވެ. ޕޯޗުގަލް އިން މި މެޗު ފަސައިގެން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ޕޯޗުގަލްގެ ދެ ހަމަލާއެއް ފަހަގަ ކުރެވުނެވެ. އެގޮތުން ބްރޫނޯ ފެނާންޑޭސް ގޯލު އޭރިޔާ ކައިރި ހުސްކޮށް ހުރި ރޮނާލްޑޯއަށް ދިން ހުސް ބޯޅަ ރޮނާލްޑޯ ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އެ ބޯޅައަށް ހުރަސް އެޅީ ގާނާގެ ކީޕަރު ލޯރެނެސް އަޓިޑިގީއެވެ. މީގެ އިތުރުން ގޯލު ކުރިމައްޗަށް ހުރަސް ވި ބޯޅައެއް ރޮނާލްޑޯ ބޮލުން ފޮނުވާލި އިރު އެ ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ޕޯޗުގަލް އިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ގާނާ ކުޅުންތެރިއަކު ރޮނާލްޑޯ އަށް ހުރަސް އަޅާ ވައްޓާލުމުން އެއީ ފައުލެއް ކަމަށް ބަލާ ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ ގޯލާއި އެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ތަފާތު ފަސް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާ އަށެވެ.

ގާނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 73 ވަނަ މިނިޓްގައި އޭރިއާތެރެއިން، ގާނާގެ މުހައްމަދު ކުޑޫސް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަޔޫ އެވެ.

ގާނާގެ މި ލަނޑަށް ފަހު ޕޯޗުގަލް އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިިދިނީ މެޗުގެ 78 ވަނަ މިނިޓްގައި ޔާއޯ ފެލިކްސް އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން އޭރިއާތެރެއިން ފެލިކްސް ޖެހި ލަނޑެކެވެ. އޭގެ ދެ މިނިޓް ފަހުން، ކައުންޓަ އެޓޭކްގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖެހީ ރަފައެލް ލެއާއޯ އެވެ. ގާނާ އިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 89 ވަނަ މިނިޓްގައި އޮސްމާން ބުކާރީ ޖެހި ލަނޑުންނެވެ.

ރޭގެ މި ނަތީޖާއާއި އެކު އެކު ޕޯޗުގަލް އޮތީ ހުރޫޕުގެ އެއްވަނާގައި ތިން ޕޮއިންޓާއި އެކުގައެވެ. މިގުރޫޕުގައި ދެން ހިމެނޭ ކޮރެއާ އަދި އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރުވިއިރު، މީގެ ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ރޭ ޕޯޗުގަލް އަތުން ބަލިވި ގާނާއެވެ.