English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް ގްރޫޕް ޖީ ގައި ހިމެނޭ ކެމަރޫން އަދި ސްވިޒަލެންޑު ބައްދަލުކުރި މެޗު، ސްވިޒަލެންޑް ކާމިޔާބު ކޮށްފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމުގައި މިއަދު ކުޅުނު މި މެޗު ސްވިޒަލެންޑުން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯޯލް ކޮށް ރަނގަޅަށް ކުޅުނީ ސްވިޒަލެންޑުންނެވެ. ކެމަރޫންގެ ހާފުތެރޭގައި ގިނަ ވަގުތު ޕާސް ޖަހައިގެން ކުޅުނު ނަމަވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް ކެމަރޫނުން ވަނީ ކައުންޓަ އެޓޭކުގައި ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެމްބިއުމޯ އަދި ހިންގްލާގެ ހަމާލާތައް ފާހަގަވިއެވެ. ނަމަވެސް މި ހަމަލާތަކުހެ ހުރަހަކަށް ވީ ކީޕަރު ސޮމާއެވެ.

ދެ ވަނަ ހާފު ފެށިގެން އެންމެ ފަސް މިނެޓުގެ ތެރޭގައި ސްވިޒަލެންޑުން ލަނޑު ޖަހާ ލީޑު ނެގިއެެވެ. ޝަގީރީ ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރީލް އެމްބޯލޯއެވެ. މި ލަނޑަށް ފަހުވެސް ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުން ދިޔައިރު، ހާފުހެ ފަހު ވަގުތުކޮޅުގައި އެޓީމުން ވަނީ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މި ހަމަލާތައް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.

ސްވިޒަލެންޑް އަދި ކެމަރޫން ބައްދަލުކުރި މި މެޗަކީ ގުރޫޕު ޖީގެ ފުރަތަމަ މެޗެވެ. މި ގުރޫޕުގެ ދެވަނަ މެޗުގައި މިރޭ ބްރެޒިލް އާއި ސާބިއާ ބައްދަލުކުރާނެއެވެ. އެ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12:00 ގައެވެ.