English Edition
Dhivehi Edition

މިހާރު ފެށިގެން ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި މިއަދު ގުރޫޕު ސީގައި ހިމެނޭ އާޖެންޓީނާއާއި ސައުދީ އަރަބިއާ ބައްދަލުކުރާ މެޗަކީ ވެސް ފޯރިގަދަ މެޗަކަށް ވާނެއެވެ. މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އާޖެންތީނާ އާއި ސައުދޫ އަރަބިއާ ބައްދަލުކުރާއިރު، މިއީ މި ދެޓީމުގެ ފަސްވަނަ ބައްދަލުވުމެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ސައުދީ އަރަބިއާއިން ކުރިމަތިލަނީ 2018ގެ ވޯލްޑް ކަޕުގައި ކުރިމަރިލާން ޖެހުނު ހިތްދަތިކަން ހަނދާން ނައްތާލާ ރަނގަޅު ނަތީޖާތަކެއް ނެރުމުގެ އުންމީދުގައެވެ. މިއީ ސައުދީ އަރަބިއާއިން ވޯލްޑް ކަޕުގައި ވާދަކުރާ ފަސް ވަނަ ފަހަރެވެ. އޭސިއާގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ސައުދީ އަރަބިއާއިން ވަނީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯލަ މުބާރާތް ކަމުގައިވާ އޭސިއަން ކަޕް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ. އަސުދީއަށް މިހާތަނަށް ވޯލްޑް ކަޕުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1994 ވަނަ އހަރު އެމެރިކާގައި ބޭއްވުނު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމެވެ. އެންމެ ފަހުން 2018 ގެ މުބާރާތުން އެޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

ސައުދީ އަރަބިއާ އަކީ މާ ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް ނޫނެވެ. ސައުދީގައި ތިބީ މުޅިންވެސް ޔޫރަޕްގެ ތަޖުރިބާއެއް ނެތް އަމިއްލަ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ނަމަވެސް އާޖެންޓީނާއާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ކަމަށް އެޓީމުން އުންމީދު ކުރެއެވެ. ސައުދީން ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންނަށް ބަލާއިރު، އަލް އަމީރީ، ޔާސިރު އަލް ސަހުރާނި، ސަލްމާން އަލް ފަރަޖް ގެ އިތުރުން ފިރާސް އަލް ބަރައިކަން ހިމެނެއެވެ.

އާޖެންތީނާއިން ވަނީ 16 ވޯލްޑް ކަޕުގައި ކުޅެފައެވެ. މިފަހަރުގެ މުބާރާތަކީ އެޓީމުން ކުޅޭ 17 ވަނަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 1978 އަދި 1986 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމެވެ. ނަމަވެސް އޭގެ ފަހުން އެޓީމަށް މި މުބާރާތުގެ ތައްޓެއް ނުލިބެއެވެ. ނަމަވެސް މި މުބާރާތުގެ ފައިނަލުގައި ދެފަހަރު ކުޅުނެވެ. އެއީ 1990 އަދި 2014 ވޯލްޑް ކަޕުގައެވެ. އާޖެންޓީނާ ވަނީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާއެމެރިކާ 15 ހޯދާފައެވެ. އެންމެ ފަހުން އެޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުއެވެ.

އާޖެންޓީނާ އަކީ ޔޫރަޕުގެ މަޝްހޫރު ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އެގޮތުން އެތީމުން އެންމެ ބޮޑަށް ފަހަގަކޮށްލެވެނީ ލިއޮނެލް މެސީއެވެ. އުމުރުން 35 އަހަރުގެ މެސީ އަކީ މިވަގުތު ޕީއެސްޖީގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ. މެސީގެ އިތުރުން އެމެލިއާނޯ މާޓިނޭސް، ކްރިސްޓިއަން ރޮމޭރޯ، ރޮޑްރީގޯ ޑި ޕޯލް އަދި ލަޓޫރޯ މާޓިނޭޒް އަކީ އާޖެންޓީނާ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ދެ ޓީމުގެ ހާލަތު:

ސައުދީ އަރަބިއާ ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ މިޑްފީލްޑަރު ރިޔާދު ޝަރަހިލީ އަދި ޑިފެންޑަރ ހަސަން ތަމްބަކްޓީ އަށް އަނިޔާވެފައި ވުމަކީ ދައުދީ ޓީމަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެކެވެ. އަނިޔާގައި ތިބި ނަމަވެސް މި ދެކުޅުންތެރިން ވަނީ ސްކޮޑުގައި ހިމަނާފައެވެ. އަނިޔާގެ ސަބަބުން މި ދެކުޅުންތެރިންނަށް ނުކުޅެވޭ އިރު، މިއީ ސައުދީ ޓީމުގެ ކޯޗު ހާވޭ ރެނާޑް އަށް ކުރިމަތިވާނޭ އެންމެ ބޮޑު މައްސަލައެވެ.

އާޖެންތީނާ ޓީމަށް ބަލާއިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމުގައިވާ ޖިއޮވާނީ ލެ ސެލްސޯ އާއި ޖޯކިން ކޮރެއާ އަދި ނިކޮލަސް ގޮންޒާލޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. މި ކުޅުންތެރިން ސްކޮޑުން ބާކީ ކުރަން ޖެހުމަކީ ކޯޗު ލިއޮނަލް ސްކަލޯނީ އެންމެ ބޮޑަށް ކަންބޮޑުވި އެއް މައްސަލަކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ޕައުލޯ ޑިބާލާ، ލިއަންޑްރޫ ޕަރޭޑޭސް އަށް އަނިޔާގެ މައްސަލަ ކުރިމަތިވި ނަމަވެސް ސްކޮޑުގައި ވަނީ ހިމަނާފައެވެ.

ގުރޫޕް ސީގައި ހިމެނޭ އާޖެންޓީނާ އަދި ސައުދީ އަރަބިއާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖޭ ގަޑިން 15:00 ގައެވެ.