English Edition
Dhivehi Edition

ޤަޠަރުގައި ފަށާ ފީފާ ވޯލްޑްކަޕްގެ ޕްރީ ޝޯ އަދި ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މެޗް ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާތަނަށް ވަޑައިގެންފި އެވެ.

ވޯލްޑްކަޕް ފެށުމުގެ ގޮތުން ރޭ ބައްދަލުކުރާ މެޗްގައި ބައްދަލުކުރަނީ ޤަޠަރާއި އެކުއެޑޯއެވެ. ހުޅުމާލޭގެ އިތުރުން މާލެއާ ރާއްޖޭގެ އެކި ރަށްރަށުގެ ޢާންމު މައިދާންތަކުގައި ގިނަ ބަޔަކު އެއްވެ ތިބެގެން މެޗް ބެލުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ޒަމާންވީ އާދައެކެވެ.

މިއަހަރު ޤަޠަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޤަޠަރުގެ އަމީރަށް ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު ވަނީ މި ފަހަރުގެ ވޯލްޑް ކަޕް މުސްލިމް ޤައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާ ކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ޤަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކަށް ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބިވަޑައިގަންނަވާކަމެއްކަން ފާހަގަކުރައްވާފަ އެވެ.