English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން ކިތަންމެ ވަރަކަށް ޖެއްސުން ކުރިޔަސް، މަސައްކަތް ކުރުމުގެ ހިތްވަރާއި ގާބިލުކަން އެބަހުރި ކަމަށް މަޖިލީހުގެ މެޖޯރިޓޯ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ނިހާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރިއަސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ޕީޕީއެމްގެ ޕީޖީ މެމްބަރުންގެ ކިބާގައި އެބަހުރި ކަމަށާއި އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތަކީ މަސީހަށް އުނދަގޫކޮށް، މަޖިލިސް ހިންގަން ހުރަސް އެޅުއްވުން ކަމަށެވެ. މީގެ އިތުރުން ނިހާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިދިކޮޅު މެމްބަރުން އިހްތިޖާޖް ކުރައްވަނީ އެއްވެސް ސާބިތު ހެއްކަކާއި ގަރީނާއެއް ނެތި ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ “ކިގާލީ އެމެންޑްމެންޑް ޓު ދަ މޮންޓޮރިއަލް ޕްރޮޓޮކޯލް” ރާއްޖެއިން ތަސްދީގު ކުރުމާ މެދު މަޖިލީހުން ރުހުން ހޯދުމަށް ހުށަހަޅާފައިވާ ޖަލްސާގައި ތިމާވެއްޓަށް އެހީތެރިވުމަށް މަސައްކަތް ކުރާ، ތިމާވެއްޓަށް ސަމާލުކަން ދޭ ބައެއް ކަމަށް ވާހަކަ ދައްކާ މެމްބަރުން މިއަދު މަޖިލީހުގައި ހިންގަވަނީ ޖަރީމާއެއް ކަމަށެވެ.