English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމުކަމަށްވާ ގަތަރުގައި މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތް ބާއްވާއިރު، މުބާރާތުގެ ކުލަ ގަދަވެފައި، ފުރިހަމައެވެ. އެގޮތުން މިފަހަރުގެ މުބާރާތައް ގަތަރުން ތައްޔާރު ކޮށްފައިވާ ސްޓޭޑިއަމްތައްވެސް ރީތިވެފައި އެހާމެ ފުރިހަމައެވެ. އެހެންކަމުން މި ބަލައިލަނީ، ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ މެޗުތައް ކުޅޭނެ ސްޓޭޑިއަމްތަކަށެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން ގަތަރުން މުޅިން އަލަށް 7 ސްޓޭޑިއަމްއެއް އަޅާފައިވާއިރު، މި ސްޓޭޑިއަމްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ ޓެކްނޮލޮޖީއާއެކު އޯޕަން އޭއާ ކޫލިންގް ނިޒާމުތައްވެސް ގާއިމުކުރެވިގެން ބިނާކޮށްފައިވާ ސްޓޭޑިއަމްތަކެކެވެ.

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ މި ސްޓޭޑިއަމް އަޅާފައިވަނީ 1976 ވަނަ އަހަރުއެވެ. 40000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްއަކީ، ގަލްފްކަޕް، އޭޝިއަން ގޭމްސް އަދި އޭއެފްސީ އޭޝިއަން ކަޕް ފަދަ ބޮޑެތި މުބާރާތްތަކެއްގެ މެޗުތައް މިހާތަނަށް ކުޅެފައިވާ ޒަމާނީ ސްޓޭޑިއަމްއެކެވެ.

ލުސާއިލް ސްޓޭޑިއަމް

ދޯހާގެ އުތުރުން 23 ކިލޯމީޓަރު ދުރުގައި އޮންނަ ލުސާއިލް ސިޓީގައި އަޅަމުންދާ ލުސާއިލް ސްޓޭޑިއަމްއަކީ ގަތަރު 2022 ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތާ، ފައިނަލް މެޗު ކުޅެވިގެންދާނެ ސްޓޭޑިއަމްއެވެ. މިއީ 80000 މީހުންގެ ޖާގައިގެ ސްޓްޑޭއިއަމް އެކެވެ.

އަލް ބައިތު ސްޓޭޑިއަމް

60000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ހުންނަނީ އަލް ޚޯރު ސިޓީގައެވެ. އަލް ބައިތު ސްޓޭޑިއަމް ފަރުމާ ކޮށްފައިވަނީ، ގަތަރުގެ ސަހަރާތަކުގައި ބޭނުންކުރާ ޓެންޓުތައް ރަމްޒުކޮށްދޭ ބައްޓަމަށެވެ. މި ސްޓޭޑިއަމުގައި ގްރޫޕް ސްޓޭޖްގެ 5 މެޗު (މުބާރާތް ހުޅުވާ މެޗާއެކު)، ރައުންޑް އޮފް 16ގެ 1 މެޗު، ކުއާޓާ ފައިނަލް 1 މެޗު، ސެމީ ފައިނަލް 1 މެޗު ކުޅޭނެއެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް

މިއީ ގަތަރުގެ ރަށްބޭރުން އޮންނަ އިލްމީ މަރުކަޒުތަކުގެ މެދުގައި އަޅަމުންދާ ސްޓޭޑިއަމްއެކެވެ. އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތަކާ ހިސާބުން ސްޓޭޑިއަމްގެ ދެބައިކުޅަ އެއްބައި އުނިކޮށް، އެސަރަހައްދުގައި ހުރި ސީޓިންގް ސިސްޓަމްތައް، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ސްޓޭޑިއަމް އެޅުމަށް ހަދިޔާ ކުރާ އުސޫލަކަށް ވިސްނައިގެންނެވެ. އެއީ ގާތްގަނޑަކަށް 20000 ސީޓްއެވެ.\ މިއީ 40000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ.

އަލް ރައްޔާން ސްޓޭޑިއަމް

ގަތަރުގައި 2 ވަނައަށް އެންމެ ބައިބޯ ސިޓީގައި އަލް ރައްޔާން ސްޓޭޑިއަމް އަޅާފައިވަނީ ކުރީގެ އަހުމަދު ބިން އަލީ ސްޓޭޑިއަމް ހުރި ސަރަހައްދުގައެވެ. މި ސްޓޭޑިއަމްގައި ގަތަރަށް މަޝްހޫރު އަލް ރައްޔާން ސްޕޯޓްސް ކުލަބުގެ މައި ދަނޑެވެ. މި ސްޓޭޑިއަމްއަކީވެސް 40000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

އަލް ތުމާމާ ސްޓޭޑިއަމް

40000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ހުންނަނީ ގަތަރުގެ ވެރިރަށް ދޯހާގެ 12 ކިލޯމީޓަރު ދެކުނުގައެވެ. މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ އަރަބި ފިރިހެނުން އާންމުކޮށް ބޮލުގައި އަޅަން ބޭނުންކުރާ ގަހްފިއްޔާ ރަމްޒުކޮށްދޭ ގޮތަކަށެވެ. މި ސްޓޭޑިއަމްއަށްވަނީ އާކިޓެކްޗަރަލް ރިވިއު ފިއުޗާ ޕްރޮޖެކްޓްސް އެވޯޑްވެސް ލިބިފައެވެ.

ރަސް އަބޫދު ސްޓޭޑިއަމް

ގަލްފްގެ އައްސޭރިފަށުގެ ސަރަހައްދުގައި އަޅާފައިވާ ރަސް އަބޫދު ސްޓޭޑިއަމްއަކީ ގަތަރުގެ ހިތްގައިމު އުމްރާނީ ތަސްވީރުގެ މަލަމަތި ބެކްޑްރޮޕެއްގެ ގޮތުގައި ފެނިގެންދާ ސްޓޭޑިއަމްއެކެވެ. 40000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ވޯލްޑްކަޕް މުބާރާތް ނިމުމުން އެކީއެކައްޗަކަށް ރޫޅާލުމަށްފަހު، އެކި ކަހަލަ ކުޅިވަރު އިވެންޓްތަކާ، ކުޅިވަރާ ގުޅުންނެތް އެކި އިވެންޓްތައް ބޭއްވޭ ގޮތަށެވެ.