އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕު 2022 ގެ ޗެމްޕިއަންކަން ފޭދޫ ސްޕޯޓްސް އިން ހޯދައިފި އެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު އެއްކޮށްހެން ޑޮމިނޭޓް ކޮށް ފޭދޫ ސްޕޯޓްސް މި މުބާރާތް ކާމިޔާބު ކުރީ ބޭރުމަތި އެފްސީ އާއި ވާދަކޮށް 5-0 އިންނެވެ. މިއީ ފޭދޫ ސްޕޯޓްސް އިން މި ތަށި އުފުލާލި ދެވަނަ ފަހަރެވެ.
މުބާރާތުގެ ފައިނަލް މެޗަށް ބަލާއިރު ފޭދޫ ސްޕޯޓްސް އިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ބޭރުމަތިން މާގިނަ ހަމަލާތަކެއް އުފައްދާފައި ނުވާކަން ފާހަގަވި އެވެ. މެޗުގެ އެންމެ ބޮޑު އުސްއައްޔަކީ ލިރުއާމް ކާމިޔާބު ކޮށްދިން ލަނޑުތަކެވެ. މި މެޗުގައި ހެޓްރިކް ހަދާފައިވާއިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ލިރުއާމެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ސްޕޯޓްސް އިން ތިން ލަނޑު ޖަހާފައި ވެއެވެ. އެގޮތުން ފުރަތަމަ ލަނޑު ޖަހާފައިވަނި މެޗުގެ 5 ވަނަ މިނިޓުގައި މަހުދީ އެވެ. މި ލަނޑާއެކު ފޭދޫ ސްޕޯޓްސް އިން ބެރުމަތި ޑިފެންސަށް ނުރައްކާ ކުރަމުން ދިޔަ އެވެ. އަދި މާގިނަ އިރެއް ނުވެ، ފެނިގެން ދިޔައީ ލިރުއާމް ގެ ލަނޑެކެވެ. މެޗުގެ 9 ވަނަ މިނިޓުގައި ކާމިޔާބު ކުރި ލަނޑާއެކު ބޭރުމަތިން ކުޅުން ވަރުގަދަ ކޮށް ފޭދޫ ގެ ހާފު ތެރޭގައި ގިނަ ވަގުތު ބޯޅަ ގެންގުޅެމުން ދިޔަ އެވެ.
އަވަސް ޕާސް ތަކާއެކު ބޭރުމަތިން ލަނޑެއް ޖަހާލެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ތަށި ދިފާއު ކުރަން ނިކުމެ ތިބި ފޭދޫ ސްޕޯޓްސް ޓީމުން 20 ވަނަ މިނިޓުގައި ލިރުއާމްގެ އިތުރު ލަނޑެއް ޖަހައި ފުރަތަމަ ހާފު 3-0 ގައި ނިންމާލި އެވެ.
ދެވަނަ ހާފަށް ބޭރުމަތިން ނިކުތީ ނަތީޖާ ބަދަލުކޮށް މެޗު އެއްވަރު ކޮށްލުމުގެ ފޮނި އުއްމީދުގަ އެވެ. އެހެން ނަމަވެސް މެޗުގައި ވަރުގަދަ ކުޅުމެއް ދައްކަމުންއައި ފޭދޫ ސްޕޯޓްސް ލިރުއާމު، މަހުދީ އަދި ސިދާމް ވަނީ މެޗު ކާމިޔާބު ކުރުމުގައި އިސް ރޯލެއް އަދާކޮށްފަ އެވެ.
މި ކުޅުންތެރިން ގިނަ ވަގުތު ބޯޅަ ހިފައިގެން ރަނގަޅު ޕާސްތައް ދިނުމުގައި ސާބިތުވެ ތިބުމުގެ ނަތީޖާ އަކީ މަހުދީގެ ދެވަނަ ލަނޑު ކާމިޔާބު ކުރުމެވެ. މި ލަނޑަށް ފަހު ބޭރުމަތިން އަނެއްކާ ވެސް ގިނަ ވަގުތު ފޭދޫ ހާފުގައި ބޯޅަ ގެންގުޅެވޭތޯ މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔަ އެވެ. ނަމަވެސް ފޭދޫ ސްޕޯޓްސްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ބޭރުމައްޗަކަށް ނުވިއެވެ. އަދި މެޗުގެ 65 ވަނަ މިނިޓުގައި ލަރުއާމް ގެ 3 ވަނަ ލަނޑާއެކު، ފޭދޫ ސްޕޯޓްސް އިން ހިންދެމިލައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މަޑުމަޑުން ބޭރުމަތި ގޯލަށް ނުރައްކާ ކުރަމުން ދިޔަ އެވެ. ބޭރުމަތިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކީޕަރު އައްޓަޑާ ވަނީ މަތަކޮށް އޭނާގެ ކްލީންޝީޓް ހިފަަހައްޓާފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 5-0 އިން ފޭދޫ ސްޕޯޓްސް މެޗު ކާމިޔާބުކޮށްގެން ނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސްގެ ލިރުއާމެވެ.
މި މުބާރާތް ނިންމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ސްޕޮންސަރުންނާއި، ބޯލް ބޯއިޒް އަދި އެކި ގޮތްގޮތުން މުބާރާތް ރާވައި ހިންގުމުގައި އެހީތެރިވި ބޭފުޅުނުންނަށްވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްފަ އެވެ.
މި މުބާރާތުގެ ރަންވަނަތަކުގެ ތެރޭގައި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ ސްޕޯޓްސް ގެ އަލީ ލިރުއާމެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ޗެމްޕިއަން ފޭދޫ ސްޕޯޓްސްގެ ކީޕަރު އަހުމަދު އަޝްފާގް (އައްޓަޑާ) އެވެ. އަދި އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔަކީ މަރަދޫ ސްޕޯޓްސް ގެ ހަސަން ލައުހް އެވެ.
އެންމެ މޮޅު މިޑްފީލްޑަރަކަށް ފޭދޫ ސްޕޯޓްސް ގޯލްޑަން ބޯއި ލިރުއާމް ހޮވުނުއިރު، އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ފޭދޫ ސްޕޯޓްސް ގެ މަހުދީ އެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ އެންމެ ޒުވާން، ޕްރޮމިސިން ޕްލޭޔަރަކަށް ހޮވިފައިވަނީ އަޖައިބުކުރަނިވި ރީތީ މޮޅު ކުޅުމެއް ކުޅެ ރީތި ލަނޑުތަކެއް ޖަހާފައިވާ. މަރަދޫ ސްޕޯޓްސް ގެ މުޙައްމަދު ސަހާއު އަލީ އެވެ. މުބާރާތުގެ ސެމީފައިނަލަށް މަރަދު އެފްސީ ގެންދިއުމުގައި ސަހާއު ވަނީ ވަރަށް ބޮޑު ރޯލެއް ކުޅެދީފައެވެ.
އެންމެ ގިނަ ލަނޑު ޖަހާފައިވަނީ މެދުވަލު އެފްސީގެ ޖާޒީ ނަންބަރު 30، ހަސަން ނަޒީމް، ޗޯޓު އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޗެމްޕިއަން ފޭދޫ ސްޕޯޓްސްގެ ކޯޗު އިބްރާހީމް ނިޒާރެވެ.
މި މުބާރާތުގެ އެކި ވަނަތައް ހާސިލު ކުރި ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ހަވާލު ކުރިއިރު ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމް ހަވާލު ވަނީ ކޮށްފަ އެވެ.
މި މިބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ، އަދި ރަނަރަޕް ޓީމަށް ފަންސަވީސް ހާސް ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ.
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ ފަޚުރުވެރި ތަށި ޗެމްޕިއަން ޓީމާއި ހަވާލުކޮށް ދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނު، ހެޕީމާކެޓް ޓްރޭޑިން ގެ ސީއީއޯ ޑރ. އަލީ އިހުސާނެވެ. އަދި އަދި އަރިހުގައި އައްޑޫ މޭޔަރ އަލީ ނިޒާރު ބައިވެރިވިއެވެ.