English Edition
Dhivehi Edition

ޖަރުމަން އެންމެ ފުރަތަމަ ވާދަކުރީ 1934 ވަނަ އަހަރު އިޓަލީގައި ބޭއްވުނު ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ތިންވަނަ އެގައުމުން ހޯދިއެވެ. ޖަރުމަނުގެ ފުރަތަމަ ވޯލްޑް ކަޕް ހޯދީ ސްވިޒަލެންޑުގައި 1954 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕް މުބާރާތެވެ. 10 އަހަރު ފަހުން 1974 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ވޯލްޑް ކަޕް މުބާރާތްވެސް ޖަރުމަނުން ކާމިޔާބު ކުރިއެވެ. ޖަރުމަނުން ތިންވަނަ ވޯލްޑް ކަޕް ހޯދީ 1990 ވަނަ އަހަރުއެވެ.

ޖަރުމަނަށް ހަތަރުވަނަ ތަށި ހޯދައިދިނީ ކޯޗު ޔޮކިމް ލޯއާއެކު ނުކުތް ޒުވާން އިންގިލާބީ ޓީމުންނެވެ. އެގައުމުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރީ ތާރީހީ ނަތީޖާތަކެއް މުބާރާތުގައި ނެރެފައެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިގެން ދިޔުން ވީ ބޮޑު ހައިރާން ކަމަކަށެވެ.

ޔޫރަޕް ޒޯން ވޯލްޑްކަޕު ކޮލިފައިން ބުރުގައި އެންމެ ރަނގަޅު ރެކޯޑެއް ހޯދީ ޖަރުމަނުންނެވެ. ކުޅުނު 10 މެޗުގެ ތެރެއިން އެއްމެ މެޗެއް ފިޔަވައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. ޔޫރަޕްގެ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ދެ ޓީމުގެ ތެރެއިން އެއް ޓީމަކީވެސް ޖަރުމަނެވެ. ކޮލިފައިގައި އެ ޓީމުން 36 ގޯލް ޖެހި އެވެ. އެ ޓީމު ކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ. ގުރޫޕްގެ ދެ ވަނަ ހޯދި ނޯތް މެސެޑޯނިއާގެ މައްޗަށް 9 ޕޮއިންޓްގެ ލީޑެއް ޖަރުމަނުން ހޯދި އެވެ.

ޖަރުމަނު މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު، އެޓީމުގެ ކޯޗަކީ ހަންސި ފްލިކްއެވެ. އޭނާ ޖަރުމަން ގައުމީ ޓީމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. ފްލިކް އަކީ މީގެ ކުރިން ޖަރުމަން ޓީމުގެ އެސިސްޓެންޓް ކޯޗެވެ. އޭނާ ޓީމާއި ހަވާލުވީ ކުރިން ކޯޗަކަށް ކުރި ޖޯކިމް ލޯ 2020 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު މަގާމުން ވަކިވުމުނެވެ. މިއީ ފްލިކްސް ގެ ކޯޗުކަމުގައި ޖަރުމަން ނިކުންނަ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ.

ޖަރުމަނަކީ ތަރިންގެ ޓީމެކެވެ. އަބަދުވެސް މޮޅެތި ކުޅުންތެރިންތަކެއްފެނިގެންދާ ޖަރުމަން މިފަހަރުގެ މުބާރާތައް ނިކުންނައިރު، އެޓީމުގައި މުޅިންވެސް ތިބީ ހުނަރުން ފުރުފައިވާ ކުޅުންތެރިންނެވެ. ޖަރުމަނު ޓީމުން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިންނަށް ބަލާއިރު، ތޯމަސް މުލާ، ސާޖް ގިނަބްރީ، ލިރޯއީ ސާނޭ، ގޯލް ކީޕަރު މެނުއެލް ނޯޔާ ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ގުރޫޕް ސްޓޭޖުގައި ޖަރުމަން ކުޅޭ މެޗުތައް

23 ނޮވެމްބަރ 2022 | ޖަރުމަނު – ޖަޕާން | 18:00

28 ނޮވެމްބަރ 2022 | ސްޕެއިން – ޖަރުމަނު | 00:00

2 ޑިސެމްބަރ 2022 | ކޮސްޓަރިކާ – ޖަރުމަނު | 00:00